ދިވެހި ޑިވެލޮޕަރުންގެ ޕްރޮޑަކްޓެއް ކަމަށްވާ "ލޮޓީފައިލްސް" އިތުރަށް ޑިވެލޮޕްކުރަން ކުރާ މަސައްކަތަށް ދުނިޔޭގެ ވަރުގަދަ ގުރޫޕަކުން ފަންޑް ދީފި އެވެ.
ރާއްޖޭގައި މިވަގުތު ތިބި އެންމެ ކުޅަދާނަ ޑިވެލޮޕަރުން އެކުވެގެން ތައްޔާރު ކޮށްފައިވާ ލޮޓީފައިލްސް އަކީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތައް ހަދާ މީހުނަށް އެނިމޭޝަންތަކާއި މޯޝަން ގްރެފިކްސް އަދި އެޑޯބީ އާފްޓަ އިފެކްޓްސް ފަދަ އެނިމޭޝަންތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި އުފައްދާފައިވާ ޕްރޮޑަކްޓެކެވެ.
މިދިޔަ ދުވަސްތަކުގައި އެއާބީއެންބީ އާއި އޫބާ އާއި ގޫގަލް، މައިކޮރޮސޮފްޓްގެ ޑިޒައިނަރުން ވެސް އައީ "ލޮޓީފައިލްސް" ގެ ބޭނުން ކުރަމުންނެވެ. މީގެ އަހަރު ދުވަސް ކުރިން ލޯންޗްކުރި "ލޮޓީފައިލްސް" އަށް ޑިޒައިނަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު އެ ޕްރަޑަކްޓް އިތުރަށް ޑިވެލޮޕް ކުރަން ފައިވްހަންރެންޑް ސްޓާއަފް އަދި އެޑޯބީ ޑިޒައިންގެ ފަންޑިން މިހާރު ވަނީ ހަމަޖެހިފަ އެވެ.
މިއީ ދިވެހި ޑިވެލޮޕަރުންގެ މަސައްކަތް ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ ކަމުގެ ވަރަށް ބޮޑު ހެއްކެކެވެ. ހާއްސަކޮށް މުޅި ދުނިޔެ ވެސް މާލީ ބޮޑެތި ގޮންޖެހުންތަކެއްގައިވާ މިފަދަ ދަނޑިވަޅެއްގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ފަންޑިންދޭ ދެ ގުރޫޕަކުން ދިވެހި ޑިވެލޮޕަރުންގެ ޕްރޮޑަކްޓަކަށް ފަންޑް ދިނުމަކީ މި ދާއިރާއިން ދިވެހި ޒުވާނުންނަށް ކުރިއަށް ދެވިދާނެކަން ސާބިތު ކޮށްދިން ކަމެކެވެ.
ރާއްޖޭގެ ކުޅަދާނަ ޑިވެލޮޕަރެއް ކަމަށްވާ ނަސްރުﷲ އަދުނާން (ނައްޓު) ވިދާޅުވީ މިއީ ދިވެހި ޑިވެލޮޕަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. ހާއްސަކޮށް ދިވެހިންނަކީ ކޮންމެ ދާއިރާއަކުން ވެސް ދުނިޔޭގައި ފާހަގަ ކޮށްލެވޭ ހިސާބަކަށް ދެވިދާނެ ބައެއްކަން މިކަމުން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް ނައްޓު ވިދާޅުވި އެވެ.
"މީގެން މި ބުނެދެނީ ދިވެހިންގެ ހުނަރުވެރިކަން ހުރިކަން. އެ ހުނަރުވެރިކަން ދައްކައިދިނުމުން ދުނިޔެ އެކަން ބަލައިގަންނަ މިންވަރު. ދުނިޔޭގެ އެންމެ މަތީ ލެވެލްގައިވެސް ދިވެހިންނަށް މަސައްކަތް ކުރެވޭނެ ކަން."
"ލޮޓީފައިލްސް"ގެ ކާމިޔާބީގައި ދިވެހިންގެ ދިހަ ޑޮވެލޮޕަރެއްގެ ހިއްސާ އެބައޮތެވެ. އަދި އެ ޓީމާއެކު މި ސަރައްހައްދުގައި ފާހަގަކޮށްލެވޭ އިތުރު ބައެއް ޑިވެލޮޕަރުން ވެސް ބައިވެރި ވެއެވެ.