ބޮލީވުޑް

ބޮލީވުޑުން ވިިދްޔާ ބާލަންއަށް ހައްގު މަގާމެއް ނުލިބޭ

ވިދްޔާ ބާލަން އަށް ބޮލީވުޑްގައި ވަރަށް ތަފާތު ކުރުން ތަކާ ކުރިމަތިވި އެވެ. ފިލްމު ކުޅެން ފެށި ދުވަސްވަރު އޭނާގެ ސިފަޔާއި ހެދުންއެޅުމުގެ ސްޓައިލަށް ވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ. ނަމަވެސް ހުރިހާ ފާޑުކިޔުންތަކާއި ތަފާތުކުރުން ތަކާއެކު ވެސް ވިދްޔާ ވަނީ އޭނާގެ އަމިއްލަ ހިތްވަރާއި ހުނަރުން ފިލްމު އިންޑަސްޓްރީގައި ރަނގަޅު މަގާމެއް ހޯދާފަ އެވެ.

އަންހެން އެކްޓަރުންނަށް ރަނގަޅަށް ޕާފޯމް ކުރެވޭ ކަހަލަ ރަނގަޅު އަދި މޮޅު ސްކްރިޕްޓްތައް ހިމެނޭ ފިލްމުތައް ޚިޔާރުކޮށް ކުޅެގެން ވިދްޔާ ވަނީ އޭނާގެ ހުނަރު ދައްކާލާފަ އެވެ. ނަމަވެސް ވިދްޔާ މިއަދު ވެސް ގަބޫލުކުރާ ގޮތުގައި އޭނާ މިހާރުވެސް ހުރީ ބޮޑެތި ސުޕަސްޓާރުންގެ ފިލްމުތަކުން އެއްފަރާތް ކޮށްފަ އެވެ.

އަކްޝޭ ކުމާރު ފިޔަވައި ބޮލީވުޑްގައި އެންމެ އުހުގައި މިހާރު ފިޔަޖަހަމުންދާ އެއްވެސް ބަތަލެއްގެ ފިލްމެއްގައި ވިދްޔާ މަސައްކަތް ކޮށްފައި ނުވުމީ އޭނާ މި ބުނާ ވާހަކައިގައި ހަގީގަތްތަކެއް ހުރިކަން ޔަގީންވާ ކަމެކެވެ.

އިންޑިޔާގެ އޮންލައިން ނޫހަކަށް ވިދްޔާ ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭ ލިސްޓް ސުޕަސްޓާރުން އެމީހުންގެ ފިލްމުތަކުގައި އޭނާ ބައިވެރިކުރަން ބޭނުން ނުވާކަމުގެ އިހްސާސް އޭނާއަށް ކެރިއަރުގެ ވަކި ހިސާބަކުން އިހްސާސްވި އެވެ.

ކެރިއަރުގެ ކުރީކޮޅު ސަލްމާން ޚާނާއި އަމީތާބު ބައްޗަން އާއެކު ވިދްޔާ މަސައްކަތް ކުރި އެވެ. ނަމަވެސް އޭގެ ފަހުން ފެންނަނީ ކުޑަ ބަޖެޓަކުން އުފައްދާ ފިލްމުތަކުގައި ނަސީރުއްދީން ޝާހް، އަރްޝަދު ވާރްސީ ފަދަ އެކްޓަރުންނާއެކު މަސައްކަތް ކުރާ ތަނެވެ.

މިދިޔަ އަހަރު ނުކުތް "މިޝަން މަންގަލް" ގައި އަކްޝޭ އާއެކު މަސައްކަތްކުރުމުގެ ފުރުސަތު ވިދްޔާއަށް ލިބިފައި ވިޔަސް އެ ފިލްމުގައި ވެސް އޭނާ ކުޅެފައިވަނީ ރޮމެންޓިކް ރޯލެއް ނޫނެވެ. އަނެއްކާ އެ ފިލްމުގައި ވިދްޔާ ނުނަސް އިތުރު ހަތަރު ބަތަލާއަކު ހަރަކާތްތެރިވި އެވެ.

ވިދްޔާގެ ކުރިޔަށް އޮތީ ހިސާބުއިލްމުގެ މާހިރެއް ކަމަށްވާ ޝަކުންތަލާ ދޭވީގެ ބައޮޕިކް އެވެ. އެ ފިލްމުގައި އޭނާ އާއެކު ބައިވެރިވަނީ ސާންޔާ މަލްހޯތުރާ އާއި ޖީޝޫ ސެންގުޕްތާ އެވެ.