ރޯދަ މަސް

ކޮންމެހެން ހާރު ކާންޖެހޭތަ، ކާންވީ ކޯންޗެއް؟

ރޯދަ އަތުވެއްޖެ އެވެ. ދެން ރޯދަ މަހުގެ ދުވަސްތަކާއި ރޭތައް ބައްދަލު ކޮށްފައި ވަކިވެގެން ހިނގައި ދާނެ އެވެ. ނަސީބުވެރިޔަކީ ރޯދަ ޕްރޮމޯޝަންތަކުގެ ގުރުއަތަށްވުރެ ބޮޑަށް ހެޔޮކަމުން ފުރިގެންވާ މާތް މި މަހުގެ އަޅުކަމުގައި ބައިވެރިވެ ފައިދާ ލިބިގަންނަ މީހާ އެވެ.

ހެޔޮ ނިޔަތް އޮވެގެން ކުރާ ހެޔޮ ކޮންމެ ކަމެއްގެ ދަރުމައާ ސަވާބު އެތައް ގުނައަކަށް އިތުރު ވެގެން ދެއެވެ. އެކަމަކު މި މަހުގެ އެންމެ ހާއްސަ އަޅުކަމަކީ ރޯދަ އެވެ. ރޯދައާ ގުޅިފައިވާ ވަރަށް ގިނަ ސުންނަތްތައް ވެއެވެ. އޭގެ ތެރޭގައި ރޯދައަށް ހުރުމަށް ހާރު ކެއުމާއި، ރޯދަ ވީއްލާއިރު ކުރުން ސުންނަތް ކަންކަން ވެސް ވެއެވެ.

މި މަހުގެ ހެޔޮ ދަރުމަ އިތުރަށް ހޯދަން ކުރެވިދާނެ ކަންކަން ވެސް ހުރެ އެވެ. އޭގެ އެންމެ ރީތި ނަމޫނާއަކީ އުންމަތުގެ ނަބިއްޔާ އާއި އެކަލޭގެފާނުގެ ކަން ކުރެއްވި ގޮތްތަކެވެ. އެެހެންކަމުން އެކަލޭގެފާނުގެ ސުންނަތުން ފެންނަން އޮތް ކޮންމެ ކަމެއްގައި ހިފަހައްޓޭތޯ ގަަދަ އަޅައި ބަލަން ޖެހެ އެވެ. ހަގީގަތުގައި މުއުމިނުންގެ ސިފައަކީ ވެސް އެއީ އެވެ.

މިފަދަ ކަންކަމުގެ ތެރެއިން ހާރު ކެއުމުން މިއީ މުހިންމު ކަމަކަށް ވެފައި އޮވެ އެވެ. އަދި އެއީ މި އުންމަތުގެ މުސްލިމުންގެ ސަގަފާތެއްގެ ގޮތުގައި ވެސް ވެފައި އޮވޭމެ އެވެ.

ކޮންމެހެން ހާރުކާން ޖެހޭތަ؟

އެންމެ މުހިންމު ސުވާލަކީ ރޯދައަށް ހުރުމަށް ކޮންމެހެން ހާރު ކާން ޖެހޭ ހެއްޔެވެ؟

މާދަމާ ރޯދައަށް ހުރުމަށް ހާރު ކެއުމަކީ ސުންނަތެކެވެ. އެހެން ކަމުން ހާރު ކެއުމުގެ ސުންނަތް އަދާ ކުރުމުގެ ގޮތުން ކޮންމެވެސް އެއްޗެއް ކާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ހާރު ކެއުމުގެ މުހިންމުކަން ބަޔާންކުރާ މާތް ރަސޫލާގެ ވަރަށް ގިނަ ހަދީސް ބަސްފުޅުތައް ވެއެވެ. އޭގެތެރެއިން އެއް ހަދީސް ބަސްފުޅެއްގައި ވެއެވެ:

"ތިޔަ ބައިމީހުން ހާރުކާށެވެ. ހާރު ކެއުމުގައި ބަރަކާތް ލެއްވިގެން ވެއެވެ."

އަދިވެސް އެހެން ހަދީސްފުޅެއްގައި ވެއެވެ: "ތިޔަބައި މީހުން ފެންފޮދަކުން ނަމަވެސް ހާރު ކެއުން ފުރިހަމަ ކުރާށެވެ."

މި ދެ ހަދީސަށް ވިސްނާލުމުން މާ ބޮޑު ސުވާލެއް ނޫފެދެ އެވެ. އަދި ހާރު ކެއުމަށް އިސްލާމް ދީނުގައި ބާރު އަޅުއްވާފައިވާ މިންވަރު ރީއްޗަށް ހާމަ ވެގެން އެބަދެ އެވެ.

