އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީން އުފެއްދި ކޮރޯނާވައިރަސް ވެކްސިން އަޖުމަބެލުމުގެ ގޮތުން އިންސާނުންނަށް ދޭން ވަނީ ފަށާފަ އެވެ. ވެކްސިން ދޭން ނަގާފައިވާ 800 މީހުންގެ ތެރެއިން އިއްޔެ ދެ މީހަކަށް ދީފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި މި 800 މީހުންނަށް ވެސް ވެކްސިން ދޭނެ އެވެ. މީގެ ތެރެއިން އެއް ބަޔަކަށް ދެނީ ކޮވިޑް-19 އަށް ތައްޔާރުކުރިން ވެކްސިން އެވެ. އަނެއް ބަޔަކަށް ދޭނީ މެނިންޖައިޓިސް ފަދަ ބަލިތަކުން ދިފާއުވުމަށް ދޭ ކޮންޓްރޯލް ވެކްސިން އެކެވެ.
މި ޓްރައިލް ފަރުމާކޮށްފައިވާ ގޮތުން ވޮލަންޓިއަރުންނަކަށް އެމީހުންނަށް ދިނީ ކޮން ވެކްސިނެއް ކަމެއް ނޭނގޭނެ އެވެ. ނަމަވެސް މި މަސައްކަތުގައި އުޅޭ ޑޮކްޓަރުންނަށް އެނގޭނެ އެވެ.
މި ވެކްސިން ޖެހި ފުރަތަމަ ދެ މީހުންގެ ތެރޭގައި ހިމެނޭ އެލީސާ ގުރަނާޓޯ ބީބީސީ އަށް ބުނީ އޭނާއަކީ ސައިންސްވެރިއަކަށް ވާތީ މިފަދަ ކޮންމެ ސައިންޓިފިކް ޕްރޮސެސް އަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.
މި ވެކްސިން ތައްޔާރުކުރީ އޮކްސްފޯޑް ޔުނިވަސިޓީގެ ސައިންސްވެރިންގެ ޓީމަކުންނެވެ. މި ޓީމުގައި ހިމެނޭ ވެކްސިނޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ ސާރާ ގިލްބާޓް ވިދާޅުވީ ވެކްސިން ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތެވެ.
ނަމަވެސް އިންސާނުންނަށް ދީގެން ޓެސްޓްކޮށް މައުލޫމާތު އެއްކޮށްގެން ނޫނީ ބޮޑު އާބާދީއަކަށް ވެކްސިން ނުދެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރޮފެސާ ގިލްބާޓް ވިދާޅުވީ ވެކްސިން ރަނގަޅުވާނެކަމުގެ 80 ޕަސެންޓް ޔަގީންކަން ދޭ ކަމަށެވެ. އެއަށް ވުރެ ބޮޑަށް ޔަގީންކަން ދޭން އަދި މާ އަވަހެވެ. ވެކްސިން ތައްޔާރުކޮށްފައިވަނީ ޗިމްޕަންޒީންގެ ހަށީގަނޑުން ނެގި އަރިދަފުސްރޯގާގެ ވައިރަހެއް ކަމަށްވާ އެޑިނޯވައިރަހުގެ ބާރު ވަރަށް ދެރަކޮށްގެންނެވެ. އިންސާނުންގެ ހަށިގަނޑުގައި ވައިރަހަށް އިތުރަށް ބޮޑުނުވެވޭނެ ގޮތަށް މޮޑިފައިކޮށްފައި ވެއެވެ.
މި ވެކްސިންގެ ކާމިޔާބުކަން ދެނެގަނެވޭނީ ކުރިޔަށް އޮތް ތަނުގައި ބަލި ޖެހޭ މީހުންގެ ނިސްބަތަކުންނެވެ. ނަމަވެސް ޔޫކޭގައި ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެނަމަ މި ވެކްސިންގެ ޓްރައަލްއަށް ބޭނުންވާ ޑޭޓާތައް ފުރިހަމައަކަށް ނުލިބޭނެ އެވެ.
އޮކްސްފޯޑް ވެކްސިން ގްރޫޕްގެ ޑައިރެކްޓަރު ޕްރޮފެސާ އެންޑްރޫ ޕޮލާޑް ވިދާޅުވީ މި ވަބާގެ ރާޅުގެ ފަހަތުން މިހާރު ދުވަމުންދާތީ ރާޅަށް ރަނގަޅަށް ނޭރިއްޖެނަމަ ވެކްސިން މަސައްކަތް ކުރޭތޯ ކުރިޔަށް އޮތް މަސްތަކުގެ ތެރޭގައި ބަލަން އުނދަގޫވާނެ އެވެ. ނަމަވެސް ކުރިމަގުގައި އިތުރު ކޭސްތައް ފެންނާނެކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވެކްސިން އުފެއްދި ސައިންސްވެރިން މިހާރު ގަސްތުކުރަނީ އެ ގައުމުގެ ހޮސްޕިޓަލުތަކުގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިން މި ޓްރައަލްގައި ބައިވެރިކޮށް އެމީހުންނަށް ވެކްސިން ދޭށެވެ. ސަބަބަކީ އެންމެ ފަސޭހައިން ވައިރަސް އަރާނެ ބަޔަކީ އެމީހުން ކަމަށް ވާތީ އެވެ.
އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި 5،000 ވޮލަންޓިއަރުންނާއެކު ބޮޑު ޓްރައަލް އެއް ފަށަން ދަނީ ރާވަމުންނެވެ. މި ޓްރައަލްގައި ހުރިހާ އުމުރެއްގެ މީހުން ވެސް ބައިވެރި ކުރާނެ އެވެ.
ކޮވިޑް-19 ޖެހުމުން ބޮޑުވަރުވާ މީހުންގެ ތެރޭގައި ގިނައީ ދުވަސްވީ މީހުން ކަމަށްވާތީ އެމީހުންނަށް ވެކްސިންގެ ދެ ޑޯޒް ދޭން ޖެހޭނެތޯ ވެސް ބަލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ވެކްސިން އެފްރިކާގައި ޚާއްސަކޮށް ކެންޔާގައި ކުރިޔަށް ގެންދަން އޮކްސްފޯޑް ޓީމުން ދަނީ މަސައްކަތްކުރަމުންނެވެ. ސަބަބަކީ މިއީ އެންމެ ވަސީލަތްތައް މަދު އެންމެ ދަތިހާލުގައި އުޅޭ މީހުންނަށް ވާތީ އެވެ.
ބަލި ޖެހޭ މީހުން މަދުވުމުން ވެކްސިންގެ ޓްރައަލް ކުރިޔަށް ގެންދަން އުނދަގޫވާނަމަ ވެކްސިން ދޭ މީހުންނަށް ގަސްތުގައި ވައިރަސް ނުޖައްސަންވީ ކީއްވެ ހެއްޔެވެ؟
މިގޮތަށް ވެކްސިން ދީފަ ވައިރަސް ޖެއްސުމަކީ ވެކްސިން މަސައްކަތް ކުރޭތޯ ނުވަތަ ނޫންތޯ އެންމެ އަވަހަށް އެންމެ ބަރާބަރަށް ބެލޭނެ ގޮތެވެ. ނަމަވެސް މިއީ ޑޮކްޓަރުންގެ މަސައްކަތު އަޚުލާގަށް ބަލާއިރު އެމީހުން ކުރާން އެހާ ރަނގަޅުކަމެއް ނޫނެވެ. ސަބަބަކީ ކޮވިޑް-19 އަށް ފަރުވާ އެއް ހޯދިފައި ނުވާއިރު ވެކްސިން ނާކާމިޔާބުވެ ވެކްސިން ދިން މީހުންނަށް ބަލި ޖެހި ފުރާނަ ދިއުމުގެ ފުރުސަތު އޮތީމަ އެވެ.
ނަމަވެސް ޕްރޮފެސާ ޕޮލާޑް ވިދާޅުވީ ކުރިމަގުގައި މިއީ ވެސް ހަމަ ކުރެވިދާނެ ކަމެކެވެ. މި ބައްޔަށް ބޭހެއް ހޯދި ރަނގަޅުވާނެކަމުގެ ގެރެންޓީ ލިބިޖިއްޔާ އެގޮތަށް ކަންތައް ކުރެވިދާނެކަމަށް އޭނާ ވިދާޅުވި އެވެ. ވޮލަންޓިއަރުންނަށް ވެކްސިން ދީފައި ކޮރޯނާވައިރަސް އެރުވުން އެއީ ވެކްސިން ޓެސްޓްކުރަން ވަރަށް ރަނގަޅު ގޮތަކަށް ވާނެކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
މި ވެކްސިނަކީ ރައްކާތެރި އެއްޗެއްތޯ ގިނަ ބަޔަކު ހިތުގައި ސުވާލު އުފެދޭނެ އެވެ. ވެކްސިން ދިން މީހުން ވަރަށް ގާތުން މޮނިޓާ ކުރާނެ އެވެ. ވެކްސިން ދޭތާ ކުރީކޮޅު ވެކްސިންޖެހި ތަން ދުޅަވުމާއި ބޮލުގައި ރިހުން ނުވަތަ ހުން އައުން ފަދަ ކަމެއް ދިމާވެދާނެކަމަށް ވޮލަންޓިއަރުންނަށް ވަނީ އަންގާފަ އެވެ.
އަދި މި ވެކްސިންގެ ސަބަބުން ކޮރޯނާވައިރަސް ރިއެކްޓްކުރާ ގޮތަކީ ސީރިއަސް ކަމަކަށް ވުމުގެ ކުޑަ ނަމަވެސް ފުރުސަތެއް އޮތްކަން ވެސް ވޮލަންޓިއަރުންނަށް ވަނީ ކިޔައިދީފަ އެވެ.
ވެކްސިން އަކީ ފައިދާ ހުރި އެއްޗަކަށް ވެއްޖެނަމަ ސައިންސްވެރިން އުންމީދުކުރަނީ ސެޕްޓެމްބަރު މަހާ ހަމައަށް އެއް މިލިއަން ޑޯޒް ވެކްސިން ތައްޔާރުކުރެވި އޭގެ ފަހުން ވެކްސިން އުފައްދާ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ފުޅާ ދާއިރާއެއްގައި ވެކްސިން އުފައްދަން ފެށޭނެ ކަމަށެވެ.