ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވޭތުވެ ދިޔަ 14 ދުވަހު ލިލީ ސްޓޯރަށް ދިޔަ މީހުން ހޯދަނީ

ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި މާލޭގެ ބަނދަރު މަތީގައި ހުންނަ ލިލީ ސްޓޯރަށް ދިޔަ ފަރާތެއްވާނަމަ އެކަން އެންގުމަށް ބައެއް ރަށްރަށުގެ ޓާސްކު ފޯހުން އެދެފި އެވެ. އެގޮތުން ދ. މީދޫ ކޮވިޑް-19 ޓާސްކު ފޯހުން ވަނީ އެ ފިހާރައަށް ދިޔަ މީހަކު ވާނަމަ އެކަން އަވަހަށް އެންގުމަށް އެދިފަ އެވެ.

ބަނދަރު މަތީ ހުންނަ ލިލީ ފިހާރައަކީ ރަށްރަށުން ގިނަ އަދަދަކަށް މީހުން ދާ ފިހާރައެކެވެ.

މާލެއިން މިހާތަނަށް ޕޮސިޓިވް ވި މީހުންގެ ތެރޭގައި ލިލީ ޝިޕިންގެ ހަތަރު މީހަކުވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެ ފަހުން ޕޭޝަންޓް 23އާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. ޕޭޝަންޓް 24 އާއި ޕޭޝަންޓް 25 އެވެ. އިއްޔެ ހެނދުނު ޕޮޒިޓިވްވި ޕޭޝަންޓް 26 އަކީ ވެސް ޕޭޝަންޓް 23 ގެ ކޮންޓެކްޓެކެވެ. އެއަށްފަހު ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28، އޭގެ ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާ ގުޅުމެއް ނެތެވެ.

މީގެތެރެއިން ޕޭޝަންޓް 27 އާ ސީދާ ކޮންޓެކްޓްވި މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ހެނދުނު ވެސް ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން އެކަކަކީ (ޕޭޝަންޓް 30)އަކީ ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އަދި އަނެއް މީހާއަކީ (ޕޭޝަންޓް 31) އަކީ ޕޭޝަންޓް 28 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

މީގެ ކުޑައިރުކޮޅެއްގެ ކުރިންވެސް އިތުރު ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޑިޓަރުގެ ނޯޓު

ލިލީ ސްޓޯރަށް މިދިޔަ 14 ދުވަހު ތެރޭގައި ދިޔަ މީހުން އެންގުމަށް އެ ފިހާރައިން އެދިފައިވާ ކަމަށް މި ހަބަރުގައި ކުރިން ލިޔެފައިވަނީ މައުލޫމާތުގެ ކުށަކުންނެވެ. އެކަމަކަށްޓަކައި ކިޔުންތެރިން ކިބައިން މާފަށް އެދެވެ.