ބޮލީވުޑް

ފިލްމު ކުޅެން ފެށުމުގެ ކުރިން އެކްޓަރުންގެ ވަޒީފާ

ސައުތު އިންޑިޔާގެ ސުޕަސްޓާ ރަޖްނީކާންތަކީ އެއް ޒަމާނެއްގައި ބަސް ކޮންޑަކްޓަރަކަށް އުޅުނު މީހެއް ކަން އެނގޭ ހެއްޔެވެ؟ އާނއެކެވެ. ފިލްމު ކުޅެން ފެށުމުގެ ކުރިން ބެންގަލޫރުގައި ދުއްވި ބަހެއްގެ ޓިކެޓް ކަނޑަން ރަޖްނީކާންތު އުޅުނެވެ. ތަމަންނާ ބާޓިއާ އަށް ބަތަލާއަކަށް ވުމުގެ ކުރިން އައިފޯނަށް އެޕެއް ތައްޔާރު ކުރި އެވެ. ކިއާރާ އަދުވާނީ ވަނީ ޕްރީ ސްކޫލް ކުދިންގެ އެހީތެރިއެއްގެ ގޮތުގައި ސްކޫލެއްގައި މަސައްކަތް ކޮށްފަ އެވެ.

"އެއީ އަހަރެންގެ ފުރަތަމަ ޖޮބް. ކުދިންނަށް ނާސަރީ ރައިމްސް ކިޔައިދީ އޭބީސީޑީ އާއި ހިސާބު އަކުރުތައް ދަސްކޮށްދިނުން ފަދަ ކަންތައް އަހަރެން އޭރު ކުރިން. އަދި ކުދިންގެ ޑައިޕާ ވެސް ބަދަލުކޮށްދިނިން،" ތަންކޮޅެއް ކުރީގެ ކިއާރާގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ޕަރިނީތީ ޗޯޕްޅާ އަކީ ޔާޝްރާޖް ފިލްމްސްގައި މާކެޓިން އިންޓާނެއްގެ ގޮތުގައި މަސައްކަތް ކުރި ޒުވާނެކެވެ. އޭނާގެ އެކްޓިން ހުނަރު ހުރިކަން އެނގުނީ އެތަނުގައި މަސައްކަތް ކުރުމުގެ ތެރޭންނެވެ.

ބަތަލާއަކަށް ވުމުގެ ކުރިން ސޯނަމް ކަޕޫރު މަސައްކަތް ކުރީ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެސިސްޓެންޓެއްގެ ގޮތުގައި ބާންސާލީ އާއެކު ސޯނަމް މަސައްކަތް ކުރީ އަމީތާބު ބައްޗަން އާއި ރާނީ މުކަރުޖީގެ ވަރަށް މޮޅު ފިލްމެއް ކަމަށްވާ "ބްލެކް" އުފެއްދިއިރު އެވެ. އަދި ސޯނަމްގެ އުމުރުން އެންމެ 15 އަހަރުގައި އޭނާ ވެއިޓަރެއްގެ ވަޒީފާ ވެސް އަދާ ކުރި އެވެ.

ސޮނާކްޝީ ސިންހާ "ދަބަންގް" އިން ފިލްމީ ދުނިޔެއަށް ނުކުތުމުގެ މަސައްކަތް މަސައްކަތް ކުރީ ފެޝަން ޑިޒައިނަރެއްގެ ގޮތުގަ އެވެ. އޭނާ ވަނީ 2005 ގައި ނުކުތް "މޭރާ ދިލް ލޭކޭ ދޭކޯ" ކިޔާ ފިލްމެއްގެ ކޮސްޓިއުމް ޑިޒައިން ކޮށްދީފަ އެވެ.
ތާޕްސީ ޕަންނޫ އަކީ އިންޖިނިއަރިން ގްރެޖުއޭޓެކެވެ. ފޮންޓްސްވެޕް ކިޔާ އެޕެއް ތާޕްސީ އަމިއްލައަށް ޑިވެލޮޕްކޮށްފައި ވެއެވެ. މިއީ އައިފޯން ބޭނުންކުރާ މީހުންނަށް ފޮންޓް ބަދަލުކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕެކެވެ.

