ކޮވިޑް-19 އާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކަށް ލުއިތަކެއް ހޯދައިދިނުމަށް، އެ އާއިލާތަކަށް ކެއާޕެކޭޖްތައް ފޮނުވުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި އިންޑިއާ އަދި ސްރީލަންކާއަށް ފޮނުވި ކެއާ ޕެކޭޖްތައް އާއިލާތަކާ ހަވާލުކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ސްރީލަންކާއަށް ފޮނުވި 622 ކެއާޕެކޭޖް އާއިލާތަކާ ހަވާލުކޮށް ނިމިފައިވަނީ ހޮނިހިރު ދުވަހު ކަމަށެވެ. އޭގެ ހަފްތާއެއްހާ ދުވަސްކުރިން ކޮޅުނބުގައި ދިރިއުޅޭ އާއިލާތަކަށް ޕެކޭޖްތައް ވަނީ ހަވާލުކޮށްފައެވެ.
އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިން އަށް ފޮނުވި 144 ކެއާޕެކޭޖްވެސް ވަނީ އާއިލާތަކާ ހަވާލުކޮށްފައެވެ.
އަދި މެލޭޝިއާއަށް ފޮނުވި 452 ކެއާޕެކޭޖްގެ ތެރެއިން ކުއާލަލަމްޕޫރު ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ފޮނުވި ހުރިހާ ޕެކޭޖެއް ވަނީ ހަވާލުކޮށްފައެވެ. އަދި ކުއާލަލަމްޕޫރުން ބޭރުގައި ދިރިއުޅޭ 14 އާއިލާތަކަށް ފޮނުވި ކެއާޕެކޭޖްތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ތައިލެންޑްގެ ބެންކޮކްގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި ކެއާޕެކޭޖްތައް ބެންކޮކަށް ގެންދެވިފައިވަނީ ހަފްތާ ބަންދާ ދިމާކޮށް ކަމަށްވުމުން، ހަފްތާ ބަންދު ނިމުމުން ކަސްޓަމުން ކްލިއާކޮށް، މިހަފްތާ ތެރޭ އާއިލާތަކާ ހަވާލުކުރެވޭނެއެވެ.
ޔޫއޭއީއަށްވެސް ކެއާޕެކޭޖް ފޮނުވުމަށް ފުރުސަތު ހުޅުވާލިނަމަވެސް، މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން ތަކެތި ބަލައިގަތުން ވަނީ ފަސްކުރެވިފައެވެ. އަދި ތަކެތި ބަލައިގަންނާނެ ތާރީހެއް ފަހުން އިއުލާން ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކެއާޕެކޭޖްތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދަނީ ވަރަށް ގިނަ ގޮންޖެހުން ތަކާއެކުގައެވެ. ތަކެތި ފޮނުވާ ސިޓީތަކަކީ ލޮކްޑައުންގައި އޮތް ސިޓީތަކެއްކަމުން، އެގައުމުތަކުގެ ސަރުކާރުތަކުން ހާއްސަ ހުއްދައެއް ނަގައިގެން ތަކެތި އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތްކުރަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެގައުމުތަކުގެ ސަރުކާރުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވެސް ބަލައިގެންނެވެ.