ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިންޑިއާ

އިންޑިޔާ ވެކްސިން އޮގަސްޓް 15ގައި، ސައިންސްވެރިން ހިތްހަމަ ނުޖެހިފައި

އިންޑިޔާގެ ސައިންސްވެރިން އުފައްދާ ކޮވިޑް-19 ވެކްސިން އަންނަ އޮގަސްޓް 15 ގައި އާންމުން ބޭނުން ކުރަން ފެށޭ ވަރަށް ތައްޔާރު ކުރަމުންދާ ކަމަށް ބުނުމުން ދުނިޔޭގެ ބޮޑެތި ސައިންސްވެރިން އެކަމާ ވަރަށް ބިރު ގަނެއްޖެ އެވެ.

އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗް (އައިސީއެމްއާރް) އިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ވެކްސިން އޮގަސްޓް 15 ގައި ލޯންޗު ކުރާނެ އެވެ. އަދި އެ ދުވަހުން ފެށިގެން މި ވެކްސިން އެ ގައުމުގެ އާންމު ރައްޔިތުންނަށް ދޭން ފެށޭވަރު ވާނެ އެވެ.

އައިސީއެމްއާރްގެ މި ބުނުމަކީ ދުނިޔޭގެ ސައިންޓިފިކް ކޮމިއުނިޓީގެ ފާޑުކިޔުންތައް އަމާޒުވި ބުނުމަކަށް ވަނީ ވެފަ އެވެ. އަދި މިއީ އެއްގޮތަކަށް ވެސް ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ބެލެވޭއިރު މި ވެކްސިންގެ ރައްކާތެރި ކަމާއި މީގެ ފައިދާ ކުރާނެ މިންވަރާ މެދު ވެސް ސައިންސްވެރިންގެ ކަންބޮޑުވުން އެބައޮތެވެ.

ކޮވިޑް-19 ވެކްސިން މިހާ ކުރު މުއްދަތެއްގައި އެންމެ ފައިދާހުރި ނަތީޖާ އެއް ނެރެވިދާނެ ފަދަ ގޮތަކަށް ތައްޔާރު ކުރެވިދާނެ ކަމާ މެދު ޑްރަގް ކޮންޓްރޯލް ޖެނެރަލް އޮފް އިންޑިޔާ އަށް ވެސް ޝައްކެވެ. މިއީ އެ ގައުމުގެ ރެގިއުލޭޓަރީ ބޮޑީ އެވެ. އަދި އެއިމްސްގެ ޑައިރެކްޓަރު ރަންދީޕް ގުލޭރިއާ ވެސް ހުރީ މިކަމާ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އޭނާއަކީ ނެޝަނަލް ޓާސްކް ފޯސްގެ ކްލިނިކަލް ރިސާޗް ގްރޫޕްގެ ހެޑެވެ.

އޭނާ ވިދާޅުވީ މިއީ އިންތިހާއަށް އުނދަގޫ އަދި ގޮންޖެހުންތައް ގިނަ ޓާސްކެއް ކަމަށެވެ. ވެކްސިންއެއް ތައާރަފް ކުރާއިރު އޭގެ ފައިދާ ލިބޭނެ މިންވަރަކާއި ރައްކާތެރިކަން ހުރި މިންވަރެއް ރަނގަޅަށް ނުބަލައި ނެރެން ހެޔޮ ނުވާނެ ކަމަށް އޭނާ ވެސް ބުންޏެވެ. އަދި ވެކްސިނުން ހިތްހަމަޖެހޭ ކަހަލަ ނަތީޖާއެއް ނުކުތް ނަމަވެސް އިންޑިޔާ ކަހަލަ ބޮޑު ޕޮޕިއުލޭޝަނަކަށް ބޭނުންވާ ވެކްސިން އެހާ އަވަހަށް ފަސޭހައިން އުފެއްދިދާނެގޮތެއް ނުވިސްނޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއު އެއްގައި މަޝްހޫރު ވައިރޮލޮޖިސްޓް އަދި ވެލްކަމް ޓްރަސްޓް-ޑީބީޓީ އެލައަންސްގެ ޗީފް އެގްޒެކެޓވް ޝަހީދު ޖަމީލު ވިދާޅުވީ އޮގަސްޓް 15 ޓައިމްލައިނަކީ ބުއްދިގޯސް ނިންމުމެއް ކަމަށެވެ.

"ގްލޯބަލް ސައިންޓިފިކް ކޮމިއުނިޓީން އަހަރެމެންނާ ދިމާލަށް ހީނ މަލާމާތް ކުރާނެ ކަމަށް ބިރުގަނޭ. މިއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން. އިންޑިޔާއަކީ ސައިންސްވެރިންގެ ރޮނގުން ވަރަށް ސީރިއަސް ބައެއް އުޅޭ ގައުމެއް. ނަމަވެސް މިފަދަ ކަމެއް ކުރީމަ ދެން ކޮންމެ ބަޔެއް އިންޑިޔާއަށް އިތުބާރު ކުރާނީ؟ މާދަމާ އަދި ރަނގަޅު ވެކްސިނެއް ނެރުނަސް ކާކު އެ ބަލައިގަންނާނީ،" ޖަމީލް ޝަހީދު ވިދާޅުވި އެވެ.

ވެކްސިން އުފައްދާ ފަރާތުން ބުނެފައި ވަނީ އެ ފަރާތުން ވެކްސިން އުފައްދާ މީހުންނާށް ދެން ފަށަނީ ކްލިނިކަލް ޓްރައަލްސްގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް ނަތީޖާ ބަރާބަރު ވީމަ ކަމަށެވެ.

ނަމަވެސް އިންޑިޔާގެ ވެކްސިން އުފެއްދުމުގެ ކަންތައްތަކުގައި އުޅޭ ގިނަ ކުންފުނިތަކުން ބުނެފައިވަނީ ކްލިނިކަލް ޓްރައަލްސްތަކުގެ ފޭސް1، ފޭސް 2 އަދި ފޭސް 3 ގެ ނަތީޖާތައް ލިބޭވަރު ވާނީ އަންނަ އޮކްޓޯބަރު މަހު ކަމަށެވެ.

ނަމަވެސް ވެކްސިން އުފައްދާ ފަރާތުން މިހާރު ވަނީ ވެކްސިން ދޭން ހަ ހޮސްޕިޓަލެއް ވެސް ކަނޑައަޅައި އެ ފަރާތްތަކަށް އެކަން އަންގާ ކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރަން ފަށާފަ އެވެ.