ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޝަރުމީލާގެ އިލްތިމާސް: އަޅުގަނޑުމެންނާމެދުވެސް ވިސްނާލާ

ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވަނީ މިިދިޔަ ބުދަ ދުވަހު މާލެއިން ފުރަތަމަ ފަހަރަށް އެ ބައްޔަށް މީހަކު ޕޮޒިޓިވްވުމުންނެވެ. އޭގެ ފަހުން ފުލުފުލުގައި އެ ބައްޔަށް މީހުން ދަނީ ޕޮޒިޓިވްވަމުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14 އަރާފަ އެވެ. މުޅި ރާއްޖެއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 34 އެރީއެވެ. އެ ބަލި ޖެހުނު ދިވެހިންގެ ތެރޭގައި ކުޑަކުއްޖަކާއި، އަންހެނުންނާއި ފިރިހެނުންވެސް ހިމެނެ އެވެ. އަދި މިހާރުވެސް 253 މީހުންގެ ސާމްޕަލް ނަގާ، ނަތީޖާއަށް ދަނީ އިންތިޒާރު ކުރަމުންނެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ މިހާތަނަށް ޕޮޒިޓިވްވީ މީހުންނާ ޑައިރެކްޓްކޮންޓެކްވެފައިވާ މީހުންނެވެ.

ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށި ވެފައިވާ މީހުންނަށް ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑުވެ އޭގެ ނުރައްކާ އިތުރުވެގެންދޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ. އެހެން ކަމުން މިފަދަ މީހުންގެ ސަލާމަތަށްޓަކާވެސް ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ގޭގައިތިބުމަށް އެ އެޖެންސީން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

އެޗްޕީއޭއިން ވަނީ އެފަދަ ބައެއް މީހުންގެ ޝުރޫއުތައް އަދި އެ މީހުންގެ އިލްތިމާސްތައްވެސް ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި އާންމުކޮށްފަ އެވެ.

މިއީ ފާތިމަތު ޝަރުމީލާ އެވެ. ޝަރުމީލާ ގެންދަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ޝަރުމީލާގެ އޮތީ ހާއްސަ އިލްތިމާސެކެވެ. ފުރަތަމަ ކަމަކީ ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި ގޭގައި ތިބުމެވެ. އަދި ވަކިން ހާއްސަކޮށް އޭނާ ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި ތިބުމެވެ.

ބަލި ފެތުރިއްޖެނަމަ ހާލަތު ގޯސްވުމުގެ ފުރުސަތުވެސް އެންމެ ބޮޑީ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުންނެވެ. ބޮޑެތި ބަލިތައް ތަހަންމަލް ކުރަމުންދާ މީހުންނަކީ އެމީހުން ހޯދަމުންދާ ފަރުވާގެ ސަބަބުން ވަރަށް ބޮޑަށް ދިފާއީ ނިޒާމް ބަލިކަށިވެފައިވާ ބައެއް ކަމުން މިއީ އެފަދަ މީހުންގެ ހައްގުގައިވެސް އަޅުގަނޑުމެން ގޭގައި ތިބެން ޖެހޭ ވަގުތެވެ.

އެންމެންނަށްވެސް ރިސްކު އެބައޮތް

ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ ރަސްމީ އަދަދަކީ މިހާތަނަށް 14 އެވެ. ނަމަވެސް އެއީ ރަސްމީ އަދަދެކެވެ. އަޅުގަނޑުމެންނަށް ދެނެގަނެވިފައިވާ އަދަދެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މުޖްތަމައުގައި ބަލި އުޅޭކަން ކަމަށެވެ. މިހާތަނަށް ފެނުނީ މަދު ކޭސްތަކެއް ނަމަވެސް އެމީހުންގެ ކޮންޓެކްޓްރޭސިން ހުރި ގޮތަށް ބަލާއިރު މިހާރު ދެނެގަނެވިފައިވާ މީހުންގެ ހަ ގުނަ މީހުންނަށް ބަލި ޖެހިފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޑރ. ޝީނާ ވިދާޅުވީ އެ އަަަދަދު 100 އާ ހަމަކުރާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

"..މިހާރު ކޮމިއުނިޓީގައި މި ބަލި އުޅުމުގެ މާނައަކީ އަޅުގަނޑުމެންގެ ތެރޭގައި މި ބަލި އެބައުޅެޔޭ. އަޅުގަނޑުމެންނަށް މި ބަލި ފެނުނީ ދިހަ ވަރަކަށް ކޭސް. އެހެން ނަމަވެސް އޭގެ މާނައަކީ އޭގެ ހަ ގުނަ އުޅޭނެޔޭ އަދިވެސް ރާއްޖޭގައި. 60 ވުރެ ގިނަ 100 ވަރަކަށް އަޅުގަނޑުމެންގެ ތެރޭގައި އުޅޭނެ ކޭސް. އެހެންވީމަ ކޮންމެ ބޭފުޅަކީވެސް ރިސްކުގައި ހުރި ބޭފުޅެއް ކަމަށް ބެލެވޭނީ. ހާއްސަކޮށް މިހާރު ޕޮޒިޓިވްވެފައިވާ މީހުންގެ ކޮންޓެކްޓްރޭސިން މިހާ ހައިވީމަ. އެހެންވީމަ ހުރިހާ ބޭފުޅުންވެސް ސަމާލުވެލައްވައިގެން އުޅުއްވިއްޔާ މި ނަންބަރުތައް ތިރިވާނީ"

ރ. ޝީޒާ ވަނީ ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކަކަށްވާތީ ހުރިހާ ރައްޔިތުންވެސް ކަމާބެހޭ އިދާރާތަކުން ދެމުން ގެންދާ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ގޮވާލާފައެވެ.

