ކޮވިޑް-19 އިން ރައްކާތެރިވާން މިވަގުތު އޮތް ހަމައެކަނި ގޮތަކީ ސާފު ތާހިރު ކަމަށް އިސްކަން ދީ ގޭގައި ތިބުން ކަމަށާ އެ ގޮތަށް އަމަލު ނުކޮށްފިނަމަ އަދިވެސް ކޮވިޑްގެ ނުރައްކާ ބޮޑު ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ދީފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑްގެ ނުރައްކާ ކުޑަވެއްޖެ ކަމަށް ބަލައި އެއްވެސް މީހަކު ފަރުވާ ކުޑަ ނުކުރުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.
އިއްޔެއަކީ މިހާތަނަށް ރާއްޖޭގައި ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޮޒިޓިވްވި ދުވަހެވެ. އިއްޔެ އެކަނިވެސް 23 މީހުން ވަނީ ޕޮޒިޓިވްވެފައި ވެއެވެ.
ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ކުރަން ކުރެވޭނެ އިތުރު މޮޅު އެއްވެސް ގޮތެއް ނެތް ކަމަށާ އެކަމާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ކަމާބެހޭ ފަރާތްތަކުން އަޅަމުން ގެންދާ ކަމަށެވެ. އަދި އެ ފިޔަވަޅުތައް ފަރުދީ ގޮތުން ތަންފީޒު ކުރަންޖެހޭ ކަމަށާ އެފަދަ މުޖްތަމައެއް ފެނިގެން ނޫނީ ކޮވިޑްގެ ނުރައްކަލުން ސަލާމަތް ނުވެވޭނެ ކަމަށެވެ.
"ކޭސް މަދުކުރަން 'ދެއާ އިޒް ނޯ މެޖިކް ބްލެޓެ' އް އިނގޭތޯ. އިތުރަށް މިކަމުގައި އަޅުގަނޑުމެން ކުރާނެ އިތުރު މޮޅު ކަމެއް ނެތް އިނގޭތޯ ބަލި ކޮންޓްރޯލް ކުރާކަށް. ކުރަންޖެހޭ ހުރިހާ ކަމެއްގެ ވާހަކަ އަޅުގަނޑުމެން މިދަނީ އިލްތިމާސް ކުރަމުން." އޭނާ ވިދާޅުވި އެވެ. "ބަލި ކޮންޓްރޯލް ކުރަން ކުރަންޖެހޭ ކަމަކީ ބަލިޖެހިފައި ހުރި މީހަކު ހުރެއްޖެނަމަ އަވަހަށް ދެނެގަތުން. އެހެންވީމަ އަލާމާތެއް ހުރިނަމަ އަވަހަށް ފްލޫކްލިނިކަށް ގުޅުއްވައިގެން މެޑިކަލްޓީމާ ވާހަކަ ދެއްކީމަ ސާމްޕަލް ނެގުމުގެ ކަންކަން އަޅުގަނޑުމެން ކުރާނަން. އަދި ބަލީގެ އަލާމާތެއް ހުރި މީހަކު އެނގޭނަމަ ރިޕޯޓް ކުރުމަށް ބާރު އަޅަންވީ."
ނަޒްލާ ވިދާޅުވީ މިހާތަނަށް ޕޮޒިޓިވްވީ ގިނަ މީހުނަކީ ކޮންޓެކްޓްރޭސިންގެ ތެރެއިންގެ ފާހަގަ ކުރެވިގެން ޓެސްޓް ކުރެވުނު މީހުުން ކަމަށްވާއިރު އެމީހުންގެ ކިބައިން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ގެއިން ބޭރަށް ނިކުމެ އުޅުމާއި، މަސައްކަތު ދިއުން ކަމަށެވެ. އެހެނެ ކަމުން އެތައް ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މިވަގުތަކީ ރާއްޖެ ލޮކްޑައުންއެއްގައި އޮތް ވަގުތެއް ކަމުން އަސާސީ ހިދުމަތްތަކަށް ކޮންމެހެން ނުކުންނަންޖެހޭ ބައެއް ނޫނީ ގެއިން ނުނިކުތުމަށާއި ވަޒީފާތަކަށް ވެސް ނުދިއުމަށް ނަޒްލާ އެދި ވަޑައިގެންނެވި އެވެ.
ކޭސް މަދުކުރަން 'ދެއާ އިޒް ނޯ މެޖިކް ބްލެޓެ' އް އިނގޭތޯ. އިތުރަށް މިކަމުގައި އަޅުގަނޑުމެން ކުރާނެ އިތުރު މޮޅުކަމެއް ނެތް އިނގޭތޯ ބަލި ކޮންޓްރޯލް ކުރާކަށް. ކުރަންޖެހޭ ހުރިހާ ކަމެއްގެ ވާހަކަ އަޅުގަނޑުމެން މިދަނީ އިލްތިމާސް ކުރަމުން.ޑރ. ނަޒްލާ ރަފީގު | އެޗްޕީއޭގެ މެޑިކަލް އޮފިސަރު
ޑޮކްޓަރު ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ސާފު ތާހިރު ކަމަށް އިސްކަން ދިނުމަށްފަހު ގޭގައި މަޑު ކުރުން ކަމަށެވެ. މިއީ ވެކްސިނެއް ވެސް އަދި ސީދާ ހާއްސަ ބޭހެއް ހޯދިފައި ނުވާ ބައްޔަކަށް ވާތީ މުޖްތަމައުގެ ރައްކާތެރިކަމަށްޓަކައި ހުރިހާ އެންމެން ސަރުކާރުގެ އެންގުންތަކަށް ތަބާވުމަށް އޭނާ އެދި ވަޑައިގެންނެވި އެވެ.
"ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ކުރަމުން ގެންދަނީ އެެއް ކަމެއް. އެހެންވީމަ މިހާރު އަޅާފައިވާ ފިޔަވަޅުތަަކަށް ހުރިހާ ރައްޔިތުން ވެސް ސަމާލުކަން ދޭންވީ." ނަޒްލާ ވިދާޅުވި އެވެ.