ސުޝްމިތާ ސެން އަކީ 1994 ވަނަ އަހަރުގެ މިސް. އިންޑިއާ މުބާރާތުން އެއްވަނައަށް ދިޔަ ފަރާތެވެ. މި މުބާރާތުގައި އޭނާއާ އެންމެ ގާތުން ވާދަކޮށް ދެ ވަނަ ހޯދީ އައިޝްވަރިޔާ ރާއީ އެވެ. އެ ފަހަރު މިސް އިންޑިއާ މުބާރާތް ފެށުމުގެ މާ ކުރިއްސުރެ އިންޑިޔާގެ އެންމެން ވެސް ގަބޫލުކޮށްގެން ތިބި އެ ފަހަރުގެ މިސް.އިންޑިއާ ޓައިޓްލް ލިބޭނީ އައިޝްވަރިޔާ އަށް ކަމަށެވެ. ސަބަބަކީ އޭނާގެ ރީތިކަމުގެ ވާހަކަ އޭރުވެސް ވަރަށް ބޮޑަށް މަޝްހޫރުވެފައި އޮތުމުންނެވެ. މި ސަބަބާ ހެދި އެ ފަހަރުގެ މުބާރާތުގައި ބައިވެރިވި ބައެއް ކުދިން ޝޯ އިން ވަކިވެސް ވިއެވެ.
މިސް އިންޑިއާގެ ތާޖު ސުޝްމިތާގެ ބޮލުގައި ބެހެއްޓިއިރު އޭނާގެ ލައިގެން ހުރި ހެދުމުގެ ވާހަކަ އަކީ އެހެން މީހުންނަށް އޭނގެން އިބުރަތެއް ލިބޭ ފަދަ ވާހަކައެކެވެ. އަދި ސުޝްމިތާގެ ޒުވާން ދުވަސްވަރު އޭނާގެ މައިންބަފައިންގެ ނުފޫޒު އޭނާގެ މައްޗަށް އޮތްވަރު ހާމަވާ ވާހަކައެއް ވެސް މެއެވެ.
ސުޝްމިތާ ވަރަށް ކުރީގައި ދީފައިވާ އިންޓަވިއު އެއްގައި މި ވާހަކަތައް ކިޔައިދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި އޭނާ މިސް އިންޑިއާގައި ބައިވެރިވެގެން އުޅުނު ދުވަސްވަރަކީ އޭނާގެ މައިންބަފައިން މާލީ ގޮތުން އެހާ ތަނަވަސް ދުވަސްވަރެއް ނޫނެވެ. އޭނާއަކީ އާދައިގެ މެދުފަންތީގެ އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވެފައި މިސް އިންޑިއާ މުބާރާތަށް ހަތަރު ހެދުން ފަހަން ޖެހުމުން އެމީހުންނަށް އެއީ ވަރަށް ބޮޑު ބުރައަކަށް ވިއެވެ.
އެހެން ބައިވެރިން މަޝްހޫރު ޑިޒައިނަރުން ފަހާފައިވާ ހެދުންތައް ލީއިރު ސުޝްމިތާގެ އާއިލާގެ ކިބައިގައި އޭނާއަށް އެހާ އަގުބޮޑު ހެދުން ގަނެދޭހާ ފެންވަރެއް ނެތެވެ.
ސުޝްމިތާ ބުނި ގޮތުގައި މިސްއިންޑިއާގެ ތާޖު ހާސިލު ކުރިއިރު އޭނާ ލައިގެން ހުރި ހެދުމުގެ ފޮއްޗަކީ އޭނާގެ މަންމަ އެހިސާބުގަނޑުގައި ހުރި އާދައިގެ މާރުކޭޓަކުން ގަނެފައިވާ ފޮއްޗެވެ. އަދި އެ ފޮތިގަނޑު ފަހަން ހަވާލު ކުރީ އެ ގޭ ކައިރީގައި އިންނަ ކުޑަ ފިހާރަގަނޑެއްގައި އިންނަ ފަހާ މީހެއްގެ އަތަށެވެ.
