ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހަކު ހިމެނޭ ކަމަށާއި އޭނާގެ ހާލަތު ގާތުން ބަލަމުންދާ ސަރުކާރުން ބުނެފި އެވެ. އޭގެ އިތުރުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެ އެވެ.
މާލޭގައި 14 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކީ ދިވެހިންނެވެ. އަނެއް މީހާއަކީ ބަންގްލަދޭޝް މީހެކެވެ.
މާލެ ސިޓީއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.
އޭގެ ފަހުން ޕޭޝަންޓް 23އާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. ޕޭޝަންޓް 24 އާއި ޕޭޝަންޓް 25 އެވެ. އިއްޔެ ހެނދުނު ޕޮޒިޓިވްވި ޕޭޝަންޓް 26 އަކީ ވެސް ޕޭޝަންޓް 23 ގެ ކޮންޓެކްޓެކެވެ. އެއަށްފަހު ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28، އޭގެ ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާ ގުޅުމެއް ނެތެވެ.
މީގެތެރެއިން ޕޭޝަންޓް 27 އާ ސީދާ ކޮންޓެކްޓްވި މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި ހެނދުނު ވެސް ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން އެކަކަކީ (ޕޭޝަންޓް 30)އަކީ ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އަދި އަނެއް މީހާއަކީ (ޕޭޝަންޓް 31) އަކީ ޕޭޝަންޓް 28 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. ދެން ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ (ޕޭޝަންޓް 32)އަކީ ޕޭޝަންޓް 30އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.
އޭގެފަހުން މިއަދު ޕޮޒިޓިވްވި ޕޭޝަންޓް 33 އަކީ ޕޭޝަންޓް 28އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އެންމެ ފަހުން ޕޮޒިޓިވްވި ޕޭޝަންޓް 34 އަކީ ޕޭޝަންޓް 27އާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެކެވެ. މީގެ ތެރޭގައި ގިނައީ 30 އާއި 40 ދެމެދުގެ އުމުރުގެ މީހުންނެވެ. ގިނައީ އަންހެނުންނެވެ.