ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: މަރުވާ މީހުންގެ ފަރާތުން ވެސް ނުރައްކާވޭ

ކޮރޯނާވައިރަހުގެ ވަބާ މިހާރު ވަނީ ސައިންސްވެރިން ވެސް ހާސްވާ ހިސާބަށް ގޮސްފަ އެވެ. ކޮންމެ ދުވަހަކު ވެސް ވައިރަހާ ގުޅޭ އާ ކަންތައްތަކެއް ދަނީ ހާމަ ވަމުންނެވެ. އެންމެ ފަހުން ސައިންސްވެރިން ހޯދާފައިވާ ހޯދުމަކުން ދައްކާ ގޮތުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑުގައި ވެސް އެ ވައިރަސް ދިރި ހުރެ އެވެ. އަދި އެފަދަ މީހެއްގެ ގައިން ދިރިހުރި މީހަކަށް މި ވައިރަސް އެރުމަކީ އެކަށީގެންވާ ކަމެކެވެ.

މިފަދަ ފުރަތަމަ ކޭސް ފެނިފައިވަނީ ތައިލެންޑުންނެވެ. އެ ގައުމުން ބުނާ ގޮތުގައި ބަލި ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑުން ސިއްހީ އެހީތެރިއަކަށް ވައިރަސް އަރާފައި ވާކަން ވަނީ ސާބިތުވެފަ އެވެ. މިއީ މީހުން ވަޅުލުމުގެ މަސައްކަތުގައި އުޅޭ ޖަމާއަތްތެރިންނާއި އެނޫން ވެސް މީސް މީހުންނަށް ހުރި ވަރަށް ބޮޑު ނުރައްކަލެކެވެ.

"ހަމައެކަނި ސިއްހީ އެހީތެރިންނެއް ނޫން. ޖަމާއަތްތެރިންނާއި އެނޫންވެސް ޖަނާޒާގެ ކަންކަމުގައި އުޅޭ އެންމެން ވެސް ތިބެން ޖެހޭނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން،" ޕެތޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ އެންގެލިކް ކޯތަލިސް ވިދާޅުވި އެވެ.

ޖާނަލް އޮފް ފޮރެންސިކް އެންޑް ލީގަލް މެޑިސިންގެ ދިރާސާ ރޕޯޓެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ފަރާތުން ބަލި އަރާފައިވަނީ ފޮރެންސިކް މެޑިސިން ޔުނިޓްގައި މަސައްކަތްކުރާ ސިއްހީ ތަޖުރިބާކާރަކަށެވެ. އެހެންވީމާ އޮޕަރޭޝަން ތިއޭޓަރުތައް ޑިސްއިންފެކްޓް ކުރާ ގޮތަށް ޕެތޮލޮޖީ / ފޮރެންސިކް ޔުނިޓްތަކުގައި ވެސް އެ ޕްރޮސީޖާތައް ބޭނުންކޮށް ހުރިހާ އެއްޗެއް ޑިސްއިންފެކްޓްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ޖާނަލްގެ ރިޕޯޓު ލިޔެފައިވަނީ ބެންކޮކްގެ އާރްވީޓީ މެޑިކަލް ސެންޓަރުގެ ސިއްހީ މާހިރެއް ކަމަށްވާ ވޮން ސްރީވިޖިތަލައި އާއި ޗައިނާގެ ހައިނާން މެޑިކަލް ޔުނިވަސިޓީގެ ތަޖުރިބާކާރު ވިރޯޖް ވިވަނިޓްކިކް އެވެ.

"ކޮވިޑް-19 އިންފެކްޓްވެގެން މަރުވެފައިވާ މީހުންގެ ތެރެއިން މަރުވި ފަހުން ވެސް ހަށިގަނޑުގައި ވައިރަސް ހުރީ ކިތައް މީހުންގެ ކަމެއް އަދި އެމީހުންގެ މައުލޫމާތެއް ހޯދިފައެއް ނެތް. ސަބަބަކީ ތައިލެންޑްގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިގަނޑު އުސޫލެއްގެ ގޮތުން ޗެކް ނުކުރާތީ،" މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ކޮވިޑް-19 ޖެހިފައިވާ 2500 އަށް ވުރެ ގިނަ މީހުން ތައިލެންޑްގައި އެބަތިއްބެވެ. މިއީ މުޅިން އާ ވައިރަހަކަށް ވާތީ ކަމާ ބެހޭ ތަޖުރިބާކާރުންނަށް ވެސް ޖެހެނީ މި ވައިރަސްގެ އަސްލާއި ބަލި ޖެހޭ ގޮތްގޮތާ ބެހޭ ގޮތުން ތަޖުރިބާތައް ކޮށް ކަންކަން ދަސް ކުރާށެވެ. އެހެންވެ މި ވައިރަސް ނައްތާލަން ނުވަތަ ޖެހޭ މިންވަރު މަދުކުރަން ކުރާ މަސައްކަތަށް އަދި ދުވަސްތަކެއް ނަގާނެކަމަށް ސައިންސްވެރިން ބުނެ އެވެ.

މިއީ ބޮޑު ވަބާއެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ކަނޑައަޅާފައިވާ ސްވައިންފްލޫ އަށް ވުރެ ނުރައްކާތެރިކަމުގެ މިންވަރު 10 ގުނައަށް އިތުރު ބައްޔެކެވެ. މި ވައިރަހުގެ ބާރުގަދަކަން ހުރި ވަރުން މުޅި ދުނިޔޭގެ އާބާދީއަށް ގޭގެއަށް ވަދެ ބަންދުވެގެން ތިބެން ވަނީ މަޖްބޫރުވެފަ އެވެ.