ފިނިޕޭޖް

ފަރިވާ އިން ހިންދީ ފިލްމެއް އުފެއްދުން: ބަންޑުންވީ ކޮން ކަހަލަ އިހްސާސެއް!

ފަރިވާ ފިލްމްސް އިން ހިންދީ ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާކަން އިއުލާނުކުރުމާ އެކު ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު މި ވަނީ އެ ޚަބަރެއް ކިޔައި މަލާމާތް ކުރަން ފަށައިފަ އެވެ.

ރާއްޖޭގެ މަޝްހޫރު ޕްރޮޑިއުސަރު މަހުމާ ހުސެއިން ރަޝީދުގެ ފަރިވާ ފިލްމްސް އިން އުފައްދާ ހިންދީ ފިލްމަކީ "އާންކޯން ބަރު އާކާޝް" އެވެ. ފަރިވާ އަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ހުސެއިން މިހާރު އެ ވަނީ ފިލްމުގެ މަސައްކަތް އިއުލާނުކޮށް އޭގެ ނުރަސްމީ ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ.

ފާހަގަކޮށްލަން ޖެހެނީ މި ޚަބަރެއް ނޫސްތަކުން ގެނެސްދިނުމުން ފާޑުކިޔުމާއި މަލާމާތް ނޫން އެހެން އެއްޗެއް ރައްދުވެފައި ނުވާ ކަމެވެ. އެގޮތުން ބައެއް މީހުން ފިލްމުގެ ޕޯސްޓަރަށް ހަމަލާ ދިންއިރު އަނެއް ބަޔަކު ބުނެފައި ވަނީ "ލަދުން ބޯހަލާކު" ކަމަށެވެ.

އަދި އަނެއް ބައެއްގެ ހިޔާލުތަކަށް ބަލާއިރު ހިންދީ ފިލްމެއް އުފައްދަން އުޅޭ ކަމަށް މަހްމާ ހުސެއިން ރަޝީދު ބުނާ ވާހަކަ ގަބޫލުކުރާހެނެއް ވެސް ހީއެއް ނުވެ އެވެ.

ނަމަވެސް ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މަހްމާ ހުސެއިން ރަޝީދަކީ ސަމާސާއެއް ނޫން ކަމެވެ. އޭނާގެ އާއިލާ އާއި ބޮލީވުޑާ ދެމެދު އޮތީ ވެސް ހިތާއި ހިތުގެ ގުޅުމެކެވެ.

އެމީހުންގެ އާއިލީ ވިޔަފާރިއެއްގެ ދަށުން އޭނާގެ ބޭބެ އަބްދުއް ރަޝީދު ހުޅުވި މަޝްހޫރު ފިހާރައެއް ހުޅުވަން ވެސް އެއް އިރެއްގައި ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް ގެނަ އެވެ. އަދި ކުމާރު ގޯރަވް އާއި ސަންޖޭ ދަތު ހިމަނައިގެން "ލޯބިވެވިދާނެ" އޭ ކިޔުނު ފިލްމެއް ވެސް ޝޫޓްކުރި އެވެ.

އެހެންވީމަ ހުސެއިން ރަޝީދު އިންޑިއާގެ ބަޔަކާ ގުޅިގެން ހިންދީ ފިލްމެއް ޕްރޮޑިއުސްކުރަން އުޅޭތީ އެކަމާ ދިމާ ނުކުރާށެވެ. އޭނާގެ މި މަސައްކަތް ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭގައި ހަގީގަތަކަށް ހަދާނެ އެވެ.

މި ފިލްމެއްގެ މަސައްކަތް އިއުލާނު ކުރުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ހުސެއިން ވިދާޅުވީ ވަރަށް ގިނަ ބަޔަކަށް އޮތީ މި ޕްރޮޖެކްޓްގެ ވާނުވާ ނޭނގިފައި ކަމަށެވެ.

"ބައެއް މީހުންނަށް ހީވަނީ ދިވެހިންނަށް ހިންދީ ފިލްމެއް ހަދަން އުޅެނީހެން. އެއްގޮތަކަށް ވެސް އެހެންނެއް ނޫން. މިއީ 100 ޕަސެންޓް ހިންދީ ފިލްމެއް،" ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ހުސެއިން ބުންޏެވެ.

އޭނާ ބުނީ ފަރިވާ އަށް 25 އަހަރު ފުރިގެން ހިންދީ ފިލްމެއް އުފެއްދުމަށް ނިންމީ ދިވެހި ފިލްމީ ދާއިރާ އަށް އަދި މި ދާއިރާގެ ފަންނާނުންނަށް އިތުރު ތަރައްގީ އާއި ފާގަތި މުސްތަގުބަލެއް އެދޭތީ ކަމަށެވެ.

