ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

މުޅި ރާއްޖޭގައި ނަމާދުގެ ޖަމާއަތް ހުއްޓާލަން އަންގައިފި

މުޅި ރާއްޖޭގައި ނަމާދުގެ ޖަމާއަތް ހުއްޓާލަން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ދެންމެ ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އެކަން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިއަދުގެ މަޣުރިބް ނަމާދުން ފެށިގެން މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ އަސްރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ފަރުޟް ނަމާދުތަކާއި، ތަރާވީހް ނަމާދުގެ ޖަމާއަތް މިސްކިތުގައި ނުހެދުމަށް ނިންމާފައިވާތީ އެގޮތަށް އަމަލު ކުރުމަށް އަންގާ ކަމަށެވެ.

މި ހާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާ ބަންގީގެ ފަހުގައި ދިވެހި ބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދު ކުރައްވާ!" މިގޮތަށް ދެ ފަހަރު ގޮވުމަށް އިމާމުންނަށް ވަނީ އަންގާފައެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތް ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީހް ނަމާދު ކުރުމަށާ، ސުންނަތް ނަމާދު ކުރުން ގިނަކޮށް، ކީރިތި ގުރުއާން ކިޔަވައި މާތްﷲ ގެ ރަހުމަތަށް މާޔޫސްނުވެ، ސަބަބުތަކުގައި ހިފާ، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ގިނަގިނައިން ދުއާކޮށް، އިސްތިއުފާރު ކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.