ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންގްލަދޭޝްގެ އިތުރު މީހަކާއެކު އަދަދު 83 އަކަށް

Apr 21, 2020

ބަންގްލަދޭޝްގެ އިތުރު މީހަކަށް މާލެ ތެރެއިން ކޮވިޑް-19 ޖެހި، ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 83 އަކަށް އަރައިފި އެވެ. އެމީހާ (ޕޭޝަންޓް 83) މިހާރު އައިސޮލޭޝަން ފެސިލިޓީއަކަށް ގެންގޮސް އޭނާއާ ގުޅުން އޮތް މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިއީ މާލެ ތެރެއިން ކޮވިޑް-19 ޖެހުނު 63 ވަނަ މީހާ އެވެ. އަދި މިއަދު ބައްޔަށް ޕޮޒިޓިވްވި 14 ވަނަ މީހާ އެވެ. މާލެ ތެރެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި 80 އަހަރުގެ މީހެއް ވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ. އެމީހާ މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ.

މިއަދު ކޮވިޑް-19 އަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ އަށް ދިވެއްސަކާއި ބަންގްލަދޭޝްގެ ފަސް މީހެކެވެ. އޭގެ ތެރެއިން 80 އަހަރުގެ މީހާ (ޕޭޝަންޓް 81) މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާދޭން ފަށާފަ އެވެ.

މިއީ މާލެއިން ކޮވިޑް-19 ޖެހުނު އެންމެ ދުވަސްވީ މީހާ އެވެ. މީގެކުރިން 60 އަހަރުގެ މީހަކަށް ކޮވިޑް ޖެހުނެވެ. އެ ނޫނިއްޔާ ދެން އެންމެ ގިނައީ އުމުރުން 30 އަހަރާއި 40 އަހަރާ ދެމެދު މީހުންނެވެ. ތިން ކުޑަ ކުއްޖަކަށް ވެސް ކޮވިޑް ޖެހިފައިވެ އެވެ.

މިއަދު ކޮވިޑަށް 14 މީހަކު ޕޮޒިޓިވްވެފައިވާއިރު ރޭގައި ބަންގްލަދޭޝް މީހަކާއި ދިވެއްސެއް ޕޮޒިޓިވްވި އެވެ. އެމީހުންނާ ގުޅުން އޮތް ފަރާތްތައް ވެސް ހޯދަމުންދާއިރު އެމީހުންނާ މާބޮޑު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.

އިއްޔެ ވަނީ ކޮވިޑް-19އަށް ޖުމްލަ 15 މީހަކު ޕޮޒިޓިވްވެފަ އެވެ. ފުރަތަމަ ޕޮޒިޓިވްވީ ދެ ބަންގްލަދޭޝް މީހަކާއި ހަ ދިވެހިންނެވެ. އޭގެ ތެރެއިން ދެ ބިދޭސީންނަކީ އިހުސާން ފިހާރައިގައި މަސައްކަތް ކުރާ ދެ މީހުންނެވެ. އެހެންވެ އެ ފިހާރައަށް ދިޔަ މީހުން ހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ އިއުލާންކޮށްފަ އެވެ.

އިއްޔެ ދެން ޕޮޒިޓިވްވެފައިވަނީ ހަތަރު ބިދޭސީންނާއި ތިން ދިވެހިންނެވެ. ބިދޭސީންއަކީ އިންޑިއާ މީހުންނެވެ.

ދެން މާލެއިން މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 14 ދިވެއްސަކާއި 15 ބަންގްލަދޭޝް މީހަކާއި ދެ އިންޑިއާ މީހުންނެވެ. މީގެ ތެރޭގައި މާބަނޑު އަންހެނަކާއި ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ.

މާލޭގައި މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ލިލީ ސްޓޯރާ ގުޅުން އޮތް ކްލަސްޓާއިންނެވެ. އެގޮތުން އެތަނުގެ ދިވެހި މުވައްޒަފަކާއި 13 ބިދޭސީ މުވައްޒަފަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެމީހުން ގުޅުން އޮތް 68 މީހަކު ވަނީ ފާހަގަކުރެވިފަ އެވެ. އެމީހުންގެ ޓެސްޓްތައް ދަނީ ހަދަމުންނެވެ.

އެންމެ ނުރައްކާ ބޮޑު ކޭސްއެއްގެ ގޮތުގައި އޮތީ، ކޮވިޑް-19އާ ގުޅިގެން ހާލަތު ދަށް ބިދޭސީން ރަނގަޅު ހާލަތަކަށް ގެންދިޔުމަށް ހަމަޖެއްސި އަމީން ހިޔާ ކުއާޓާސްގައި ހުއްޓާ ޕޮޒިޓިވްވި މީހާގެ ކޭސް އެވެ. ގިނަ އަދަދެއްގެ ބިދޭސީން އުޅޭ އެ ތަނުގައި އޭނާއާ ކޮންޓެކްޓްވީ 200 އަށްވުރެ ގިނަ މީހުން އެބަ ތިއްބެވެ. އެ ތަން ވަނީ މޮނީޓަރިން ހާލަތުގަ އެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސްވަމުންދާތީ ސަރުކާރުން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. މާލެ އެއްކޮށް ލޮކްޑައުން ކޮށްފައިވާއިރު އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ވަނީ މަނާކޮށްފަ އެވެ. ޖަމާއަތުގައި ނަމާދު ކުރުން ވެސް މުޅި ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. އަދި، މާލެއިން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން ވެސް ވަނީ އަންގާފަ އެވެ.