ހާރު ކެއުމުގައި ގިނަ ފައިދާތަކެއް ވެސް ވެއެވެ. އެންމެ ބޮޑު އެއް ފައިދާއަކީ ހާރުގެ ސަބަބުން ރޯދައަށް ހުންނައިރު ތިމާގެ ގައިގައި ހަކަތަ ހުރުމެވެ. އޭ ސަބަބުން ހީވާގި ކަމާއެކު އަޅުކަމުގައި އުޅުމުގެ މަގު ތަނަވަސްވެެގެން ދިއުމެވެ. މީގެ އިތުރުން ތިމާގެ ކިބައިގައި ހައިހޫނުކަން ހުންނަ ވަގުތު ދިމާވާ އަވަހަށް ރުޅި އައުމާއި، ވާހަކަ ދެއްކުމުގައި ރުންކުރުވުން ފަދަ ކަންކަން ވެސް ހަށިގަނޑުގައި ހަކަތަ ހުރުމުން ފިލައިގެން ދެއެވެ. މިއީ ކިހާ ބޮޑު ދެ ފައިދާ ހެއްޔެވެ؟

އަދިވެސް މުހިންމު އެއް ކަމެއް ފާހަގަ ކޮށްލެވެއެވެ. ކީރިތި ގުރުއާންގައި ރޯދަ ފަރުލު ކުރެއްވި ކަމުގެ އާޔަތް ބާވައިލައްވާ އެ އާޔަތުގައި އަންގަވާފައި ވަނީ ކުރީގެ އުންމަތްތަކަށް ވެސް ރޯދަ ފަރުލް ކުރެއްވި ފަދައިން މި އުންމަތަށް ވެސް ރޯދަ ފަރުލް ކުރައްވާ ކަމަށެވެ.

ރަސޫލާގެ ހަދީސްފުޅެއްގައި ވެއެވެ. "އަހަރެމެން މި ހިފާ ރޯދަ އާއި އަހުލުކިތާބީން [ފޮތުގެ އަހުލުވެރިން] ހިފާ ރޯދައިގެ ހުރި ތަފާތަކީ ހާރު ކެއުމެވެ." އެެހެން ކަމުން އިސްވެ ދިޔަ އުންމަތްތަކުގެ މީހުން ރޯދަ ހިފި ގޮތާއި އަހަރެން މި އުންމަތުގެ މީހުން ހިފާ ރޯދައިގެ ތަފާތަކީ ހާރު ކައިގެން އަހަރެމެން ރޯދައަށް ހުރުން ކަމަށް ރަސޫލާ ވަނީ ހަދީސް ކުރައްވާފަ އެވެ.

މާތް ރަސޫލާގެ އެ ހަދީސް ބަސްފުޅުން ރަމްޒު ކޮށްދެނީ ހާރު ކެއުމުގެ މުހިންމު ކަމެވެ.

އެހެން ނަމަވެސް ހާރުގެ ގޮތުގައި އެއްޗެއް ނުކައި ވެސް އަނެއް ދުވަހު ރޯދައަށް ހުރެވޭނެ އެވެ. ރޭގައި ހާރު ނުކެވުނު ކަމަށް ބުނެ އަދި ހާރު ނުކައި ރޯދައަށް ނުހުރެވޭނެ ކަމަށް ހީ ނުކުރާށެވެ. އެގޮތަށް ބަލައިގެނެއް ވެސް ނުވާނެ އެވެ. ހާރު ނުކާ މީހަކަށް ރޯދަ ނުވާ ކަމަށް ނުވަތަ ރޯދައަށް ނުހުރެވޭނެ ކަމަކަށް އެއްވެސް އިލްމުވެރިއަކު ވިދާޅެއް ނުވެ އެވެ.

އެހެން ނަމަވެސް ވިސްނާލަންވީ ކަމަކީ ކޮންމެ ކަމެއްގައި ވެސް އެންމެ ހެޔޮ ގޮތް އިސް ކުރުމެވެ. ދަރުމައާ ސަވާބު އެންމެ މަތީ ދަރަޖާގައި ލިބޭނީ އެންމެ ހެޔޮ ގޮތުގައި އެކަމެއް ކޮށްގެނެވެ.

ހާރު ކާންވީ ކޮން ވަގުތަކު؟

ހާރު ކެއުން އެންމެ މޮޅު އިތުރުވެގެން ވަނީ ވީހާވެސް ފަސް ކޮށެވެ. އެ ފަސް ކުރުމަކީ ފަތިސް ނަމާދު ވަގުތުގެ 15 ވަރަކަށް މިނެޓް ކުރިންނެވެ. އޭގެ ކުރިން ވެސް ހާރު ކެވިދާނެ އެވެ. ކޮންމެ ވަގުތަކު ހާރު ކެއި ނަމަވެސް ހާރުގެ ގޮތުގައި މާދަމާ ރޯދައަށް ހުރުމަށް ކައިފި ނަމަ ހާރު ކެއުމުގެ ސުންނަތް އަދާ ކުރެވުނީ އެވެ. ނަމަވެސް ހާރުކެއުން ފަސް ކުރުމަކީ ވެސް ސުންނަތެވެ.

