ލިވަޕޫލް

ބެސިކްޓަސްއިން މުސާރަ ނުދޭތީ ކަރިއަސް ލިވަޕޫލަށް

ލިވަޕޫލްގެ ލޯނު އެއްބަސްވުމެއްގެ ދަށުން، ތުރުކީގެ ބެސްކިޓަސްއަށް ކުޅެމުންގެންދާ ކީޕަރު، ލޮރިސް ކަރިއަސްއަށް މުސާރަ ނުދޭތީ، ކަރިއަސް އެނބުރި ލިވަޕޫލަށް ދާން ތައްޔާރު ވެއްޖެ އެވެ.

ބެސިކްޓަސްއަށް 2018 ވަނަ އަހަރު ބަދަލުވި، ކަރިއަސް އަށް ވަނީ ފީފައަށް މައްސަލަ ހުށަހަޅާފަ އެވެ. ފީފާއަށް އޭނާ ލިޔެފައި ވަނީ މިދިޔަ މަހު ތުރުކީގެ ސުޕަ ލީގް ހުއްޓާލި ފަހުން އޭނާއަށް މުސާރަ ނުދޭ ކަމަށާއި އެހެންވެ އެ ޓީމާއެކު އޮތް ކޮންޓްރެކްޓް ބާތިލު ކޮށްދޭން އެދޭ ކަމަށެވެ.

މިއީ ބެސިކްޓަސްގެ މައްސަލަ ހިފައިގެން އޭނާ، ފީފާ އާ ހަމައަށް ދިޔަ ދެ ވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް އޭނާއަށް ދޭން ޖެހޭ ހަތަރު މަހުގެ މުސާރަ ނުދީ އޮތުމުން، އެ މައްސަލަ ފީފާއަށް ހުށަހެޅި އެވެ. އެހެންނަމަވެސް ފީފާއިން މައްސަލަ ބަލަން ފެށުމުގެ ކުރިން ބެސްކިޓަސްއިން ވަނީ އޭރު މުސާރަތައް ދީފަ އެވެ.

ބެސްކިޓަސްއިން އެއްބަސް ވެފައި ވަނީ، ކަރިއަސްއަށް މުސާރައިގެ ގޮތުގައި ކޮންމެ ސީޒަނެއްގައިވެސް 400،000 ޔޫރޯ ދިނުމަށެވެ. އޭނާ ވަނީ އެ ކުލަބާއެކު ދެ އަހަރުގެ ލޯން އެއްބަސްވުމެއް ހަދާފަ އެވެ.

ލޯން އެއްބަސް ވުމެއްގެ ދަށުން، ކަރިއަސް ޓީމަށް ގެނައުމަށް އިސްތަންބޫލަށް ނިސްބަތްވާ ކުލަބުން ވަނީ 2.25 މިލިއަން ޕައުންޑް ހޭދަ ކޮށްފަ އެވެ. މި އަހަރު އޭނާގެ ލޯން އެއްބަސްވުން ހަމަވާއިރު، އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރަން ބޭނުންނަމަ ބެސްކިޓަސްއިން 7.25 މިލިއަން ލިވަޕޫލަށް ދޭން ޖެހޭނެ އެވެ.

ޗެމްޕިއަންސް ލީގްގެ 2018 ވަނަ އަހަރުގެ ފައިނަލުގައި ލިވަޕޫލަށް ކުޅުނު މެޗަށް ފަހު، އޭނާ ލިވަޕޫލަށް މެޗެއް ކުޅެފަ އެއް ނުވެ އެވެ. ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވީ ކަރިއަސްއަށް ހެދުނު ބޮޑެތި މިސްޓޭކުތަކުންނެވެ. ލިވަޕޫލާއެކު އޮތް އޭނާގެ އެއްބަސްވުން ހަމަ ވާނީ 2022 ވަނަ އަހަރު އެވެ.