އައްޑޫ ސިޓީ

އައްޑޫ މާރާމާރީ: މީހަކު ހައްޔަރު ކޮށްފި

އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު މީހަކު ޒަހަމްކޮށްލި މައްސަލައިގެ ތުހުމަތަށް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ފްލެޓް ކައިރިން މީހަކަށް ވަޅިން ހަމަލާދިން މައްސަލައިގެ ތުހުމަތަށް މީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ހިތަދޫގައި ހުކުރު ދުވަހު ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލީ 29 އަހަރުގެ ދިވެއްސެކެވެ. އެ ފިރިހެން މީހާގެ ބޮލާއި ގައިގެ އެހެން ތަންތަން ވެސް ޒަހަމް ކޮށްލާފައި ވެއެވެ.

ހަމަލާ ދިނުމާއި ގުޅިގެން އެ މީހާގެ ގައިން ވަރަށް ގިނަ އަދަދަކަށް ލޭ އޮހޮރި ފަރުވާ ދޭން ޖެހުނެވެ. އެ ހަމަލާ ދިން ސަރަހައްދުގައި ވަރަށް ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އާންމުވެފައިވާ ފޮޓޯތަކުން އެހެން މީހަކަށްވެސް އަނިޔާވެ ވެއްޓިފައި އޮތް މަންޒަރު ފެނެއެވެ. މަންޒަރު ދުށް ބައެއް މީހުން ބުނީ އެއީ ހަމަލާ ހުއްޓުވަން މަސައްކަތް ކުރި މީހެއް ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ އެ ރަށުގައި ދެވަނަ މާރާމާރިއެއް ވެސް ހިންގި އެވެ. އެގޮތުން ދުއްވާފައިދިޔަ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައި ވެއެވެ.