ބައެއް މީހުން މިއަށްވުރެ ވެސް ފަހުން ހާރުކަ އެވެ. ބައެއް ފަހަރު ހާރުކާން ހޭލެވޭލެއް ފަސް ވެއެވެ. ތިމާ ކަނިކޮށް ބަންގި ގޮވައިފިނަމަ އަތުގައިވާ ސުވާ ކާލުމަކީ ހުއްދަ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވެ އެވެ. އެހާ ހިސާބުން ނިންމާލަންވީ އެވެ. އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލަންވީ އެވެ. ފަތިހުގެ ބަންގިއާއެކު ކެއުން މަނާވީ އެވެ.

ހާރަށް ކާންވީ ކޮން އެޗެއް؟

ހާރު ކެއުމުގައި ވިސްނާލަންޖެހޭ ވަރަށް ގިނަ ކަންކަން ސިއްހީ މާހިރުން ފާހަގަ ކުރައްވަ އެވެ. ހާއްސަކޮށް ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދޭ ބާވަތްތައް ކެއުމަށް އިސްކަން ދިނުމަށް މާހިރުން ލަފާ ދެއްވަ އެވެ. ލޮނު ގަދަ ކުޅި ގަދަ އެއްޗެއްސާ ދުރުވުމަށް ވެސް ޑޮކްޓަރުން ލަފާ ދެއްވަ އެވެ.

ދެން ބަލަންވީ އިސްލާމް ދީނުގައި ހާރުގެ ކަންކަން އޮތް ގޮތުގެ މައްޗަށެވެ. އަދި އެކަމުގައި މާތް ރަސޫލާ އަމަލު ކުރެއްވި ގޮތުގެ މައްޗަށެވެ.

ކީރިތި ރަސޫލާގެ ހަޔާތްޕުޅުގައި އެކަލޭގެފާނު ހާރަށް ވެސް ފަރީއްކުޅުވަނީ ކަދުރެވެ. އަދި ކަދުރާއެކު ފެނެވެ. އެ ދުވަސްވަރު ކަދުރަކީ ކެއުމުގެ އެންމެ އާންމު ބާވަތް ވެސް މެއެވެ. މިހާރު ހަނޑޫ، ހަކުރު އަދި ފުށް ބޭނުން ކުރާ އުސޫލުން ކެއުމުގެ އެންމެ އަސާސީ ބާވަތަކީ އެ ޒަމާނުގައި ކަދުރެވެ. ދެން ކިރު ނުވަތަ ފެނެވެ.

ހާރު ކެއުމަށް އެންމެ ރަނގަޅު އެއްޗަކީ ކަދުރު ކަމަށް ރަސޫލާ ވެސް ހަދީސް ކުރައްވާފައި ވެއެވެ. އެކަލޭގެފާނުގެ ހަދީސްފުޅެއްގައި ވެއެވެ. "މުއުމިނަކު ހާރުގެ ގޮތުގައި ކެއުން އެންމެ ހެޔޮ ވެގެން ވާ އެއްޗަކީ ކަދުރެވެ."

ކަދުރަކީ ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. އެއީ އިންސާނާގެ ހަށިގަނޑަށް ހަކަތަ އިތުރު ކޮށްދޭ އަދި އެ ނޫނަސް ވަރަށް ގިނަ ސިއްހީ ފައިދާތައް ކަދުރުގައި ހިމެނެ އެވެ.

މިހާރު ހާރުގެ ގޮތުގައި ހަމައެކަނި ކަދުރާއި، ފެން ނުވަތަ ކަދުރާ ކިރު ބޭނުން ކުރަން ގިނަ ބަޔަކަށް ކަމުނުގޮސްފާނެ އެވެ. އެހެންވީމަ ދެން ހިފަންވީ އެހިސާބުން ދެން އޮތް އެންމެ ރަނގަޅު ގޮތުގަ އެވެ. އެއީ ތިމާ ކޮންމެ އެއްޗެއް ހާރުގެ ގޮތުގައި ކެއި ނަމަވެސް ކެއުމުގެ ތެރޭގައި ކަދުރު ބޭނުން ކުރުމެވެ. ނުވަތަ ކެެއުން ނިންމާލުމުގެ ގޮތުން ކަދުރު ކޮޅެއް ބޭނުން ކުރުމެވެ. އޭރުން ސުންނަތް އަދާ ކުރެވުނީ އެވެ. އިރާދަކުރެއްވީ ވިޔާ އޭރަށް އެ އަމަލަށް ހެޔޮ ދަރުމަ ލިބޭނެ އެވެ.

  • އަހުމަދު ހަމީދު އާދަމްގެ އެކުލަވައިލުމެއް
  • ރިސާޗް އެހީ: ޝައިހު ހަސަން މޫސާ ފިކްރީ