ޒުވާނުންނަކީ ހުނަރުވެރި ބަޔަކަށް ހެދުމުގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީންނާއި ޓިވެޓް އޮތޮރިޓީން ގުޅިން ހިންގާ ގައުމީ އެޕްރެންޓިޝިޕް ޕޮރްގްރާމް އިފްތިތާހުކޮށްފި އެވެ.
އެޕްރެންޓިޝިޕް އިފްތިތާހު ކޮށްދެއްވީ މިއަދު ކަސްޓަމް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓެކްނެލޮޖީ މިނިސްޓަރު މަލީހު ޖަމީލް އެވެ. އެޕްރެންޓިޝިޕް ޕްރޮގްރާމް އިފްތިތާހު ކޮށްދިނުމަށްފަހު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ފުޅާވެގެން ދާއިރު ވަޒީފާ ނުލިބޭ ކަމުގެ ޝަކުވާއަކީ އާންމު ޝަކުވާއެއް ކަމަށެވެ.
މަލީހު ވިދާޅުވީ، އިގްތިސާދު ފުޅާވިޔަސް ބައެއް ޒުވާނުންނަކީ ވަޒީފާއަކަށް ދާން ބޭނުންނުވާ މީހުން ކަމަށެވެ. އަދި އެފަދަ ޒުވާނުން ވަޒީފާއަކަށް ނުދިޔަ ނަމަވެސް އަމިއްލަ މަސައްކަތެއް ކޮށްގެންވެސް ގައުމުގެ ތަރައްގީގައި ބައިވެރިވާން ޖެހޭ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ޓެކްނެލޮޖީގެ ދާއިރާ ކުރިއަރުންވަން ޖެހޭ ކަމަށެވެ. ސަބަބަކީ މިހާރު ބޭރު ގައުމުތަކުގައި މަސްވެރިކަމާއި ދަނޑުވެރިކަން ކުރަންވެސް ޓެކްނެލޮޖީގެ އެހީ ހޯދަމުންދާ ކަމަށެވެ. އެހެންކަމުން އެޕްރެންޓިޝިޕް ޕްރޮގްރާމްގައި އައިޓީ އާއި ގުޅޭ ގިނަ ޕޮރްގްރާމްތަކެއް ހިންގާނެ ކަމަށެވެ.
ގައުމީ އެޕްރެންޓިޝިޕް ޕްރްގްރާމްގައި 1000 ދަރިވަރުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލު މިންގަނޑުގެ ތެރެއިން ތަފާތު ދާއިރާތަކުން ތަމްރީނު ކުރާނެ އެވެ. ތަމްރީނުތަށް ފޯރުކޮށް ދޭނީ ސަރުކާރުގެ ކުންފުނިތަކުންނާއި ރިސޯޓް ތަކުންނެވެ.
އެޕްރެންޓިޝިޕް ޕޮރޮގްރާމް ދަށުން ޓޫރިޒަމާއި، ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީނު ކުރާނެ އެވެ. ޕްރޮގްރާމް ދަށުން ހިންގާ ހުރިހާ ތަމްރީނުތަކެއް ބަލަހައްޓައި އެސެސެމެންޓް ހަދަނީ ޓިވެޓް އިންނެވެ.