ދުނިޔެ

ކުރިއަށް އޮތީ ދުނިޔެ ދެކިފައި ނުވާހާ ހޫނު ދެ އަހަރު: ސައިންސްވެރިން

Sep 15, 2015

އިނގިރޭސި ވިލާތުގެ މޫސުމާ ބެހޭ އޮފީހުން ބުނީ ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭހުގެ މިންވަރު އިތުރުވުމުގެ ސަބަބުން މޫސުމަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ކޮޅުމަތި ފެންނަން ފަށާފައިވާ ކަމަށެވެ.

މި އަހަރު ވެސް ދުނިޔޭގެ ބޭރުފަށަލައިގެ ހޫނު މިން އެވަރެޖް ކޮށް އުޅެނީ ރެކޯޑް މިންގަނޑެއްގައެވެ. ސައިންސް ވެރިން ގަބޫލުކުރާ ގޮތުގައި ގުދުރަތީ ހާދިސާތަކުގެ ސަބަބުން ދުނިޔެ ހޫނުވުމަށް ބާރުދިނަސް، މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އިންސާނުންނެވެ.

ރީޑިން ޔުނިވަސިޓީގެ ޕްރޮފެސަރަކު ވިދާޅުވީ އަލިފާން ފަރުބަދަ ގޮވުމުގެ ބޮޑު ހާދިސާއެއް ނުހިނގައިފިނަމަ، މި އަހަރާއި އަންނަ އަހަރަކީ ތާރީހުގައި ރެކޯޑް ކުރެވޭ އެންމެ ހޫނު އަހަރުތަކަށް ވާނެ ކަން ވަރަށް ޔަގީން ކަމަށެވެ. ޔޫކޭ މެޓް އޮފީހުންވެސް ބުނީ ދުނިޔޭގެ މޫސުމަށް ބޮޑު ބަދަލެއް އައުން ކައިރި ވެއްޖެ ކަމަށާއި، މިހާރު ދުނިޔެއާއި މި ބައްދަލު ވަނީ މޫސިމީ "ޓާނިން ޕޮއިންޓަކާ" ކަމަށެވެ. މި ކަމާ ގުޅިގެން ދެކުނު އެފްރިކާ، އިރުމަތީ އޭޝިޔާ އަދި ފިލިޕީންސް ފަދަ ގައުމުތަކަށް ވާރޭ ނުލިބު ފެނަށް ޖެހުމުގެ ބިރާއި ދެކުނު އެމެރިކާގެ ގައުމު ތަކުގައި ފެންބޮޑުވުމުގެ ބިރު އެބަ އޮތެވެ.

ގްރީން ހައުސް ގޭސް ބޭރުކުރާ މިންވަރު ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ކައިރި މުސްތަގުބަލެއްގައި މި ދިމާވާ މައްސަލަތަކަށް ވުރެ މާ ބިރުވެރި ބޮޑެތި މުސީބާތްތަކަކާ އަންނަން އޮތް ޖީލުތަކުން ކުރިމަތިލާން ޖެހިދާނެ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.