ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކުރީގެ ސިފައިންނަށް ގައުމީ ހިދުމަތަށް ގޮވާލައިފި

ސިފައިންގެ އިސް ހިދުމަތްތެރިންނަށް ގައުމީ ހިދުމަތަށް ގޮވާލައިފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ހިންގޭ އޮޕަރޭޝަނަށް ވޮލަންޓިއާ ކުރުމުގެ ފުރުސަތު މިލިޓަރީ ވެޓެރަންސްއަށް ހުޅުވާލާފައިވާ ކަމަށެވެ.

ކުރިން އެމްއެންޑީއެފްގެ ވަޒީފާގައި މަސައްކަތް ކޮށްފައިވާ މީހުންގެ ތެރެއިން، ކޮވިޑް-19 އޮޕަރޭޝަނަށް ވޮލަންޓިއާ ކުރައްވަން ބޭނުންވާ މީހުން، ފޯނުން ގުޅާ ނަންނޯޓް ކުރުމަށް ނުވަތަ އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

އެގޮތުން 3323708 ނުވަތަ 3322496 ގުޅުމަށް ނުވަތަ [email protected] އީމެއިލް ކުރުމަށް އާޒިމް ވަނީ އެދިފައެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދިވެހި ސިފައިން ގެންދަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މި ހާލަތުގައި ބަލި މީހުންނާއި، ޝައްކު ކުރެވޭ މީހުން އެ ތަނުން އަނެއް ތަނަށް އުފުލުމާއި، ސީއެމްބިއުލާންސްގެ އޮޕަރޭޝަން އަދި ކަރަންޓީން ފެސިލިޓީތަކާއި، އައިސޮލޭޝަން ފެސިލިޓީތައް ބެލެހެއްޓުމުގައިވެސް އެންމެ އިސްކޮށް މަސައްކަތް ކުރަމުންދަނީ ސިފައިންނެވެ. މީގެ އިތުރުން އެހެން އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް ސިފައިން ގެންދަނީ ކުރަމުންނެވެ.

އެސްޓީއޯގެ ހޯމް ޑެލިވަރީއަށް ބާރު ބޮޑުވެ، ހުއްޓިފައިވާތީ، ގޭގެއަށް މުދާ ގެންގޮސް ދިނުމުގެ މަސައްކަތްވެސް ސިފައިން ރޭ ވަނީ ކޮށްފައެވެ.