"ޑިޒައިނަރުން ފަހާފައިވާ ހެދުން ލައިގެން ސްޓޭޖަށް އެރޭހާ ފެންވަރެއް އަހަރުމެންގެ ނެތް. އެހާ ވަރަކަށް އަހަރެމެން އަތަކު ފައިސާއެއް ނެތް. ހަތަރު ހެދުން ފަހަން ޖެހުމުން އަހަރެމެންނަށް އޮތީ ކުރިއްސުރެ ވެސް ވަރަށް ފައިސާގެ ދަތިކަން ކުރިމަތިވެފަ. އެހެންވެ މަންމަ ދިއްލީގެ ސަރޯޖިނީ ނަގަރް މާރުކޭޓަށް ގޮސް ފޮތި ގަނެގެން އައިސް އަހަރެމެންގެ ގޭގެ ގަރާޖުގައި ޕެޓީކޯޓް ފަދަ ތަކެތި ފަހަން އިންނަ މީހަކާ ހަވާލުކުރީ އެ ފަހަން. އޭނާ ކައިރީ މަންމަ ބުނި ޓީވީން ވެސް ދައްކާނޭ އެހެންވީމަ ރީތިކޮށް ފަހައްޗޭ،" ސުޝްމިތާގެ ޒަމާންވީ އިންޓަވިއު އެއްގައި އޭނާ ބުނެފައި ވެއެވެ.
ސުޝްމިތާ، 44، ބުނީ އެ މީހާ ހެދުން ފަހާފައި ބާކީވީ ފޮތިކޮޅުން އޭނާގެ މަންމަ މަލެއް ހަދާފައި އެ ހެދުމުގައި ހަރުކުރި ކަމަށެވެ. އަދި އޭނާގެ އަތަށް މަހާފައިވާ އަންގިއަކީ ވެސް ބާ އިސްޓާކީނެއް ކަމަށް ސުޝްމިތާ ބުންޏެވެ.
"އަހަރެންނަށް ހިތްވަރު ދިނުމުގެ ގޮތުން މަންމަ ބުނި އެ މީހުން ބަލާނީ ކަލޭއަކަށް ނޫންހޭ. ލައިގެން ހުރި ހެދުމަކަށް ނު ބަލާނޭ މަންމަ ބުނި،" ސުޝްމިތާ ބުނެފައި ވެއެވެ.
ކަން ވީވެސް އެހެންނެވެ. ސުޝްމިތާ ލައިގެން ހުރި ހެދުމަށް ވުރެ އޭނާގެ ފަރިކަމާއި ރީތިކަމަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. އަދި އޭނާގެ ވާދަވެރިޔަކަށް އައިޝްވަރިޔާ ހުރުމާއެކު ވެސް މިސް. އިންޑިއާ ޓައިޓްލް އޭނާއަށް ލިބުނެވެ.
ހަގީގަތުގައި އައިޝްވަރިޔާ އާއި ސުޝްމިތާ ޕޮއިންޓްގެ ގޮތުން ވީ އެއްވަރެވެ. އެހެންވެ ޓައި ބްރޭކާ އަކަށް ކުރި ސުވާލަށް އައިޝްވަރިޔާ އަށް ވުރެ ސުޝްމިތާ ދިން ޖަވާބު ޖަޖުންނަށް ކަމުގޮސް އޭނާއަށް ޓައިޓްލް ލިބޭގޮތް ވީއެވެ.
މިސްއިންޑިއާގެ ޓައިޓްލް ލިބުމާއެކު ސުޝްމިތާ ވާދަކުރީ މިސް.ޔުނިވާސް މުބާރާތުގަ އެވެ. ދެ ވަނަ އަށް ދިއުމުގެ ސަބަބުން އައިޝްވަރިޔާ އަށް ވާދަކުރަން ޖެހުނީ މިސްވޯލްޑް މުބާރާތުގަ އެވެ. ނަސީބަކުން މި ދެ މުބާރާތް ވެސް އެ ފަހަރު ކާމިޔާބުކުރީ މި ދެ ރީތީގެ ރާނީންނެވެ.