"ކިޔޫންކީ ސާސް ބީ ކަބީ ބަހޫ ތީ"ގެ ތުލްސީގެ ރޯލުން މަޝްހޫރުވި އަދި ފަހުން މަޝްހޫރު ޕޮލިޓީޝަނަކަށް ވެފައިވާ ސްމްރިތީ އިރާނީ ވަނީ މެކްޑޮނަލްޑް ރެސްޓޯރެންޓެއްގައި ތަޅުންގަނޑު ސާފުކުރާ މީހެއްގެ ވަޒީފާ އަދާކޮށްފަ އެވެ.
ޖޯން އަބްރަހަމް އަކީ އެމްބީއޭ ޑިގްރީއެއް އޮތް މީހެކެވެ. އަދި އެންކްސަސް އެންޓަޕްރައިޒަސްގައި މީޑިއާ ޕްލޭނަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކޮށްފައި ވެއެވެ.

ރަންވީރު ސިންގް އަކީ އެޑްވަޓައިޒިން ދާއިރާގައި ކޮޕީރައިޓަރެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އޯއެންޑްއެމް އާއި ވޯލްޓާ ތޮމްޕްސަން ފަދަ މަޝްހޫރު އެޖެންސީތަކުގައި ރަންވީރު މަސައްކަތް ކޮށްފައި ވެއެވެ.

މަޝްހޫރު ސުޕަސްޓާރު ޝާހްރުކް ޚާން އެކްޓްކުރުމުގެ ދާއިރާއަށް ވަނުމުގެ ކުރިން މަސައްކަތް ކުރީ ދިއްލީގެ ކޮންސެޓް ހޯލެއްގެ އެޓެންޑެންޓެއްގެ ގޮތުގަ އެވެ.

އަމީތާބު ބައްޗަންގެ ފުރަތަމަ ވަޒީފާއަކީ ޝިޕިން ފާމެއްގެ އެގްޒެކެޓިވް އެއްގެ ވަޒީފާ އެވެ. އޭގެ ފަހުން ފްރައިޓް ބްރޯކާއެއްގެ ގޮތުގައި ވެސް އެހެން ކުންފުންޏެއްގައި މަސައްކަތް ކުރި އެވެ.

ނަވާޒުއްދީން ސިއްދީގީ އަކީ ޔޫޕީގެ ދަނޑުވެރި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ދިއްލީ އަށް ދިރިއުޅުން ބަދަލު ކުރުމުގެ ކުރިން އޭނާ މަސައްކަތް ކުރީ ޑީސްޕެންސަރީއެއްގައި ކެމިސްޓެއްގެ ގޮތުގަ އެވެ. ފަހުން ވޮޗްމޭން އަކަށް ވެސް އުޅުނެވެ. ވޮޗްމޭނަކަށް އުޅުނުއިރު ދިއްލީގެ ނެޝަނަލް ސްކޫލް ޑްރާމާ އިން ކިޔަވައިގެން އެކްޓްކުރުމުގެ މަސައްކަތް ފެށީ އެވެ.

އަކްޝޭ ކުމާރު ނުވަތަ އަސްލު ނަމުން ނަމަ ރާޖީވް ބާޓިއާ އަކީ ބެންކޮކްގެ ހޮޓަލެއްގައި ޝެފް އަކަށް އަދި ވެއިޓަރަކަށް އުޅެފައިވާ މީހެކެވެ. އޭގެފަހުން އޭނާ މުމްބައި އަށް އައިސް "ކިޅާޅީ" އިން ބޮލީވުޑަށް ތައާރަފްވީ އެވެ.