ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދުގެ ކޭސްތަކާ ގުޅިގެން 18 ތަނެއް މޮނިޓަރިންއަށް

ކޮވިޑް-19 އިގެ ނުރައްކާ ރާއްޖެއަށް ބޮޑުވެ މިއަދު އެކަނިވެސް އެ ބައްޔަށް މާލެއިން 16 މީހަކު ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް 18 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ) އިން ބުނެފި އެވެ.

އެންއައިއޯސީން ބުނީ މިވަގުތު މޮނިޓަރިންގައި ވަނީ ގާކޮށި 03/6، އަމީން ސްޓާފް ބްލޮކް، ގ. ހޯޝާކް، ޝީޝާ ޝޯރޫމް ކައިރީގައި ހުންނަ ސެލޫނަކާއި މއ. ކްލައިމެޓް ތިން ވަނަ ބުރީގެ އެޕާޓްމަންޓް 1 އާއި ޔޯޓޭސްޓް އާއި ގ. އާނޫރާނީގޭ ހަތަރު ވަނަ ބުރީގެ އެޕާޓްމަންޓު 4 ބީ އާއި ލަގްޒަރީ ފިހާރަ އާއި ނޯތް ހާބަރު ކުރިމަތީ ބާޒާރުމަތީގައި ހުންނަ ހުރިހާ ފިހާރައަކާއި ލަގްޒަރީ ކުރިމަތީގައި ހުންނަ ފަތަހަ ފިހާރަ އަދި ނޫފަރު އެކްސްޕްރެސް ހިމެނެ އެވެ.

މީގެ އިތުރުން އުތުރުގެ ހަތް ރަށެެއް ވެސް ވަނީ މޮނިޓަރިންއަސް ގެންގޮސްފަ އެވެ. އެއީ ތުރާކުނާއި ވައިކަރަދޫ އާއި އިހަވަންދޫ އާއި އުލިގަމާއި ތަކަންދޫ އާއި ހިރިމަރަދޫ އަދި ހޯރަފުއްޓެވެ.

ބަންގްލަދޭޝްގެ 14 މީހަކު މާލެ ސިޓީއިން ކޮވިޑް-19 އަށް މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. މީގެކުރިން ބަންގްލަދޭޝްގެ މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މި އަދަދާއެކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 29 އަށް އެރީ އެވެ. އެއީ 14 ދިވެހިންނާއި 15 ބިދޭސީންނެވެ.

މި އެންމެންނަކީ ވެސް މާލެ ސިޓީއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ އާއި އޭނާއާ ކޮންޓެކްޓްވި މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުންނެވެ. މިއީ މިހާ ގިނަ ބަޔަކު ރާއްޖެއިން ޕޮޒިޓިވްވި ފުރަތަމަ ފަހަރު ވެސްމެ އެވެ.

މާލެ ސިޓީން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕޭޝަންޓް 21 އަކީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް އޮތް މީހެއް ނޫނެވެ. އޭނާގެ ތުއްތު ދަރިފުޅު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އެއީ ޕޭޝަންޓް 22 އެވެ. ތިންވަނައަށް ޕޮޒިޓިވްވި ޕޭޝަންޓް 23 އަކީ ވެސް ޕޭޝަންޓް 21 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެ ފަހުން ޕޭޝަންޓް 23 އާ ކޮންޓެކްޓްވި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. ޕޭޝަންޓް 24 އާއި ޕޭޝަންޓް 25 އެވެ. އިއްޔެ ހެނދުނު ޕޮޒިޓިވްވި ޕޭޝަންޓް 26 އަކީ ވެސް ޕޭޝަންޓް 23 ގެ ކޮންޓެކްޓެކެވެ. އެއަށްފަހު ޕޮޒިޓިވްވި ޕޭޝަންޓް 27 އާއި ޕޭޝަންޓް 28، އޭގެ ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާ ގުޅުމެއް ނެތެވެ.

މީގެ ތެރެއިން ޕޭޝަންޓް 27 އާ ސީދާ ކޮންޓެކްޓްވި މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން އެކަކަކީ (ޕޭޝަންޓް 30)އަކީ ޕޭޝަންޓް 27 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އަދި އަނެއް މީހާއަކީ (ޕޭޝަންޓް 31) އަކީ ޕޭޝަންޓް 28 އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. ދެން ޕޮޒިޓިވްވި ބަންގްލަދޭޝް މީހާ (ޕޭޝަންޓް 32)އަކީ ޕޭޝަންޓް 30އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އޭގެފަހުން ޕޮޒިޓިވްވި ޕޭޝަންޓް 33 އަކީ ޕޭޝަންޓް 28އާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އެންމެ ފަހުން ޕޮޒިޓިވްވި ޕޭޝަންޓް 34 އަކީ ޕޭޝަންޓް 27އާ ޑައިރެކްޓް ކޮންޓެކްޓްވި ދިވެއްސެކެވެ. ޕޭޝަންޓް 35 އަކީ އެހެން އެއްވެސް މީހަކާ ގުޅުމެއް އޮތް މީހެއް ކަމަކަށް އަދި ނުބެލެވެ އެވެ. އޭގެ ފަހުން މިއަދު ވަނީ އިތުރު ބަންގްލަދޭޝް މީހެއް (ޕޭޝަންޓް 36) ވެސް ޕޮޒިޓިވްވެފަ އެވެ. ފުލޫ ކުލިނިކަށް ދިޔަ އޭނާއާ އެއްވެސް މީހަކު ކޮންޓެކްޓެއް އޮތްތޯ ވެސް ދަނީ ބަލަމުންނެވެ.