ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފްލޫ ކްލިނިކްތަކަށް ދާ އެންމެން ޓެސްޓު ކުރަނީ

Apr 20, 2020

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ރޯގާ ޖެހިގެން ފްލޫ ކްލިނިކްތަކަށް ދާ ހުރިހާ މީހުން މިހާރު އެ ބައްޔަށް ޓެސްޓު ކުރާނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

މިއަދު މާލެއިން އިތުރު އަށް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19އަށް ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ފްލޫ ކްލިނިކްތަކަށް ދައްކަންދިއަ މީހުން ހިމެނޭތީ، މީގެ ފަހުން އެ ކްލިނިކުތަކަށްދާ ހުރިހާ އެންމެން ކޮވިޑް-19އަށް ޓެސްޓު ކުރާނެ ކަމަށެވެ.

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އަށް މީހެކެވެ. އޭގެ ތެރެއިން ދެ މީހަކާއި ބަންގްލަދޭޝް މީހުންނެވެ. އަދި، ހަ މީހުންނަކީ ދިވެހިންނެވެ.

އޭގެ ތެރޭގައި ވެސް، ކުރިން ޕޮޒިޓިވްވި ކޭސްތަކާ ގުޅުމެއްނެތި، ފްލޫ ކްނިލިކަށް ދައްކަން ދިޔަ ތިން ދިވެހިން ހިމެނެ އެވެ. މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ދިވެހި އަންހެން މީހާއަށްވެސް ބަލި ޖެހިފައި ހުރިކަން އެނގުނީ ފްލޫ ކްލިނިކަށް ދިޔުމުން ޓެސްޓު ހެދުމުންނެވެ.

މާލެއިން މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 14 ދިވެއްސަކާއި 15 ބަންގްލަދޭޝް މީހަކާއި ދެ އިންޑިއާ މީހުންނެވެ. މީގެ ތެރޭގައި މާބަނޑު އަންހެނަކާއި ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ.

މިހާރު މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 40 އަށް އަރައިފަ އެވެ. އެއާއެކު އެ ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 60 އަރާފައިވާއިރު، އޭގެ ތެރެއިން 16 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖޭގައި ކޮވިދް-19ގެ ހާލަތު ގޯސްވަމުންދާތީ ސަރުކާރުން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މާލެ އެއްކޮށް ލޮކްޑައުން ކޮށްފައިވާއިރު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް މުޅި ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. އަދި، މާލެއިން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން ވެސް ވަނީ އަންގާފަ އެވެ.