މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުނާ ކޮންޓެކްޓްވި މީހުން ހޯދަމުން ގެންދާއިރު މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ފާހަގަ ކުރެވިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. ރާއްޖެއަށް ކޮވިޑް ބަލި ފެތުރުނު ފަހުން މިއަދަކީ ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވްވި ދުވަހެވެ. އެގޮތުން މިއަދު މިހާތަނަށް ޖުމްލަ 18 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.
މިއަދު އެންމެ ފުރަތަމަ ޕޮޒިޓިވްވެފައި ވަނީ ބަންގްލަދޭޝް މީހެކެވެ. މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި އޭނާއާއެކު ހަތަރު މީހަކު ތިއްބެވެ. އަދި އޭގެ އިތުރުން ވެސް 200 މީހެއްގެ މައުލޫމާތު ހޯދަން ޖެހެ އެވެ.
އެމީހާއަކީ އަމިން ހިޔާ ކްއާޓާގައި ހުރި މީހެކެވެ. އެ ތަނަކީ ގިނަ އަދަދެއްގެ ބިދޭސީން ކައި ބޮއި ނިދާ ވެސް ހަދާ ތަނެކެވެ.
މިއަދު މިއަދު ދެން ޕޮޒިޓިވްވީ ލިލީ ސްޓޯރްގައި މަސައްކަތް ކުރާ ބަންގްލަދޭޝް 13 މީހެކެވެ. އެމީހުންނާ ކޮންޓެކްޓްވި 68 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ. އަދި އޭގެ ފަހުން ޕޮޒިޓިވްވި އިންޑިއާ ދެ މީހުންނާ ކޮންޓެކްޓްވި 50 މީހަކު މިހާރު ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭނާ މިރޭ ވިދާޅުވި އެވެ.
މިއަދު އެންމެ ފަހުން ޕޮޒިޓިވް ކަމުގެ ރިޕޯޓް ލިބިފައިވާ ހއ. އުލިގަމުގައި ހުރި ދިވެއްސކެވެ. އޭނާއާ ކޮންޓެކްޓްވި 131 މީހަކު މިހާރު ވަނީ ހޯދާ ފާހަގަ ކޮށްފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މި މަހުގެ 15 ވަނަ ދުވަހު ހެނދުނު މާލެއިން އުލިގަމަށް ގޮސްފައި ވަނީ ހއ. އިހަވަންދޫގެ ކަނޑު ބޯޓެއްގަ އެވެ. އެހެންވެ، އެ ބޯޓުގައި އެކި ރަށްރަށަށް ދިޔަ މީހުން ތިބިއިރު މިހާރު ވަނީ އެ ހަތް ރަށެއް މޮނީޓަރިން ހާލަތަށް ގެންގޮސްފަ އެވެ.
ކޮވިޑް-19އާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި ކޮންޓެކްޓްވި މީހުންގެ ތެރެއިން 242 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނަގާފަ އެވެ. އަދި، އެމީހުންނާ ގުޅުންހުރި 133 ތަނެއް ވަނީ މޮނީޓަރިން ހާލަތުގަ އެވެ.