އަދި ކޮންމެ މީހަކީވެސް "ރިސްކު" ގައި ހުރި މީހެއް ކަމަށް ބަލާ ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ގިނަ ބަޔަކަށް އެއް ފަހަރާ ފަރުވާ ދެވޭނެ ގޮތެއްނެތް

މިއީވެސް ރާއްޖެއަށް އޮތް ބޮޑު ކަންބޮޑުވުމެކެވެ. ޑރ. ޝީނާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް ނާޅައިފިނަމަ ނުވަތަ އެކަށީގެންވާ މަސައްކަތް ތަކެއްކޮށް، އާންމު ރައްޔިތުން ކިޔަމަންތެރިކަން ނުދައްކައިފިނަމަ ބަލި ފެތުރި އެތައް ބަޔަކު މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އަދި ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ ފަރުވާދެވޭނެ ގޮތެއް ނެތް ކަމަށާ ބަލި ހާލު ބޮޑުވާ މީހުންގެ އަދަދު ގިނަ ވެއްޖެނަމަ ވެންޓިލޭޓަރުގައިވެސް ފަރުވާ ދެވޭނެ ގޮތެއް ނެތް ކަމަށެވެ. ޝީނާ ވިދާޅުވީ ސަރުކާރުން ފެސިލިޓީ ހެދިނަަމަވެސް އަދި އެޑްމިޓް ކުރެވޭނެ ގޮތްތައް ހެދިނަމަވެސް ގިނަ ބަޔަކަށް އެއް ފަހަރާ ފަރުވާ ދެވޭނެ ނިޒާމެއް ރާއްޖޭގައި ނެތް ކަމަށެވެ.

"..އެހެންވީމަ ހުސް އެނދެއްގައި ބޭއްވިޔަސް އެ މީހުންނަށް [ބަލި މީހާއަށް] ފަރުވާ ދޭނެ މީހުންނެއްވެސް ނެތޭ އަދި ވެންޓިލޭޓަރަށްލާން ޖެހިއްޖެއްޔާ އެފަދަ ވަސީލަތްތަކެއްވެސް ނެތޭ. އޭގެ މާނައަކީ މިކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު މަރުވެގެންދާނޭއޭ. އެހެންވީމަ އަޅުގަނޑުމެން މި އޮރެންޖް ސިނާރިއޯގައި ބަލާކަމަށްވަންޏާ 2،000 މީހުން މަރުވެގެންދާނެ މި ސިޓުއޭޝަންގައި އަޅުގަނޑުމެން ތިބެންވެއްޖިއްޔާ." ޑރ. ޝީނާ ވިދާޅުވިއެވެ.

ޝީނާ ވިދާޅުވީ އެ ހާލަތަށް ދިޔަނުދިނުމަށް ސިއްހީ މާހިރުން ދެއްވާ އިރުޝާދަށް ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭ ކަމަށެވެ. އެ ހާލަތަށް ދާން ދޫކޮށްލައިފިނަމަ ލައްކައަކަށްވުރެ ގިނަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.

"...އަޅުގަނޑުމެން މިހާރު މި ތިބި ސިޓްއޭޝަންގައި ތިބެއްޖެނަމަ 'ޕީކަށް' އެބަދޭ މަހެއްގެ ތެރޭގައި. ދެން އެހެންވީމަ ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި އަޅުގަނޑުމެން ތިބޭނީ އެންމެ ގިނަ މީހުން މި ބަލި ޖެހޭ ދުވަހާއި ހަމައަށްގޮސްފައި. އެހެންވީމަ އެ ސްޓޭޖްގައި ތިބޭއިރުގަ އަޅުގަނޑުމެންގެ ހެލްތް ސިސްޓަމަކު އެއްގޮތަކަށްވެސް އެންމެންނަށް ފަރުވާ ދެވޭހާ ކެޕޭސިޓީއެއް ނެތް." ޝީނާ ވިދާޅުވިއެވެ.

ޝީނާ ވިދާޅުވީ އެންމެ ގޯސް ހާލަތަށް ދިއުމުން ފަރުވާދޭން ކިތަންމެ ބޭނުންވިޔަސް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި އެޑްމިޓްކޮށް ފަރުވާ ނުދީ ދޫކޮށްލާ މީހަކީ ތިމާ ކަމުގައި ވެދާނެ ކަމަށް ދެކި ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ނަސޭހަތްތެރިވިއެވެ.