ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: މަރުގެ އަދަދު 200،000 އަށް

Apr 25, 2020

ދުނިޔެއަށް ބަލާއާފާތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ޖެހިގެން މުޅި ދުނިޔޭގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 200،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

އެގޮތުން، އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާތަނަށް ވަނީ 2.8 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 200،000 ފަހަނައަޅާއި ގޮސްފައި މިވަނީ، އެ ބަލި ފެތުރޭ އާ އެޕިސެންޓަރު ކަމަށްވާ އެމެރިކާގެ މަރުގެ އަދަދު 50،000 އަށް ވުރެ މައްޗަށް އެރުމާ ގުޅިގެންނެވެ.

މިދިއަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެތުރެން ފެށި ވައިރަސް ޖެހިގެން، އެ ގައުމުން ރަސްމީކޮށް އެންމެ ފުރަތަމަ މަރު ރިޕޯޓު ކޮށްފައި ވަނީ މިދިއަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު އެވެ. ޗައިނާއިން ބޭރުވެ، މިހާރު އެ ބަލި ވަނީ 210 ގައުމަށް ފެތުރިފަ އެވެ.

އިނގިރޭސި ވިލާތުގައި ވެސް އެ ބަލީގެ ސަބަބުން ހޮސްޕިޓަލުތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 20،000 އަށް ވުރެ މަތިވެފަ އެވެ. ނަމަވެސް، ހޮސްޕިޓަލުން ބޭރުގައި މަރުވި މީހުންގެ އަދަދު ނުހިމެނޭތީ، އިނގިރޭސި ވިލާތުގައި މަރުގެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ.

އެމެރިކާއަށްފަހު، އެ ބަލި ފެތުރުމުގެ ފުރުސަތު މިހާރު އެންމެ ބޮޑީ، އެފްރިކާ އާއި އިރުމަތީ ޔޫރަޕުގެ އިތުރުން މެދު އަދި ދެކުނު އެމެރިކާގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން މިދިއަ ހަފުތާގައި ބުންޏެވެ.