ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ބޮޑުވަޒީރުގެ ގަރާރުން ހޮލެންޑްގެ ސީޒަން ކެންސަލް؟

ސެޕްޓެމްބަރު މަހާ ހަމައަށް، ހޮލެންޑްގައި ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލާފައި ބޭއްވުމަށް، ބޮޑުވަޒީރު މާކް ރޫޓޭގެ ގަރާރަކުން އެންގެވުމުން ހޮލެންޑްގެ ފުޓްބޯޅަ ސީޒަން ގާތްގަނޑަކަށް ކެންސަލް ވެއްޖެ އެވެ.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑު ކަމާ ގުޅިގެން، ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ބޮޑު ވަޒީރު މާކް ރޫޓޭ، ނިންމެވީ ކުޅިވަރާއި މިޔުޒިކް ޝޯތަކާއި އާންމުން އެއްވެ އުޅޭ ހަރަކާތްތައް ކުރިއަށް ތިން މަހުގައިވެސް ސަސްޕެންޑް ކުރުމަށެވެ.

ބޮޑުވަޒީރުގެ ގަރާރާ ގުޅިގެން، ހޮލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަން، ކޭއެންވީބީ އިން ބުނީ، ސަޕޯޓަރުން ނުވައްދައިވެސް ސީޒަން ކުރިއަށް ނުގެންދެވޭނެކަން ބޮޑުވަޒީރުގެ ގަރާރުން އެނގޭ ކަމަށެވެ.

"އެހެންކަމުން ޕްރޮފިޝަނަލް ފުޓްބޯލް ބޮޑީން ވިސްނުން ހުރީ 2019/2020 ސީޒަން ކުރިއަށް ނުގެންދިއުމަށް،" ކޭއެންވީބީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. "ސަރުކާރުގެ ނިންމުމާ ގުޅިގެން، ކޭއެންވީބީން، ޔޫއެފާ އާއެކު މަޝްވަރާ ކުރުމަށް ފަހު ހުކުރު ދުވަހު ގޮތެއް ނިންމާނެ، އަދި މިކަމުގައި ކުލަބުތަކާއި އަދި އެކަމާ ގުޅޭ އެހެނިހެން ފަރާތްތަކާވެސް މަޝްވަރާ ކުރާނެ."

ޔޫއެފާއިން، ގައުމުތަކަށް ބާރު އަޅަމުން ދަނީ ސަސްޕެންޑް ކޮށްފައިވާ ސީޒަން، ކެންސަލް ނުކޮށް ކުރިއަށް ގެންދިއުމަށެވެ. މިދިޔަ މަހުން ފެށިގެން ޔޫރަޕްގައި ވަނީ ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓާލާފަ އެވެ.

ޑަޗް ލީގްގެ އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުން ކުރި ހޯދައިގެން އަޔެކްސް އެވެ. ޕޮއިންޓްގެ ގޮތުން އޭޒެޑް އަކްލާމާ އާ އެއްވަރެވެ. ދެ ޓީމަށްވެސް ލިބިފައި ވަނީ 56 ޕޮއިންޓެވެ.