އައްޑޫ ސިޓީ ހިތަދޫ ޕަމްޕް ސްޓޭޝަނެއްގައި އަލިފާން ރޯވެ އަނދައިފި އެވެ.
އައްޑޫ ސިޓީ ހިތަދޫ ސްވަރޭޖް ޕަމްޕް ސްޓޭޝަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެކަން ރިޕޯޓް ކުރީ މިއަދު ހަވީރު އެވެ. ރޯވި އަލިފާންގަނޑު ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.
ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވަނީ ހާދިސާގެ މަންޒަރުތަކާ އެކު ޓްވީޓެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ސްވަރޭޖް ޕަމްޕް ސްޓޭޝަނެއްގައި ގަސްދުގައި ބަޔަކު ރޯކޮށްލި ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އާންމު ހިދުމަތްތައް ހުއްޓުވޭ ގޮތަށް ރާވައިގެން މިފަދަ އަމަލު ހިންގާ މީހުން ހޯދައި ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ހިތަދޫ ޕަމްޕް ސްޓޭޝަނުގައި ބަޔަކު ރޯކޮށްލި ކަމަށް އެ ރަށް ހިމެނޭ ސިޓީގެ މޭޔަރު ސޯބެ ވިދާޅުވިއިރު، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ދާދި ފަހަކުން ވަނީ ފަހަކަށް އައިސް ގަސްދުގައި ތަންތަނާއި ތަކެތި ބަޔަކު ވެގެން ރޯކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
އެ ގޮތުން ވަރަށް ފަހުން އދ. މަހިބަދޫ ފަޅު ތެރޭގައި އޮތް ފަސް ލޯންޗެއްގައި ރޯކޮށްލި ހާދިސާއާ ގުޅިގެން އޭގެ ޒިންމާ ހަރުކަށި ފިކުރުގެ ޖަމާއަތެއްގައި ކަމުގައިވާ އައިސިސް އިން ވަނީ ނަގައިފަ އެވެ..މަހިބަދޫގައި ރޯކޮށްލި ލޯންޗުތަކުގެ ތެރޭޣައި ފުލުހުންގެ ލޯންޗަކާއި ސީ އެމްބިއުލާންސެއް ހިމެނެ އެވެ.