ދުނިޔެ

އިންޑޮނޭޝިޔާ، މެލޭޝިޔާ އަދި ސިންގަޕޫރުގައި ނުރައްކާ މިންވަރަށް ދުން ބޯވެއްޖެ

Sep 14, 2015

އިންޑޮނޭޝިޔާގެ ކާރިސާތަކާ ބެހޭ އޮފީހުން ބުނީ ސާދަ ހެލިކޮޕްޓަރު ބޭނުން ކޮއްގެން ފެތުރެމުންދާ އަލިފާންގަނޑަށް މިއަދު ފެން ޖަހާފައިވާ ކަމަށެވެ. އަދި އެގައުމުން މިއަދު ގެންދަނީ "ކްލައުޑް ސީޑް" ކުރަމުންނެވެ. މިއީ ކެމިކަލް ބޭނުންކޮއްގެން ވާރޭ ވިލާ އުފައްދާ ޓެކްނޮލޮގީ އެކެވެ.

މިދިޔަ ހަފްތާގައި ވެސް އިންޑިނޭޝިޔާއިން އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ހެލިކޮޕްޓަރުން ފެން ޖަހަން މަސައްކަތް ކުރިއެވެ. ނަމަވެސް ދުން ބޯކަމުން ހެލިކޮޕްޓަރު ތަކަށް ޖަންގަލި މަތިން އުދުހެވޭ ގޮތް ނުވީއެވެ.

ހޫނު މޫސުމުގައި ޖަންގަލި ރޯވުމަކީ އިންޑްނޭޝިޔާގައި ކޮންމެ އަހަރަކުހެން ހިނގާ ކަމެކެވެ. މިހެން ވާން މެދުވެރި ވަނީ އަންދައިގެން ޖަންގަލި ސާފު ކުރުމަށް ނުގަވައިދުން ރޯކުރާ އަލިފާންގަނޑު ކޮންޓްރޯލުން ނައްޓއިގެން ދާތީއެވެ.

ދުން ބޯވެ، ތިން ގައުމުގައި އެތައް ހާސް ބަޔަކު ބަލިވުމުގެ ސަބަބުން ދަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. އަދި ސްކޫލުތަކާއި، މަސައްކަތަށާއި އިޖްތިމާއީ އެއްވުންތަކަށް ދަނީ ހުރަސް އެޅެމުންނެވެ. މެލޭޝިޔާގައި ކިޔަވާ ދިވެހި ކުއްޖަކު ބުނީ މިހާރު ޔުނިވަސިޓީއަށް ކިޔަވަން ދަނީ މާސްކު އަޅައިގެން ކަމަށެވެ. އަދި ކޮންމެހެން މުހިންމު ކަމެއް ނެތްއ ނަމަ ބޭރަށް ނުނިކުންނަ ކަމަށެވެ. ގިނަ ސްކޫލްތަކާއި ޔުނިވަސިޓީތަކުން ދަނީ މާސްކް އަޅައިގެން ބޭރުގައި އުޅުމަށް ކުދިންނަށް ބާރު އަޅަމުންނެވެ.

ހުޅުޖަހައިގެން ގާނޫނާ ހިލާފަށް ޖަންގަލި ސާފުކުރާ ސައްބީސް ކުންފުންޏެއްގެ މައްސަލަ ބަލަމުންދާ ކަމަށް އިންޑޮނޭޝިޔާއިން ވަނީ ބުނެފައެވެ. ޖަންގަލި ރޯވެ ދުން ބޯވުމުގެ މައްސަލަ 2013 އިން ފެށިގެން ވަނީ ސީރިޔަސް ވެފައެވެ. އެކަމަކު ސަރަހައްދީ ގައުމުތައް އެއްބާރުލައި މި މައްސަލައަށް ހައްލެއް ހޯދަން މަސައްކަތްކުރާ ދުވެލި މަޑުކަން ފާހަގަ ކުރެވެއެވެ.