ހަބަރު

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން ހުކުރު ދުވަހުގެ ރޭ

މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރަން ހެކިބަސް ދިނުން ބުދަ ދުވަހު ކުރިއަށް ގެންދިއުމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފި އެވެ.

ޑީޖޭއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަނދު ފެނިގެން ހެކިބަސްދޭންޖެހިއްޖެނަމަ ހުކުރު ދުވަހުގެ ހަވީރު 18:00 ފެށިގެން އިރުއޮއްސި 19:30 އަށް ކޯޓް ހުޅުވޭނެ އިންތިޒާމް ގާއިމްކޮށް ތައްޔާރީ ހާލަތުގައި ތިބުމަށާއި މެޖިސްޓްރޭޓް ގާއިމްވެފައި ނެތް ރަށެއްގައިނަމަ އޯޑިއޯ/ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށެވެ.

ހަނދު ފެނިއްޖެނަމަ ހެކިބަސް ދިނުމަށް އެދޭ މީހުން އެކަންކުރުމަށްޓަކައި ގުޅާނެ ނަންބަރެއް ރަށުގައި އިއުލާނު ކުރަންޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ހަނދު ފެނިއްޖެ ކަމަށް ހެކިބަސް ދީފިނަމަ ހުކުރު ދުވަހުގެ އިރޮއޮއްސި 18:45 ކުރިން ޑީޖޭއޭއަށް އެންގުމަށްވެސް ވަނީ އެދިފައެވެ.

ހަނދު ފެނިގެން އެކަމުގެ މައުލޫމާތުދޭއިރު ހަނދުހުރި އުސް މިނާއި، މިސްރާބާއި އެ ނޫންވެސް އެފަދަ މުހިންމު މައުލޫމާތު ދޭންޖެހެ އެވެ. ހަނދާބެހޭ ގޮތުން، ގޮތެއް ނިންމާނީ ހަނދާބެހޭ ކޮމެޓީގެ ޖަަލްސާއަށް ފަހުގަ އެވެ.

ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ. މިއަހަރުގެ އީދު ނަމާދުގެ ޖަމާއަތް ވަނީ ކެންސަލްކޮށްފައެވެ. އަދި ގޭގައި ނަމާދު ކުުރުމަށް ވަނީ އަންގާފައެވެ.