"ރާއްޖޭގައި ފިލްމު އުފައްދައިގެން އަޅުގަނޑަށް ލިބޭނެ ހުރިހާ ކާމިޔާބީއެއް މިހާރު ލިބިއްޖެ. އެންމެ މުހިންމު އާންމު ހިދުމަތުގެ އިނާމު ވެސް ލިބިއްޖެ،" ހުސެއިން ބުންޏެވެ.

"އެހެންވީމަ އަޅުގަނޑު މިހާރު ގަބޫލުކުރާ ގޮތުން ރާއްޖޭގެ ފިލްމީ ދާއިރާ އަށް އިތުރު ކުރިއެރުންތަކެއް ލިބެން އޮތީ އަޅުގަނޑުމެން ރާއްޖޭގެ ތޮށިގަނޑު ފަޅާލާފައި ބޭރަށް ވެސް ނުކުމެގެން. ފިލްމީ ދާއިރާގެ މީހުންނާއި ތަރިން އެބަޖެހޭ އެމީހުންނަށް ވުރެ މޮޅެތި މީހުންނާ އެކު މަސައްކަތްކުރަން އިތުރު ކުރިއެރުން ބޭނުން ނަމަ."

އޭނާ ބުނީ މި ފިލްމެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ އެފަދަ ތަޖުރިބާކާރުންނާއި ދިވެހި ފިލްމީ ދާއިރާ ފާލަމަކުން ގުޅުވާލުން ކަމަށެވެ.

މި ފިލްމު އުފައްދަނީ އިންޑިއާގެ ތަޖުރިބާކާރު ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގައި ހުސެއިން ރަޝީދު ސިފަކުރާ ހެރިޓޭޖު ޕިކްޗާސްއާ ގުޅިގެންނެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ފިލްމު އުފެއްދުމުގެ މަސައްކަތުގައި 25 އަހަރު ހޭދަކޮށްފައިވާ ތަޖުރިބާކާރުންގެ އާއިލާއަކަށް ނިސްބަތް ފަރާތެއް ކަމަށްވާ ދީޕަކް ރާޖް ޝަރުމާ އެވެ.

މަހުމާ އަކީ ހުސެއިންގެ ނިކަން ގާތް ރައްޓެއްސެއް ވެސްމެ އެވެ.

މި ފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެކެވެ. ފިލްމުގައި ދައްކުވައި ދޭނީ ލޯފަން އަންހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެކެވެ.

ފިލްމުގައި ލީޑްރޯލު ކުޅޭ ދެ އެކްޓަރުންގެ ތެރެއިން އެކަކަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ މަހީމާ ޗައުދަރީގެ ކޮއްކޮއެއް ކަމަށް ހުސެއިން ރަޝީދު ބުންޏެވެ. އޭނާ ބުނީ ފިލްމުގެ އެހެން ތަރިންނަކީ މަގުމަތިން ހޮވާލެވިފައިވާ ތަރިންތަކެއް ނޫން ކަމަށާއި މިއީ މުޅިން ވެސް އެހެން ފިލްމުތަކުގައި ކުރިން ވެސް މަސައްކަތްކޮށްފައިވާ އެކްޓަރުން ފެނިގެންދާނެ ފިލްމެއް ކަމަށެވެ.

ފިލްމަށް މި ފެންވަރުގެ ތަރިން ނެގުމަށް ޚަރަދުކުރި ވަރާއި ފިލްމުގެ ބޮޑު ބަޖެޓް ވެސް އިއުލާނުކުރަން ހުސެއިން އަދި ބޭނުމެއް ނުވެ އެވެ.

އޭނާ ބުނީ ހެރިޓޭޖު ޕިކްޗާސްއާ އެއްބަސްވެފައި ވަނީ މި ފިލްމު އިންޑިއާގެ އިތުރުން ޔޫކޭ އާއި ކެނެޑާ އަދި ބަންގްލާދޭޝްގެ އިތުރުން ނޭޕާލް އާއި ސައޫދީ އަރަބިއްޔާ ގައި ވެސް ފިލްމު ޑިސްޓްރިބިއުޓްކޮށް ޝޯތައް ދެއްކުމަށެވެ.

"އިންޑިއާގައި މި ފިލްމު ބަލައިގަންނާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް އަޅުގަނޑަށް،" ހުސެއިން ބުނަނީ މިހެންނެވެ.

މަހުމާ ހުސެއިން ރަޝީދުގެ ޕްރޮޑަކްޝަން ހައުސްގެ ފެށުމަކީ "ލޯބީގެ ތޫފާން" އެވެ. އެ ހިސާބުން ފެށިގެން ތޫފާނެއްހެން އެނބުރެމުން އަންނަ މި ޕްރޮޑިއުސަރު ވަނީ މިހާތަނަށް 50 އަށް ވުރެ ޕްރޮޑަކްޝަން ދިވެހިންނާ ހަމަ އަށް ގެނެސްދީފަ އެވެ.

އޭނާ އެންމެފަހުން ގެނެސްދިނީ "ސަޒާ" އާއި "ރަންދަރި" އަދި "އަނިޔާ" އެވެ.