ދިރާގު

ދިރާގު ރޯޑް ރޭސް އަންނަ އަަހަރަށް ފަސްކޮށްފި

ކޮވިޑް19 އާ ގުޅިގެން ދިރާގު މޯލްޑިވްސް ރޯޑް ރޭސް އަންނަ އަަހަރަށް ފަސްކޮށްފި އެވެ.

ކޮވިޑް-19 ޕެންޑަމިކް އާ ގުޅިގެން ރާއްޖެއަށާއި މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތަށް ބެލުމަށްފަހު މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ 14 ވަނަ ދުވުމުގެ ހަރަކާތް މިއަންނަ އަހަރަށް ފަސްކުރަން އެ ކުންފުނިން ނިންމައިފި އެވެ.

އަދި ހަމަ އެއާއެކު، ކޮވިޑް19 މުޖުތަމަޢުގައި އިތުރަށް ފެތުރަނަ ނުދިނުމަށާއި އިޖުތިމާއީ ގައިދުރުކަން ދަމަހެއްޓުމަށް، މީހުން ގިނައިން އެއްވާ އެއްވެސް ބޮޑު ހަރަކާތެއް މި އަހަރު ދިރާގުން ނުބާއްވާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީ ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކުން އެތަށް ހާސް މީހުން ބައިވަރިވާ ހަރަކާތެކެވެ. މެދުކެނޑުމެއް ނެތި 13 އަހަރު ވަންދެން ރާއްޖޭގައި ބާއްވަމުން އަންނަ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ފަސްކުރަން ޖެހުން ވެގެން ދިޔައީ ދިރާގަށް ވަރަށް ދަތި އަދި ހިތާމަވެރި ނިންމުމަކަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އިިތުރަށް ބުނީ އަންނަ އަހަރު، މި ޕެންޑަމިކް އިން ސަލާމަތް ވެއްޖެ ކަމުގައި ވާނަމަ، އިތުރު ފުރިހަމަކަމާއެކު ރޯޑް ރޭސް ބާއްވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

ދިރާގުން އެދެނީ، ހުރިހާ އެންމެންވެސް ސިއްހީ މާހިރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށް، ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ.