ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އަގު ކޮންޓްރޯލްކޮށްފައިވާ ބާވަތްތައް އަގު ބޮޑުކޮށް ވިއްކަނީ

Apr 22, 2020
4

ސަރުކާރުން އަގު ކޮންޓްރޯލްކޮށްފައިވާ ބާވަތްތައް ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ވިއްކަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މުދާ ގަންނަ ފަރާތްތަކާ ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގު ގާނޫނުން ބާރު ލިބިގެން، މުދަލެއް ވަކިވަކިން ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅާފައިވަނިކޮށް، ކޮންޓްރޯލުކުރެވުނު އަގަށް ވުރެ ބޮޑުކޮށް، މުދާ ވިއްކަމުންދާ ކަމަށާ، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަން ތަކުރާރުކޮށް އަންގާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އަގު ބޮޑުކޮށް މުދާ ވިއްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ ގޮތުން، އެފަދަ ޝަކުވާ އެ މިނިސްޓްރީ އަށް އީމެއިލް ކޮންސިއުމާ އެޓް އޯގް ޑޮޓްއެމްވީ އަށް މެއިލް ކުރަން އެދިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ސަރުކާރުން ވަނީ މިހާރަށް އެންމެ މުހިންމު ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރަން ނިންމާފަ އެވެ. އަގު ކޮންޓްރޯލްކޮށްފައިވަނީ ބިސް، ފިޔާ އަދި އަލުވީގެ އިތުރުން މުގެކެވެ. އަދި ޒަމާނުއްސުރެން ފެށިގެން ހަނޑޫ ހަކުރު ފުށަކީ ސަރުކާރުން އަގު ކޮންޓްރޯލް ކޮށްފައިވާ ބާވަތް ތަކެކެވެ.

ކޮވިޑާ ގުޅިގެން މި ބާވަތްތަކުގެ އަގު ކޮންޓްރޯކް ކުރުމާއެކު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާދައިގެ ފިޔާ ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 20 ރުފިޔާ އެވެ. އަދި އާދައިގެ އަލުވި ކިލޯއެއް ވިއްކޭނެ 20 ރުފިޔާ އެވެ. މީގެ އިތުރުން
ރީނދޫ މުގު ކިލޯއެއް ވިއްކޭނެ އެންމެ މަތީ އަގަކީ 45 ރުފިޔާ އެވެ. އަދި ހުދު ކުކުޅު ބިހެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.80 ރުފިޔާ އެވެ.

މިނިސްޓްރީން ވަނީ މި އަގަށް ވުރެ ބޮޑުކޮށް އަގު ކޮންޓްރޯލުކޮށްފައިވާ މުދަލެއް ވިއްކައިފި ނަމަ، ހިލާފުވާ ފުރަތަމަ ފަހަރު، އެ ފަރާތެއް އެންމެ ގިނަ ވެގެން 100,000 (އެއްލައްކަ) ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި، ކުށް ތަކުރާރުކުރާ ކޮންމެ ފަހަރަކު އެ ފަރާތް އެންމެ ގިނަވެގެން 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް، އަދި ހަ މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ވިޔަފާރި ކުރާ ތަން ބަންދުކުރުމަށް އެންގޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.