ރޯދަ މަސް

ނަމާދުކޮށް ގުރުއާން ކިޔެވުން އިތުރު ކުރަން ރައީސް ގޮވާލައްވައިފި

މި އަހަރުގެ ރޯދަ މަސް ބައްދަލު ކުރީ މިއިން ޒަމާނެއްގައި ވެސް އިންސާނުން ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ އިމްތިހާނަކާ ކުރިމަތިވެފައިވާ ހާލަތެއްގައި ކަމަށާ މި ދަނޑިވަޅުގައި ރޯދަ މަސް ބައްދަލު ކުރުމަކީ ނުރައްކާތެރި ބަލިމަޑު ކަމުން އަރައިގަތުމަށް މާތްﷲ މެދުވެރި ކޮށްދެއްވި މަތިވެރި ނަސީބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރޯދަ މަސް ފެށުމުގެ މުނާސަބަތުގައި މިރޭ ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19 އިގެ ބަލިމަޑުކަން، ދިރިއުޅުމުގެ އާންމު ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފައިވާ ކަމަށާ އިޖުތިމާއީ ގައިދުރު ކުރުމަށް އިސްކަން ދޭންޖެހުމުގެ ސަބަބުން، ޖަމާއަތުގައި އަދާކުރާ އަޅުކަންތައް ވެސް މެދުކަނޑައިލަން ޖެހިފައިވާ ކަމަށެވެ.

ހިތާމައިގެ މި ދަނޑިވަޅުގައި، ބަރަކާތްތެރި ރޯދަ މަސް ބައްދަލުކުރި ކަމީ، ނުރައްކާތެރި މި ބަލިމަޑުކަމުން އަރައިގަތުމަށް މާތް ﷲ މެދުވެރި ކޮށްދެއްވި ވަރަށް މަތިވެރި ނަސީބެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރޯދަ މަހަކީ އަޅުކަމުގެ މޫސުމެއްކަން ފާހަގަކުރައްވާ ގުރުއާން ކިޔެވުމާއި ދުއާ ކުރުން ގިނަކޮށް، އެހެން މީހުނަށް ދީލަތިވުމާއި އެހީ ފޯރުވުމުގައި ދެމިތިބުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި ރޯދައިގެ މުހިންމު ދުވަސްތައް ހޭދަ ކުރަންވީ، ކޯވިޑް-19 އިގެ ނުރައްކާތެރިކަމުން ސަލާމަތް ކުރެއްވުން އެދި ދުއާ ކުރުމުގައި ކަމަށް ވިދާޅުވިއެވެ.

"މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲ އަށް މުނާޖާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައި. ގޭގައި ތިބެގެން ވެސް ފަރުލު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް ހުރިހާ ބޭފުޅުން ވެސް އިސްކަން ދެއްވުން ވަރަށް މުހިންމު. ކީރިތި ގުރުއާން ކިޔެވުން އިތުރުކޮށް، ތަރާވީހް ނަމާދު ކުރުމަށާއި ދަމު ނަމާދު ކުރުމަށް ސަމާލުކަން ދެއްވައި، ހުރިހާ ބޭފުޅުންވެސް ﷲގެ ހަލުރަތުގައި ދުއާ ދަންނަވަންވީ، މި ބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ." ރައީސް ވިދާޅުވިއެވެ.

މުޅި ދުނިޔޭގެ އިގްތިސޯދު ދަށްވެ އެ އަސަރު ރާއްޖެއަށް ވެސް ކުރިމަތިވެފައިވާ ކަމަށާ މާލީ ގޮތުންނާއި ބޯހިޔާވަހިކަމުގެ ގޮތުންވެސް ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ މީހުންނާ އެ ނޫން ހާލަތްތަކުގައި ވެސް ތިބި އެތައް ބަޔަކު އެބަތިި ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ކަންކަމަށް ވިސްނާއިރު، މި ބަރަކާތްތެރި މައްސަރުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކުރަން ބޭނުންވާ އިލްތިމާސަކީ، މިއީ އަޅުގަނޑުމެންގެ ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހަދަމާތޯއޭ، އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތް ސިފަ ކުރިއަށް ނެރެ، އަޅުގަނޑުމެންގެ ތެރޭގައި ތިބި ދުވަސްމީހުންނާއި ބަލި މީހުންނަށް ހެޔޮ ފޯރުވައި އުޅެން އަޅުގަނޑުމެން އިސްކަން ދެމާތޯއޭ."

ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްކުރުމަށް ފްރޮންޓްލައިންގައި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު ދަތިކަން ތަހައްމަލުކުރުމަކީ، މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު ކަމުގައި ވިދާޅުވެ ރައްޔިތުންނަށް ހިތްވަރު ދެެއްވިއެވެ.

"..ރާއްޖެއިން ކޮވިޑް19ގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ، އަޅުގަނޑުމެންގެ އިގްތިސާދީ ހަރަކާތްތައް ފެށޭނެ އެއްވެސް ގޮތެއް ނެތް. ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، މި އުނދަގޫ ދަތި ހާލަތުގައިވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށް."

ރައީސް ވަނީ މި މަސައްކަތް ކާމިޔާބު ކުރުމުގައި، ރައްޔިތުންގެ އެހީތެރިކަން ސަރުކާރަށް ނިހާޔަތަށް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އަދި ބޭކާރު ހަރަދުކުރުން ހުއްޓާލާ، އިގްތިސާދު ކުުރުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.