ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ބޭނުންވާ ބޭހާ، މެޑިކަލް އިކުއިޕްމަންޓް އަދި އަސާސީ ބައެއް ތަކެތި ބަންގްލަދޭޝްއިން ހަދިޔާކޮށްފި އެވެ.
ބޭހާއި މެޑިކަލް އިކުއިޕްމަންޓްތައް ހަދިޔާކޮށްފައި ވަނީ މިއަދު ހެނދުނު މާލޭ ޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ދައްކަވަމުން ފޮރިން މިނިސްޓާ އަބްދުﷲ ޝާހިދު ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކުގައި ބަންގްލަދޭޝް ރައްޔިތުންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތެއް ދިވެހި ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި ބަލިޖެހިގެން ފަރުވާދޭން ޖެހިއްޖެ ހާލަތެއްގައި ވެސް އެއްވެސް ތަފާތުކުރުމެއް ދިވެހި ސަރުކާރުން ނުގެންގުޅޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓާ މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ މިދަނޑިވަޅުގައި ބަންގްލަދޭޝް ސަރުކާރާއި އަސްކަރިއްޔާ އަދި ނޭވީއިން ރާއްޖެއަށް ފޯރުކޮށްދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ބަންގްލަދޭޝް ސަރުކާރުގެ އެހީގައި މިދިޔަ ހޯމަ ދުވަހު ވަނީ އެ ގައުމާއި ނޭޕާލްގައި ތިބި 71 ދިވެހިން ރާއްޖެ ގެނެސްފަ އެވެ. އަދި ކޮވިޑް-19 އިގެ މަސައްކަތުގައި އެހީތެރިވުމަށް 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއް ވެސް ވަނީ ރާއްޖެ ގެނެސްފަ އެވެ.