ކޮވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި އަންހެން މީހާ ހިނަވާނީ ތަމްރީންވެފައިވާ ދިވެހި އަންހެން ސިފައިން ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ދަންވަރު ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ފުރަތަމަ މީހަކީ އުމުރުން 83 އަހަރުގެ އައިމިނަތު އާދަމް ކަމަށެވެ.
އޭނާއަކީ ކޮވިޑަށް ޕޮޒިޓިވްވީ މީހެއްގެ ކޮންޓެކްްޓްރޭސިންގައި ހިމެނިގެން މިމަހުގެ 27 ވަނަ ދުވަހު ސާމްޕަލް ނަގާފައިވާ މީހެއް ކަމަށެވެ.
އެމީހާ މަރުވީ ނަތީޖާ ނުލިބި ވަނިކޮށެވެ. މިނިސްޓަރު އަމީން ވިދާޅުވީ މަރުވި މީހާ ވަޅުލާނީ ތަޔައްމަމު ކުރުމަށްފަހު ކަމަށެވެ. އަދި އޭނާ ހިނެވުމުގެ ކަންކަމުގައި ހަރަކާތްތެރިވާނީ ތަމްރީން ލިބިފައިވާ އަންހެން ސިފައިން ކަމަށެވެ.
ކޮވިޑް-19 ގައި ރާއްޖެއިން މީހަކު މަރުވެއްޖެ ނަމަ ކަށުކަމާކެމީގެ ކަން ކަމަށް ސިފައިން ވަނީ ތަމްރީންކޮށްފައެވެ. ރާއްޖޭގެ ޑޮކްޓަރުންގެ ލަފާގެ މަތިން ސިފައިންނަށް އެފަދަ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު ދީފައިވަނީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހާއްސަ ޕްރަގްރާމެއްގެ ތެރެއިންނެވެ.
އެ ތަމްރީންތައް ސިފައިންގެ ދެ ޖިންސުގެ 15 މީހަކަށް ވަނީ ދީފައެވެ.
ކޮވިޑްގައި މީހަކު މަރުވެއްޖެ ނަމަ އޭނާ ފެނުން ހިނެވުމުގެ ބަދަލުގައި ތަޔައްމަމު ކުރަނީ އެވެ. ނަމަވެސް ހަށިގަނޑު އަންދާލުމަކީ ދީނީ ގޮތުން ހުއްދަ ކަމެެއް ނޫނެވެ.
ކޮވިޑްގައި މީހަކު މަރުވެއްޖެނަމަ އާއިލާއަށް މޫނު ދެއްކުމާއި، ކަށުނަމާދުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމާއި ގުޅޭގޮތުން ހާއްސަ ގައިޑްލައިނެއް ވަނީ ތައްޔާރު ކޮށްފަ އެވެ. ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު މި ދުވަސްވަރު މަރުވާ މީހުންގެ މޫނު ދެއްކުން ވެސް މާލޭގައި ކުރިއަށް ނުގެންދެ އެވެ. އަދި އާއިލާގެ މީހުންނަށް ނޫނީ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތެއް ވެސް ނުދެ އެވެ.