ކޮވިޑް-19 އާ ގުޅިގެން، މާލެ ލޮކްޑައުން ކުރިތާ ހަފުތާއެއްވީ އެވެ. މިހާރު އިއުލާން ކޮށްފައިވާ ގޮތުން އަދި ކުރިއަށް އެއް ހަފުތާ މިގޮތުގައި ހޭދަ ކުރަން ޖެހޭނެ އެވެ. ނުވަތަ އިތުރު މުއްދަތަކަށް މިހާލަތު ދިގު ދެމިގެން ދިއުމަކީ ވެސް ގާތުގައިވާ ކަމެކެވެ. ގޭތެރޭގައި މިހެން ތިބެތާ ހަފުތާއެއް ވެގެން ދިއުމުން ވެސް ސިކުނޑިއަށް އުނދަގޫ ވެއްޖެ އެވެ.
މާލޭގެ މާހާއުލު އޮންނަ ގޮތުން، ދަންވަރުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް މާލެ މަގުތަކަކީ ހަލޮބޮލި މަގުތަކެވެ. ހިތްހަމަޖައްސާލަން ނުކުމެލަނީ ބޭރަށެވެ. ސައިކަލްގައި ދުރަށް ދުއްވާލައި މާހައުލް ތަފާތު ކޮށްލުމަށެވެ. ނަމަވެސް ލޮކްޑައުންއާއެކު އެ ފުރުސަތު ބަންދު ވެއްޖެ އެވެ. އަބަދު ގޭތެރެގައި ތިބެން ޖެހުމުން ސިކުނޑިއަށް ވެސް އުނދަގޫވެ އެވެ. މިހެން ތިބެންވެއްޖެނަމަ ނަފުސާނީ މައްސަލަތައް މެދުވެރިވުމަކީ ވެދާނެ ކަމެކެވެ.
ސައިކޮލޮޖިކަލް ފާމްތަކާއި ކްލިނިކްތައް މިހާލަތުގައި އެކަމަށް ތިބީ ތައްޔާރު ވެގެންނެވެ. އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް ކައުންސިލިން ހޯދާނެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެފަދަ އެއް ބަޔަކީ "ތިބާ ސައިކޮލޮޖީ" ކްލިނިކެވެ.
ތިބާ ސައިކޮލޮޖީގެ ޕްރެކްޓިސް މެނޭޖާ އައިޝަތު ޝާއާ ޝަމީމް، ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުންގެ ހާލަތުގައި ކުރިމަތިވާ ނަފްސާނީ މައްސަލަތަކާބެހޭ ގޮތުން ކައުންސިލިން ހޯދަން ހުށަހަޅަ އެވެ.
"ކުޑަ ކުދިންގެ މެންޓަލް ކޭސްތަކަށް ވެސް އަޅުގަނޑުމެން ޑީލް ކުރަން،" އޭނާ ވިދާޅުވި އެވެ. "އެކުދިންގެ މައްސަލަތައް ޕޭރެންޓުން ހުށަހެޅުމުން އަލުގަނޑުމެން އެބޭފުޅުންނަށް މިކިޔައި ދެނީ ދެން ކަންތައް ކުރަން ޖެހޭ ގޮތް."
ޝާއާ ވިދާޅުވީ، މައްސަލަ ހުށަހެޅުމުން ކްލިނިކަލް ކައުންސިލިން ދޭންޖެހޭ މީހެއްނަމަ، ލޮކްޑައުން ހާލަތުގައި ވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެ ހިދުމަތް ފޯރުކޮށްދޭނެ އެވެ.
"އަޅުގަނޑުމެން ފުރަތަމަ ބަލާނީ ކޮން ގޮތަކަށްތޯ އެ މައްސަލައަކާ މެދު ޑީލް ކުރާނީ، އެއަށް ފަހު އެކަމަކަށް ޑީލް ކުރާނީ."
ނަފުސާނީ މައްސަލައަކީ، އެކަން ޖިސްމާނީ ގޮތުން ފާހަގަ ނުވިޔަސް ވޭން ހުރި ބައްޔެކެވެ. ގޭތެރޭގައި މިހެން ތިބެއްވެއްޖަމަ ނަފްސާނީ މައްސަލައަކަށް މިކަން ވެސް ވެދާނެ އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސޮއިކޮލަޖިސްޓަކާ ވާހަކަ ދައްކާލުމަކީ މުހިންމު ކަމެކެވެ. ރާއްޖޭގެ ގިނަ ސައިކޮލޮޖިސްޓުން ހިމެނޭ ވައިބާގެ ޕަބްލިކް ގުރޫޕެއް ވަނީ އުފައްދާފަ އެވެ. ނަފުސާނީ ލަފައެއް ނުވަތަ އެހީއެއް ހޯދަން ބޭނުންވުމުން، އެ މައްސަލައެއް ގުރޫޕްގައި ހިއްސާ ކުރުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ކޮރޯނާ ވަައިރަގެ ބަލި މަޑުކަމުގައި ތިއްބައި މި ބައްދަލު ކުރީ ރޯދަ މަހެވެ. ލޮކްޑައުން އާއެކު ރޯދަމުހު ކުރިއަށް ގެންދާނެ ގޮތް ލިސްޓެއް އެކުލަވާ ލެވިދާނެ އެވެ. އަޅުކަމުގައި ސީދާ ގޮތުން ހޭދަ ކުރާނީ ކިހާ ވަގުތެއް ކަމެވެ. ގުރުއާން ކިޔާވުމާއި ސިޔަރަތު އަޑުއަހާލުމަށް ހޭދަ ކުރާ ވަގުތުތަކަކީ ވެސް ހިތަށް ހަމަޖެހުން ލިބޭނެ ވަގުތެކެވެ.