މިއަދު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިހުސާން ފިހާރަ ހިންގާ ކުންފުނީގައި މަސައްކަތް ކުރާ ދެ ބިދޭސީން ހިމެނޭއިރު، އެ މީހުންނަކީ ޑެލިވަރީގައި އުޅުނު މީހުންކަމަށްވާތީ، ތަފާތު ތިން ދުވަހެއްގެ މަތިން މާފަންނުގައި ހުންނަ އިހުސާނު ފިހާރައަށް ދިއަ މީހުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އެކަން އަންގަން އެދިއްޖެ އެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 59 އާއި 60 ދެ ކޭސްއަކީ އިހުސާނު ފިހާރަ ކުންފުނީގެ ޑެލިވަރީގައި މަސައްކަތްކުރާ މީހުނަށްވާތީ، އިތުރު ބައަކާ ބައްދަލުވެފައި ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އެގޮތުން، މިމަހުގެ 15 އާއި 16 އަދި 17 ވަނަ ދުވަހު މާފަންނުގައި ހުންނަ އިހުސާނު ފިހާރައަށް ދިއަ މީހުން އެޗްޕީއޭއަށް އަންގަން ވެސް ނަޒްލާ ވަނީ އެދިވަޑައިގެންނެވި އެވެ.
ކޮވިޑް-19 އަށް މިއަދު އެކަނި މާލެއިން މިހާތަނަށް 15 މީހަކު ވަނީ ޕޮޒިޓިވްވެފައި އެވެ. އެއާއެކު ހަމައެކަނި މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 47 އަރާފަ އެވެ. އޭގެ ތެރޭގައި 29 ދިވެހިންނާއި 38 ބިދޭސީން ހިމެނެ އެވެ.
އެ މީހުންނާ ސީދާ ގޮތުންނާ ނުސީދާ ގޮތުން ބައްދަލުވި މީހުން ހޯދައި އެކަހެރިކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެގޮތުން، ޕޮޒިޓިވްވި ކޭސްތަކާ ގުޅުންހުރި 900 އަށް ވުރެ ގިނަ މީހުން ވަނީ ހޯދިފަ އެވެ.
މާލެއިން ފެނުނު ކޭސްއާއެކު، މުޅި މާލެ ސަރަހައްދު ވަނީ 14 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ. އަދި އަތޮޅު ތެރޭގައި ވެސް އެ ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.