ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕޮޒިޓިވްވަނީ ނުފެނި ހުރި ކޭސްތައް، އަދިވެސް ފެތުރުން ހުއްޓުވޭނަކަމުގެ އުއްމީދު އެބައޮތް

Apr 18, 2020

މިހާތަނަށް މާލެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުނަކީ، ކުރިން ނުފެނި ހުރި ކޭސްތަކެއް ކަމަށާއި، މިހާރު އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކާއެކު މި ބަލި އިތުރަށް ފެތުރިގެންދިއުން އަދިވެސް ހުއްޓުވިދާނެކަމުގެ އުއްމީދު ބޮޑުކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފަރާތުން މިރޭ ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ. އަލީ އަފްޒަލް ވިދާޅުވީ މިވަގުތު މާލެއިން ފެންނަމުންދާ ކޭސްތަކުގެ އަދަދުތަކަށް ބަލާއިރު އަދިވެސް ބަލި ފެތުރޭ މިންވަރު އެންމެ ނުރައްކާތެރި ހާލަތަށް ގޮސްފައިނުވާކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"މިހާރު މި ފެންނަނީ ދުވާލަކަށް އެވަރެޖުކޮށް ހަތަރު ކޭސް ވަރު. އަޅުގަނޑުމެނަށް ބެލެވޭ ގޮތުގައި މިހާރު މި ފެންނަނީ ބެކްލޮގް ކޭސްތަކެއް. އެއީ ބަލިޖެހިފައި، މިހާރު ނުފެނި ހުރި ކޭސްތަކޭ. ޕޮޒިޓިވްވި ކޭސްތަކާ ކޮންޓެކްޓުވި މީހުނަށް ބަލާއިރު، ފުރަތަމަ ޕޮޒިޓިވްވި ކޭސް އުނިކޮށްފިނަމަ، އެވަރެޖު މިއުޅެނީ ގާތްގަނޑަކަށް 71 މީހުން. އެއީ އަޅުގަނޑުމެން އެކްސްޕެކްޓު ކުރި މިންވަރު،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ މިހާރު ޕޮޒިޓިވްވަމުންދާ މިންވަރަށް ބަލާއިރު، އަދި އެ ރޭޓު ފެންނަނީ ވަރަށް ސްޓޭބަލްކޮށް ކަމަށެވެ.

"ކަންބޮޑުވާންޖެހޭ ހާލަތަކަށް މިދަނީ ޑަބްލިންގް އިފެކްޓެއް އުޅޭ ކަމަށްވަންޏާ. އެއީ ދުވާލަކު ޕޮޒިޓިވްވާ މީހުން ވަރަށް ބޮޑަށް އިތުރުވާކަމަށް ވަންޏާ. މިހާރު ފެންނަ ރޭޓަށް ބަލާއިރު، ވަރަށް ސްޓޭބަލް. އެހެންވީމާ، ޑަބްލިންގް އިފެކްޓެއް ނޫޅޭކަމަށްވަންޏާ ވާސްޓް ކޭސް ސެނާރިއޯއެކޭ ނުބުނާނަން،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މުޖުތަމައުގެ ތެރޭގައި މިބަލި މިހާރު ހުރި މިންވަރުގައި ހިފެހެއްޓި، އިތުރަށް ފެތުރިގެން ދިއުން ހުއްޓުވޭނީ މިހާރު މާލެ ސަރަހައްދުގައި އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް ޑރ. އަފްޒަލް މިރޭވެސް ވަނީ ތަކުރާރުކުރައްވައިފަ އެވެ.

މާލޭގައި 14 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 13 މީހަކީ ދިވެހިންނެވެ. އަނެއް މީހާއަކީ ބަންގްލަދޭޝް މީހެކެވެ.

އޭގެ ތެރޭގައި، މާބަނޑު މީހަކާއި ތިން ކުޑަކުދިން ވެސް ހިމެނޭކަމަށް މިރޭ އެޗްޕީއޭގެ ފަރާތުން ވަނީ ބުނެފަ އެވެ.

މިހާރު ޕޮޒިޓިވްވި މީހުނަށް ބަލާއިރު، އެ ކޭސްތަކަށް ބަލިޖެހިފައިވަނީ މައިގަނޑު ތިން ކްލަސްޓާއެއްގެ ތެރެއިންނެވެ.

މީގެ ތެރޭގައި ގިނައީ 30 އާއި 40 ދެމެދުގެ އުމުރުގެ މީހުންނެވެ. ގިނައީ އަންހެނުންނެވެ.

މާލެއިން އެ ވައިރަހަށް ޕޮޒިޓިވްވި މީހަކު ފެނުމާއެކު، މުޅި މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. އަދި އަތޮޅު ތެރޭގައިވެސް އެ ބަލި ޖެހިފައި މީހަކު ހުރުމުގެ ފުރުސަތު ބޮޑުކަމުން، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މުއްދަތެއްނެތް ގޮތަށް މަނާކޮށްފަ އެވެ.