ބޮލީވުޑް

"ޕަރިނީތާ" ޑައިރެކްޓަރު ޕްރަދީޕް ސަރްކާރް މަރުވެއްޖެ

ވިދްޔާ ބާލަން އާއި ސައިފް އަލީ ޚާން ކުޅެފައިވާ ވަރަށް ރީތި ފިލްމެއް ކަމަށްވާ "ޕަރިނީތީ"ގެ ޑައިރެކްޓަރު ޕްރަދީޕް ސަރްކާރް މިދިޔަ ހުކުރު ދުވަހު މަރުވެއްޖެ އެވެ. އުމުރުން 68 އަހަރުގެ ޕްރަދީޕް މަރުވީ ކިޑްނީގެ ބައްޔަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ކިޑްނީ މައްސަލަ ޖެހިގެން އޭނާ ޑައިލެސިސް ހަދާތާ ވެސް މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ.

"ޕަރިނީތާ"ގެ އިތުރުން ރާނީ މުކަރުޖީ އާއި އަބީޝެކް ބައްޗަން އަދި ކޮންކޮން ސެނާ ޝަރުމާގެ "ލަގާ ޗުނުރީ މެ ދާގް" އާއި ރާނީ ކުޅެފައިވާ "މަރްދާނީ" އަދި ކާޖޮލްގެ "ހެލިކޮޕްޓަ އީލާ" އަކީ ޑައިރެކްޓަރު ޕްރަދީޕްގެ އުފެއްދުންތަކެކެވެ.

ޕްރަދީޕް މަރުވުމާ ގުޅިގެން ބޮލީވުޑްގައި އޭނާއާއެކު މަސައްކަތް ކޮށްފައިވާ ގިނަ އަދަދެއްގެ ފަންނާނުން ދަނީ ތައުޒިޔާގެ މެސެޖްތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަމުންނެވެ. އެގޮތުން އަޖޭ ދޭވްގަން ޝެއާ ކުރި މެސެޖުގައި ޕްރަދީޕް ސަރްކާރް (ދާދާ) ނެތްކަން ގަބޫލުކުރަން އަދިވެސް ދަތިވެފައިވާ ކަމަށް ލިޔެފައި ވެއެވެ. އަދި ޕްރަދީޕްގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައި ވެއެވެ.

އަޖޭގެ އިތުރުން ރާނީ އާއި އަބީޝެކް ބައްޗަން އަދި ވިދްޔާ ވެސް ވަނީ ޕްރަދީޕް މަރުވުމުގެ ހިތާމަ ފާޅުކޮށްފަ އެވެ.

ޕްރަދީޕް އަށް ފިލްމު ޑައިރެކްޓްކުރުމުގެ ފުރުސަތެއް ފުރަތަމަ ދިނީ ވިނޯދް ޗޯޕްރާ ޕްރޮޑަކްޝަނުން، އެ ކުންފުނީގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ވިދޫ ވިނޯދް ޗޯޕްރާ އެވެ. އެގޮތުން ޕްރަދީޕް ފުރަތަމަ އުފެއްދި ފިލްމަކީ "ޕަރިނީތާ" އެވެ.

އޭގެ ކުރިން 17 ވަރަކަށް އަހަރު ޕްރަދީޕް ވަނީ މެއިންސްޓްރީމް އެޑްވަޓައިޒިންގައި ކްރިއޭޓީވް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.

މޮޅު އިޝްތިހާރުތައް އުފެއްދުމުގެ ރޮނގުން ވަރަށް މަޝްހޫރުކަން ހޯދާފައިވާ ޕްރަދީޕްގެ ވަނީ ގިނަ އަދަދެއްގެ މިއުޒިކް ވީޑީއޯތައް ވެސް އުފައްދާފަ އެވެ.

"ޕަރިނީތާ" އުފައްދައިގެން ޕްރަދީޕް އަށް ނެޝަނަލް އެވޯޑު ލިބިފައި ވެއެވެ. އެއީ "ބެސްޓް ޑެބިއު ފިލްމު އޮފް އަ ޑައިރެކްޓަ" ކެޓަގަރީންނެވެ.