ރޯދަ މަސް

މުލަ ރޯދައަކީ ހުކުރު، ރަމަޟާން މުބާރިކް

އަންނަ ހުކުރު ދުވަހަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާން ކޮށްފި އެވެ.

ރޯދަ މަހުގެ ހަނދު ސާބިތު ކުރަން މިރޭ ބޭއްވި ޖަލްސާއަށް ފަހު އިއްވި ހަނދާބެހޭ ގަރާރުގައި މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހުކުރު ދުވަސް ކަމަށާއި ރޯދަ ހިފުމަށް ފަރުވާތެރިވެ މާތް ﷲ ރުއްސެވުމާއި މަޣުފިރަތައް އެދި ހެޔޮކަންކަން ކުރުމުގެ މައްޗަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހަނދާ ބެހޭ ބަޔާން އިއްވަވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިރޭ އިރޮއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް ރަމަޟާންމަހުގެ ހަނދު ފެންމަތި ނުވާނެކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާތީއާ މިއަދުގެ އިރުއޮއްސުމަށްފަހު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދުފެނިފައިނުވާތީއާ، އިސްލާމީ އެއްވެސް ގައުމަކަށްވެސް ރަމަޟާންމަހުގެ ހަނދު ފެނުނު ކަމުގެ އިތުބާރުހުރި އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.

އެހެން ކަމުން ރަމަޟާންމަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި ރާއްޖޭގައި އަމަލުކުރުމަށް ރާއްޖޭގައި ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މާދަމާއަކީ 1441 ވަނަ އަހަރުގެ ޝައުބާން މަހުން 30 ވަނަ ދުވަސް ކަމުގައްޔާ އަދި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.

ރޯދަ މަސް މިއަހަރު އަންނަ އިރު ކޮވިޑް-19 އިގެ ބަލާމުސީބަތާއެކު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މިސްކިތްތަކުގެ ޖަމާއަތް ހަދައިގެން ނަމާދު ކުރުން ވަނީ ހުއްޓާލާފަ އެވެ. އަދި މުލަ ރޯދަ ހުކުރާ ދިމާވާއިރު ހުކުރުގެ ޖަމާއަތްވެސް ވަނީ މެދުކަނޑާލާފައެވެ.