އޮފްބީޓް

ޑެންޓިސްޓަށް ނުދެއްކިގެން ދަތް އުފުރާލީ އަމިއްލައަށް

އިނގިރޭސިވިލާތުގެ މީހަކު ދަތުގައި ރިއްސާވަރުން އިމަޖެންސީ ޑެންޓަލް އެޕޮއިންޓްމަންޓެއް ހޯދަން އުޅެ އުޅެ ނުލިބިގެން އެންމެ ފަހުން އަމިއްލައަށް ދަތް އުފުރާލައިފި އެވެ.

އިނގިރޭސި ވިލާތު ނޫހަކުން ބުނެފައިވާ ގޮތުގައި ބިލީ ޓޭލާ، 33، ގެ ދަތެއް އިންފެކްޓްވެގެން ރިއްސާ ވަރުން ހަދާނެ ގޮތް ނޭނގިގެން އަމިއްލައަށް ދަތް އުފުރާލަން ގާތްގަނޑަކަށް ގަޑިއެއްހާއިރު ނެގި އެވެ. މިކަމުގައި އޭނާއާ ބައިވެރިވީ އޭނާގެ ފިރިހެން ދަރިފުޅެކެވެ.

ބީބީސީ އާ ވާހަކަ ދައްކަމުން ޓޭލާ ބުނީ އޭނާ ދަތުގަ ރިއްސާތީ ޑެންޓިސްޓެއްގެ އެޕޮއިންޓްމެންޓެއް ހޯދަންވެގެން ކަމާ ބެހޭ ނަންބަރަށް ގުޅުމުން އޭނާއަށް ނޭވާ ލާން އުނދަގޫ ނުވާނަމަ ޑޮކްޓަރަށް ނުދެއްކޭނެ ކަމަށް ބުނި ކަމަށެވެ.

"އަހަރެންގެ ޑެންޓިސްޓަށް ގުޅާފަ އެޕޮއިންޓްމަންޓެއް ދޭށޭ ބުނީމަ ބުނެފަ އިމަޖެންސީ އެޕޮއިންޓްމަންޓް ލިސްޓުގައި ނަން ނޯޓް ކޮށްދޭނަމޭ. ނަމަވެސް އޭނާއަށް ޑޮކްޓަރަށް ދެއްކޭނެ ވަކި ދުވަހެއް ނޭނގެޔޭ. އެހެންވެ 111 އަށް ގުޅީ. އެ ތަނުން ބުނީ ނޭވާ ހުއްޓެންޏާ ނޫނީ އެހީތެރި ވެވޭކަށް ނެތޭ،" ޓޭލާ ކިޔައިދިނެވެ.

ހަދާނެގޮތް ހުސްވެގެން ވަރަށް ބައިވަރު އައިސްޕެކް ޖައްސައިގެން އެތަން ވަރަށް ބޮޑަށް ފިނިކޮށް އިހްސާސް ނުވާވަރު ކޮށްފައި ދަތް އުފުރާލީ އަމިއްލައަށް ކަމަށް ޓޭލާ ބުންޏެވެ.

"އަހަރެން ހީކުރީ ދަތް އުފުރާލަން ނެގީ 20 ވަރަކަށް މިނިޓް ކަމަށް. ނަމަވެސް ދަތް އެ މަސައްކަތަށް ދޮޅުގަޑިއިރު ހޭދަވި،" ޓޭލާ ބުނެފައި ވެއެވެ.

ނަމަވެސް އޭނާގެ ދަތް މިގޮތަށް ނެގުނަސް މިއީ ގޭގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށައި އެކަކުވެސް މިފަދަ ގޮތަކަށް ކަންތައް ނުކުރުމަށް ޓޭލާ ނަސޭހަތްތެރިވި އެވެ. ސަބަބަކީ މީގެ ސަބަބުން ފުރާނައަށް ގެއްލުންވާ ވަރުގެ މައްސަލައެއް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެތީ ކަމަށް އޭނާ ބުންޏެވެ.

އިނގިރޭސިވިލާތުގެ ޑޮކްޓަރަކު އެ ގައުމުގެ އެހެން ނޫހަކަށް ބުނެފައިވާ ގޮތުގައި ދަތް އުފުރުން ފަދަ އެއްވެސް ކަމެއް މި ދުވަސްވަރު އެއްވެސް ކްލިނިކެއްގައި ކުރުމަކަށް ހުއްދައެއް ނެތެވެ. އެހެންވެ އިމަޖެންސީކޮށް އަންނަ މީހުންނަށް ވެސް ލިޔެދޭން ޖެހެނީ ބޭހެވެ. ސަބަބަކީ އެކަށީގެންވާ ހެދުމާއި މާސްކް ފަދަ އެއްޗެތި ނުލިބޭތީ އެވެ.

އަނގައިގެ އެއްވެސް ސާޖަރީއެއް މި ދުވަސްވަރު ނަހަދަނީ އަނގަޔާއި ކަރުތެރެއަކީ ކޮރޯނާވައިރަސް އެންމެ ގިނައިން ހުންނާނެ ހިސާބަށް ވާތީ އެވެ.