ދުނިޔެ

އޮސްޓްރޭލިއާގެ އާ ބޮޑުވަޒީރު ހުވާ ކުރައްވައިފި

Sep 15, 2015

ކުރީގެ ބޮޑުވަޒީރު ޓޯނީ އެބޮޓަށް މަގާމު ގެއްލުނީ ލިބަރަލް ޕާޓީގެ ލީޑަރު ކަމުގެ މަގާމުގައި އޭނާ ބަހައްޓަން ފެނޭތޯ ބެލުމަށް އިއްޔެ ނެގި ވޯޓަކުން ބަލިވެ ވަޑައިގަތުމުންނެވެ. މި މަގާމު ޓާންބުލް ހޯއްދެވީ 54 ވޯޓު 44 ވޯޓުންނެވެ.

ވޭތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އޮސްޓްރޭލިއާގައި ހަތަރު ބޭފުޅަކު ބޮދުވަޒީރުކަން ކުރައްވާފައި ވާއިރު، ލޭބާ ޕާޓިގެ ލީޑަރުންގެ މެދުގައި ބައިބައިވުން އުފެދިފައިވާ މިންވަރު މިކަމުން ފެނެއެވެ. އެހެން ނަމަވެސް ޓާންބުލް ވއޮސްޓްރޭލިއާގެ 29 ވަނަ ބޮޑުވަޒީރުގެ ގޮތުގައި ޓާންބުލް ހުވާކުރެއްވި އިރު، އޭނާ ވިދާޅުވީ ކުއްލި ގޮތަކަށް ބޮޑުވަޒީރު ބަދަލުވިޔަސް އޮސްޓްރޭލިއާގެ ސަރުކާރު އޮތީ ބަދަހި ކަމާއެކު ކަމަށެވެ. އަދި ކަން ހިނގާދިޔައީ އޭނާ ވެސް ހީފުޅުކުރެއްވި ގޮތަށް ނޫން ކަމަށާއި އެކަމަކު މި މަގާމަށް އޭނާ ތައްޔާރު ކަމަށެވެ

ކުރީގެ ބޮޑުވަޒީރު އެބޮޓް ވަނީ ވެރިކަން ގެއްލުނު ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފައެވެ. އޭނާ ވިދާޅުވީ އެއްބޭފުޅަކަށް ވެރިކަމުގައި ހަރުލާ ނުހުރެވުމުގެ ސަބަބުން އޮސްޓްރޭލިއާއަށް ގިނަ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާނެ ކަމަކަށް އެބޮޓް ވިދާޅެއް ނުވެއެވެ. އެކަމަކު މިހާރު ބޮޑުވަޒީރު ޓާންބުލްގެ ސަރުކާރުގެ ހަމަޖެހުން ނަގާލަން މަސައްކަތް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެހާސް ހަތް ވަނަ އަހަރު ބޮޑުވަޒީރު ޖޯން ހަވާޑް ގެ އެގާރަ އަހަރުވީ ވެރިކަން ނިމުނު ފަހުން، އަވަސް އަވަހަށް ވެރިކަން ބަދަލު ވުން ވެފައި ވަނީ އޮސްޓްރޭލިއާގެ ސިޔާސީ މައިދާނުގައި އާންމު ކަމަކަށެވެ.