ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

30 އަހަރަށްފަހު ކްރިކެޓް ކާނިވަލް ކެންސަލް

ރޯދަ މަހު ބާއްވާ، އެންމެ ފޯރި ގަދަ ކުޅިވަރުގެ ހަރަކާތް، "ރަމްޟާން ކްރިކެޓް ކާނިވާ" 30 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކެންސަލް ވެއްޖެ އެވެ.

މުޅި ރޯދަ މަހަށް ބަހަލައިގެން ގެންދާ ތިން މުބާރާތް ހިމެނޭ ކްރިކެޓް ކާނިވަލް ކެންސަލް ބާއްވަން ފެށި ފަހުން، މި އަހަރާ ހަމައަށް މެދުކެނޑުމެއް ނެތި ކޮންމެ އަހަރަކު ވެސް އެ މުބާރާތް ވަނީ ބާއްވާފަ އެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން މިއަހަރު އެ ކާނިވަލް ކެންސަލް ކުރުމަކީ 30 އަހަރު ފަހުން އެ ކާނިވަލް ނުބާއްވައި ދާނެ ފުރަތަމަ ފަހަރެވެ.

ގަލޮޅު ދަނޑުގައި އެންމެ ފުރަތަމަ ބާއްވަން ފެށި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 1990 ވަނަ އަހަރު އެވެ. އޭރު މުބާރާތް ކުޅުނީ ޓެނިސް ބޯޅައިންނެވެ. ކްރިކެޓް ބޯޑްގެ ކުރީގެ ރައީސް އަހްމަދު ހުސައިން ދީދީ ވިދާޅުވި ގޮތުގައި، 1990 ވަނަ އަހަރު ބާއްވަން ފެށުނު އެ މުބާރާތް އެންމެ ފުރަތަމަ އިންތިޒާމް ކުރީ އަމިއްލަ ފަރާތަކުންނެވެ.

"ފުރަތަމަ ދެ އަހަރު ކާނިވަލް ބޭއްވީ އަމިއްލަ ފަރާތަކުން، ކްރިކެޓް ބޯޑުން އެ މުބާރާތް އިންތިޒާމު ކުރަން ފެށީ 1992 ވަނަ އަހަރު." އޭނާ ވިދާޅުވި އެވެ.

އޭރު ކްރިކެޓްގެ ޒުވާން ތަރިއެއްގެ ގޮތުގައި އެ ކާނިވަލްގައި ކުޅުއްވި، ކްރިކެޓް ބޯޑްގެ މިހާރުގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ ރޯދަ މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރުގެ ހަރަކާތަށް ކްރިކެޓް ކާނިވަލް ވެގެންދާނެ ކަމަށެވެ. މުބާރާތަށް ލިބޭ ސްޕޮންސާޝިޕް އެއްބަސްވުމާއި ތިން މުބާރާތުގެ އިނާމު ފައިސާއަށް ބެލިޔަސް އެ މުބާރާތަކީ ރޯދަ މަހުގެ އެންމެ ބޮޑު ކުޅިވަރު އިވެންޓަށް ވާނެ ކަމަށް އަފްލާހް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން، ކްރިކެޓަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ. އެގޮތުން އިންޑިއާއިން ހަމަޖެހިފައިވާ ޓްރޭނިން ކޭމްޕާއި ކްރިކެޓްގެ ރޭންކިން މުބާރާތް ފަސް ވުމަކީ ރާއްޖޭގެ ކްރިކެޓަށް ކުރިމަތިވި ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ،

މިދިޔަ އަހަރު ޑިސެމްބަަރު މަހު، ނޭޕާލްގައި ބޭއްވި، ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ކްރިކެޓް ޓީމުން ވަނީ، ދުނިޔޭގެ ފެންވަރުގެ ޓީމުތައް ހިމެނޭ މި ސަރަހައްދުގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެ މުބާރާތުން ލިބުނު ނަތީޖާ ތަކާއެކު ޓީމަށް ބޮޑު ހިތްވަރެއް ލިބިގެން ދިޔަކަން އޭނާ ފާހަގަ ކުރި އެވެ.

"ކްރިކެޓްގެ ޓްރޭނިން ކޭމްޕާ އަދި ޓްއާ ދަތުރުތައްވެސް މެދު ނުކެނޑި ކުރިއަށް ގެންދެވޭ ގޮތް ވިނަމަ ރާއްޖެއަށް ވަރަށް ރަނގަޅުވިސް،" އަފްލާހް ވިދާޅުވި އެވެ. "މިހާލަތަށް ފަހު އަލުން ޕްލޭން ކުރަން ޖެހޭނީ."

މިދިޔަ އަހަރު މެލޭޝިއާގައި ބޭއްވި "މެލޭޝިއާ ޓީ 20 ޓްރައި ސީރީޒް" މުބާރާތުން ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވަނީ ރިހި މެޑަލް ހޯދާފަ އެވެ. އަދި ސައުތު އޭޝިއަން ގޭމްސްގައި ބްރޯންޒް މެޑަލް މެޗަށްވެސް ރާއްޖެ ކޮލިފައި ވި އެވެ.