ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

13 ރަށަކަށް އަމާޒު ދިޔަ، ނުރައްކާ ބޮޑު

ށ. ނަރުދޫގައި ދުއްވާ "އަމާޒު" ބޯޓްގެ ކެޕްޓަން ކޮވިޑް-19 އަށް ޕޮޒިޓިވްވެ ވެފައިވާ ކަމަށާ އެ ބޯޓުން މި މަހުގެ 15 ވަނަ ދުވަހު ދަތުރުކުރި ހުރިހާ އެންމެން އެ މައުލޫމާތު އެޗްޕީއޭއަށް އަންގަން އެދިއްޖެ އެވެ.

އެންއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވި ގޮތުގައި އަމާޒް ބޯޓުގައި 98 މީހަކު ދަތުރު ކުރި އެވެ. އަދި އެ ބޯޓް 13 ރަށެއްގައި ޖައްސާފައި ވެއެވެ.

އަމާޒު ބޯޓު މާލެއިން ފުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެ ބޯޓް 16 ވަނަ ދުވަހު ގިނަ ރަށްތަކަކަށް ދަތުރު ކޮށްފައިވާ ކަމަށްވެސް އަފްޒަލް ވިދާޅުވި އެވެ. އޭގެ ތެރޭގައި ނ. މާފަރާއި އެ އަތޮޅު ހެނބަދޫ އާއި މިލަދޫ އާއި ކެނދިކުޅުދޫ އާއި ވެލިދޫ އާއި ހޮޅުދޫ އަށް ދަތުރު ކޮށްފައި ވެއެވެ. މީގެ އިތުރުން ށ. އަތޮޅުން ނަރުދޫ އާއި ފުނަދޫ އާއި މިލަންދޫ އާއި ފީވަކާއި މާއުނގޫދޫ އަށް ވެސް އަމާޒު ދިޔަ އެވެ. މީގެ އިތުރުން ހއ. ދިއްދޫ އާއި އުތީމަށްވެސް އަމާޒު ބޯޓު ވަނެވެ.

އެ ބޯޓުން ދަތުރުކުރި 98 މީހުންގެ ތެރެއިން 51 މީހަކު ދެނެގަނެވިފައި ވެއެވެ. ދެން ތިބި މީހުން ވީހާވެސް އަވަހަށް އެޗްޕީއޭއަށް ރިޕޯޓް ކުރަން ވަނީ އަންގާފަ އެވެ.

އަފްޒަލް ވިދާޅުވީ މިހާތަނަށް އެ ބޯޓުން ދަތުރުކުރި ފަސް މީހެެއްގެ ކިބައިން އަލާމަތްތައް ފެނިގެން ޓެސްޓް ކުރަމުން އަންނަ ކަމަށެވެ. މިއީ ވަރަށް ނުރައްކާ ބޮޑު ކޭސްއެއްގެ ގޮތުގައިވެސް އަފްޒަލް ވަނީ ސިފަ ކުރައްވާފަ އެވެ. އަފްޒަލް ވިދާޅުވީ މި ކޭސްގެ ސަބަބުން އަތޮޅުތަކުގައިވެސް ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ފުރުސަތު ހުޅުވިދާނެ ކަމަށެވެ. އެހެން ނަމަވެސް ޔަގީންކޮށް އެކަން ބުނަން އެނގޭނީ އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑަށް ޕޮޒިޓިވްވީ "އަމާޒް" ބޯޓްގެ ކެޕްޓަނަކީ އުމުރުން 49 އަހަރުގެ ދިވެއްސެކެވެ.