ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިންޑިއާ: 30 މެންބަރުން ޕޮޒިޓިވްވެ ދައުރު ކުރުކޮށްލަނީ

Sep 19, 2020

ނިއު ދިއްލީ (ސެޕްޓެމްބަރު 19) - އެތަކެއް މަހެއް ފަހު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މި ހަފްތާގައި ފެށިފައިވަނިކޮށް، ގިނަ އަދަދެއްގެ މެންބަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ހިނގާ ދައުރު ކުރުކޮށްލަންޖެހިދާނެ ކަމަށް ޕާލިމަންޓުގެ އޮފިޝަލުން ބުނެފި އެވެ.

ގާތްގަނޑަކަށް ހަ މަހުގެ މެދުކެނޑުމަކަށްފަހު ޖަލްސާތައް އަލުން ފަށާފައިވަނީ މިދިއަ ހޯމަ ދުވަހެވެ. އަދި ޖަލްސާތައް އަންނަ މަހުގެ އެއް ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ރާވައިފަނިކޮށް، މަޖިލީހުގެ 30 މެންބަރުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

"ޖަލްސާތައް އަލުން ފެށި ފަހުން ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ އިތުރުވެފައި. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ މި ދައުރު ކުރުކޮށްލުން،" ޕާލިމަންޓުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު ރޮއިޓާސް ނޫހަށް ވިދާޅުވި އެވެ.

ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން މަޖިލީހަށް ވައްދާ ހުރިހާ ނޫސްވެރިން ކޮވިޑަށް ޓެސްޓުކުރުން ވަނީ ލާޒިމުކޮށްފަ އެވެ.

ކޮވިޑް-19 އެންމެ ބާރަށް ފެތުރޭ ގައުމަކަށް އިންޑިއާ ވެފައިވާއިރު، މިދިއަ 24 ގަޑިއިރުގެ ތެރޭގައި 93،337 މީހުނާއެކު ރެކޯޑު އަދަދަކަށް ޕޮޒިޓިވް ކޭސްވަނީ ރިޕޯޓުކޮށްފަ އެވެ.

އެގޮތުން، 5.3 މިލިއަން މީހުނާއެކު އިންޑިއާ އަކީ މިހާރު މުޅި ދުނިޔޭގައި ދެ ވަނަ އަށް އެންމެ ގިނައިން ކޮވިޑް-19 ޖެހުނު މީހުން ތިބި ގައުމެވެ.