މި ދުވަސްވަރު ވެސް ވަށައިޖެހޭ ވިސްނުމެއް ނުގެންގުޅުމުގެ ސަބަބުން ބޭކާރު ހަރަދުތަކެއް ސަރުކާރުން ކޮށްފައިވާ ކަމަށާއި މިއީ ދައުލަތުގެ ފައިސާއިން ފައިދާ ނަގަން ފުރުސަތު ދޭން ވާނެ ވަގު ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.
ޖަމީލް މިއަދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ހުޅުމާލޭގައި ހަދާ ވަގުތީ ހޮސްޕޮޓަލަށް މިހާރު ހޭދަ ކުރާ ހަރަދަށް ވުރެ ކުޑަ ހަރަދަކުން އެކަން ކުރެވޭނެ ކަމަށެވެ. އަދި ރައްޔިތުން ނިކަމެތިވި ވަގުތު ދައުލަތުގެ ފައިސާއިން ވިޔަފާރިން ފައިދާ ނަގަން ފުރުސަތު ލިބިގެން ނުވާނެ ކަމަށާއި މި ވަގުތު ވެސް ކުރާ ކަންކަމުގެ ދެފުށް ފެންނަން ޖެހޭނެ ކަމަށެވެ. އަދި ކޮރަޕްޝަން ހިނގައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ ވަށައިޖެހޭ ވިސްނުންތަކެއް ނުގެންގުޅުމުގެ ސަބަބުން ސަރުކާރުން މިހާތަނަށް ބޭކާރު ހަރަދުތަކެއް ކޮށްފައިވާ ކަމަށާއި އޭގެ އެއް މިސާލަކީ ވިލިވަރުގައި މިލިއަނުން ހަރަދުކޮށްގެން ހެދި ކަރަންޓީނު ފެސިލިޓީ ކަމަށެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އެކި ފަރާތްތަކުގެ އަމިއްލަ މަންފާއަށް އެއްވެސް އިރަކު އަދި ވަކިން ހާއްސަކޮށް މި ދަނޑިވަޅުގައި ހޭދަކޮށްގެން ނުވާނެ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ގިނަ ރިސޯޓުތަކެއްގައި އަދި އެކި ހިސާބުތަކާއި ހުޅުމާލޭގައި ވެސް ކަރަންޓީން ފެސިލިޓީތަކާއި ފަރުވާ ދެވޭނެ އެ ވައިރަހަށް ފެސިލިޓީތައް ގާއިމްކޮށްފަ އެވެ.