ދިރިއުޅުން

މަންމައެއްގެ ހަދިޔާ އެހެން މަންމައަކަށް

މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ބަލިމަޑުކަމެއްގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް އިންތިހާއަށް ދަތިތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެކަކު އަނެކަކަށް ވީވަރަކުން ހެޔޮކަން ފޯރުކޮށް ދިނުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. މިހާރު ސޯޝަލް މީޑީއާގައި ވައިރަލް ވެފައިވާ އެއް ވީޑިއޯއަކީ އިންޑިއާގެ ނިއުސް ޗެނަލުން ދެއްކި ވީޑިއޯ އެކެވެ. ވީޑިއޯގައި ފެންނަނީ އިންޑިއާގެ ދިއްލީގެ މަގުމަތީގައި ދިރިއުޅޭ މެހެކް ނަމަކަށް ކިޔާ އަންހެނެކެވެ.

މެހެކް، 22، އާއި ފިރިމީހާ އަދި ދެ މަހުގެ ދަރިފުޅުގެ މި ވީޑިއޯގައި އެމީހުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ގޮތާއި ކާ އެއްޗެއް ނުލިބި ނުކައި ހުރުމުގެ ސަބަބުން މެހެކްގެ ދަރިފުޅަށް ދޭނެ ކިރު އޭނާ ކައިރިއަށް ނޭރޭތީ ކުއްޖާއަށް ކިރު ނުދެވިގެން އުޅޭ ކަމަށް މެހެކް ބުނެ އެވެ.

މި ވީޑިއޯ އާއްމުވުމުން ދިއްލީގެ ސަރުކާރުން މެހެކް އާއި އާއިލާ ވަނީ ސަރުކާރުގެ ހިޔާވައްސަކަށް ގެންގޮސްފަ އެވެ. އަދި ސުޕަރްނާ ބެނާޖީ ކިޔާ އަންހެނަކު ވަނީ އެމީހުންނަށް ބޭނުންވާނެ ސާމާނު ހަދިޔާ ކޮށްފަ އެވެ. މި މީހާ ހަދިޔާކުރި ތަކެތީގެ ތެރޭގައި ނިއުޓްރިޝަން ފޯމިއުލާ އާއި ޑައިޕާ އަދި ބެޓްޝީޓާއި އެނޫން ވެސް ސާމާނު ހުއްޓެވެ.

ސުޕަރްނާ ބުނި ގޮތުގައި ޒުވާން މަންމަ އޭނާގެ ތުއްތު ދަރިފުޅު ގޮވައިގެން އުޅޭ ހާލު ފެނިފައި އޭނާގެ ހިތް ހަލާކުނުވީ ކިރިޔާ އެވެ.

ފުލުހުންނާ ހަވާލު ކޮށްގެން މެހެކް އަށް މި އެއްޗެހި ރައްދުކުރެވުނުކަން ޔަގީންކުރި ކަމަށް ވެސް ސުޕަރްނާ ބުންޏެވެ.
ސުޕަރްނާއަކީ އައިޓީ ވިޔަފާރިވެރިއެކެވެ. އަދި ލައިފް ކޯޗެކެވެ. އޭނާ ބުނީ އޭނާ ދުވާލަކު 20000 ކެއުން ތައްޔާރުކޮށް ފަގީރުންނަށް ބެހުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް ގެންދާ ކަމަށެވެ. އަދި މެހެކްގެ ހާލަތު މާ ގޯސްވެފައިވާތީ އޭނާއަށް ޚާއްސަ އެހީއެއް ވެދޭން ނިންމީ އެވެ. ޚުދް އޭނާއަކީ ވެސް މަންމައަކަށް ވާތީ މިއީ މަންމައެއްގެ ފަރާތުން އެހެން މަންމައަކަށް ދިން ހަދިޔާއެއް ކަމަށް ސުޕަރްނާ ބުންޏެވެ.