ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލޮކްޑައުން ޕްރޮޓޮކޯލް

"ޓެސްޓުތަކުގެ ނަތީޖާ ފޯރުކޮށްދިނުމުގައި ލަސްތަކެއްވޭ"

ކޮވިޑް-19 އަށް ޓެސްޓު ކުރާ މީހުންގެ ނަތީޖާ ފޯރުކޮށް ދިނުމުގައި ލަސްވާ ކަމަށާއި އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސް އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެއްފަހަރާ ގިނަ ޓެސްޓުތަކެއް ހަދަމުންދާތީ ހުރިހާ ޓެސްޓެއްގެ ނަތީޖާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެގޮތުން މިރޭގެ މިހާތަނަށް ވެސް 300 އެއްހާ ސާމްޕަލްގެ ނަތީޖާ ނުލިބި އެބަހުރި ކަމަށެވެ. ނަމަވެސް ޓެސްޓްތަކުގެ ނަތީޖާ އަވަސް ކުރެވޭނެ ގޮތް ހެދުމަށް އިތުރު މެޝިނެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިއަލިޓީއަކީ އަޅުގަނޑުމެންގެ އެބައުޅޭ ބެކްލޮގެއް، އަޅުގަނޑުމެން ކޮންމެ ދުވަހަކު އައިސް މިކިޔާ ދޭ ނަމްބަރުތަކުން ތިޔަ ބޭފުޅުންނަށް ވެސް ފެންނާނެ ސާމްޕަލްތައް ވެސް ނަތީޖާ ނުލިބި 250 އެއްހާ ސާމްޕަލް... މިރޭ އައިއިރު 300 އެއްހާ ސާމްޕަލް އެބަހުރި ނަތީޖާ ނުލިބި،" މަބްރޫކް ވިދާޅުވި އެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ނެގެޓިވް ކޭސްތަކުގެ ޓެސްޓުތަކުގެ ނަތީޖާ ފޯރު ކޮށްދިނުމުގައި ލަސްތަކެއް އުޅޭ ކަމަށާއި އެކަން ރަނގަޅު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސަރުކާރުން މީގެ ކުރިން ބުނެފައި ވަނީ ކޮވިޑް-19 އިގެ ޓެސްޓު ހެދުމަށް ފަހު ހަ ގަޑިއިރުގެ ތެރޭގައި ނަތީޖާ ހޯދުމުގެ ގާބިލްކަން ހުރި ކަމަށެވެ. އެހެންކަމުން ހަ ގަޑިއިރާއި 12 ގަޑިއިރުގެ ތެރޭގައި ނަތީޖާ ފޯރުކޮށްދެވޭނެ ކަމަށް ކުރިން ބުނެފައިވެ އެވެ.

ނަމަވެސް ފަހަކަށް އައިސް ނަތީޖާ ނުލިބޭ ކަމުގެ ޝަކުވާތަކާއި ތިން ދުވަސް ފަހުން ނަތީޖާ ފޯރުކޮށްދޭނެ ކަމަށް އެޗްޕީއޭ އިން ބުނާ ކަމުގެ ޝަކުވާގެ އަޑު ވަނީ ގަދަވެފަ އެވެ. އަދި ޑައިރެކްޓް ކޮންޓެކްޓްވެފައި ތިބި ފަރާތްތައް ދިރިއުޅުނު ތަންތަން ޑިސްއިންފެކްޓު ކުރުން ވެސް ލަސްވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނަމުންދެ އެވެ.

މާލޭގައި މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 47 އަކަށް އަރައިފަ އެވެ.