ރޯދަ މަހަކީ އެ މަހަކަށް އެންމެން ވެސް ނުހަނު އިންތިޒާރު ކުރާ ބަރަކާތްތެރި މަހެކެވެ. އެހެން އޮތް ނަމަވެސް މި އަހަރުގެ ރޯދަ މަސް ބައްދަލުކޮށްފައި މިވަނީ ކޮވިޑް-19 އިގެ ކަޅު ވިލާގަނޑު ދިވެހީންނާ ބޯމަތިވެފައިވާ ދުވަސްވަރެއްގަ އެވެ. ރާއްޖެ މިއަދު މިއޮތީ އެކަކުވެސް ދެކެން ބޭނުންވި ހާލަތެއްގައެއް ނޫނެވެ. ނަމަވެސް އަޒުމަކަށް ވާންވާނީ ރަހުމަތުގެ މި ބަރަކާތްތެރި މަހުގެ އެންމެ ފުރިހަމަ ބޭނުން ހިފުމަށެވެ.
ރޯދައަށް ހުރުމަކީ އެކަމުގެ ސަބަބުން ލޭ ގައިވާ ހަކުރުގެ މިންވަރު ވަކި ހަމައެއްގައި ބަހައްޓައި ދޭނެ ކަމެކެވެ. އެގޮތުން ހަކުރުބަލި ހުންނަ ފަރާތްތަކުގެ ބަލި ކޮންޓްރޯލު ކުރުމަށް ހަގީގަތުގައި ރޯދަ އެހީތެރި ވެދެ އެވެ. މީގެ އިތުރުން ރޯދައަށް ހުރުމަކީ ހަށިގަނޑުގެ ސެލްތަކުގައި ހިނގާ އެކި އެކި މަސައްކަތްތައް ނުވަތަ މެޓަބޮލިސްމް އަވަސް ކޮށްދެ އެވެ. މީގެ ސަބަބުން ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ކުރެ އެވެ. އޭގެތެރޭގައި ބަރުދަން ލުއި ކުރުމަށް އެހީތެރިވުން ހިމެނެ އެވެ.
ރޯދަ ހިފުމަކީ ހަށިގަނޑުގައި އެކުލެވޭ އެކި ވިހަތައް ސާފު ކުރުމަށް ވެސް އެހީތެރި ވެދޭ ކަމެކެވެ. އަދި ހަށިގަނޑުގައި އެކުލެވޭ ސަރުބީގެ މިންވަރު ވެސް ދަށްކޮށް ދެއެވެ. މިފަދަ ސަބަބުތަކާހުރެ ރޯދައަށް ހުރުމަކީ ހިތުގެ ދުޅަހެޔޮ ކަމަށް ވެސް އެހީތެރިވެދޭ ކަމެކެވެ.
ޜޯދަ ހިފުމަކީ ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް ގިނަގުނަ ފައިދާތަކެއް ކުރުވާ ކަމެކެވެ. އެގޮތުން އެހެން މަސްތަކާ އަޅާ ކިޔާއިރު ރޯދަ މަހަކީ އެންމެން ވެސް އަޅުކަން ކުރުމުގައި އިތުރަށް އަވަދިނެތި އުޅޭ މަހެކެވެ. މީގެ ސަބަބުން އެންޑޯފިންސް ނަމަކަށް ކިޔާ ހޯމޯންއެއް ހަށިގަނޑުގައި އުފައްދާ މިންވަރު އިތުރުވެ އުފާވެރިކަމާއި ހިތްހަމަ ޖެހުމުގެ އިހްސާސް ކުރުވަ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރޯދަ މަހަކީ މީހުންގެ ސްޓްރެސް ލެވެލް ތިރިކޮށް ދީ މީހުނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނުވާ މަހެކެވެ.
ޝައްކެއް ނެތް ގޮތުގައި ރޯދަ ހިފުމަކީ އެކަމުގައި ގިނަ ސިއްހީ ފައިދާތަކެއް އެކުލެވޭ ކަމެކެވެ. ނަމަވެސް މި ފައިދާތައް އަހަރުމެންނަށް ލިބި ގަނެވޭނީ އެންމެ އެދެވޭ ގޮތުގައި އަމަލުތައް ބަހައްޓައިގެނެވެ. ހާއްސަކޮށް ކެއިން ބުއިމުގެ ރަނގަޅު އާދަތަކެއްގައި ހިފައިގެނެވެ.
ރޯދަ މަހުގައި ފެނާއި ލޮނު ހަށިގަނޑުން މަދު ވުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލަ އެކެވެ. ވީމާ ރޯދަ ވީއްލުމާ ހާރު ކެއުމާ ދެމެދު ވީހާވެސް ގިނައިން ފެން ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެން ނޫންނަމަ ބޮލުގަ ރިއްސުމާއި ބަނޑު ހަރުވުން ފަދަ އެތަކެއް ސިއްހީ މައްސަލަތަކެއް މެދުވެރިވުން ގާތެވެ. އެގޮތުން ރޯދަ ވީއްލާ ވަގުތުގައި ކަދުރު އަދި އެކި މޭވާގެ ޖޫސް ބޭނުން ކުރެވިދާނެ އެވެ. ނަމަވެސް މި ޖޫސްތައް ތައްޔާރު ކުރާއިރު ބައިވަރު ހަކުރު އަޅައިގެން ދިވެހިން އާންމުކޮށް ގިރާ ފަނިތަކަކީ އޭގައި އެކުލެވޭ ގިނަ ހަކުރުގެ ސަބަބުން ސިއްހަތަށް އެންމެ ރަނގަޅު ބުއިމަކަށް ނުވެދާނެ އެވެ.
ރޯދަ މަހު ތެލުލި ހެދިކާ، ގިނަ ފޮނި ތަކެތި އަދި ހަވާދު ގިނައިން ހުންނަ ކެއުން ތަކުން ވީހާވެސް ދުރުހެލި ވެވޭތޯ ބަލަން ވާނެ އެވެ. ފާހަގަ ކުރެވުނު ގިނަ ސިއްހީ ފައިދާތައް ލިބިގަތުން ބަރޯސާވަނީ ކެއުުގައި އެކުލެވޭ ތަކެއްޗާއި މިންވަރުގެ މައްޗަށެވެ. ރޯދަ މަހަކީ އާ އާދަތަކެއް އަށަގަތުމަށް މަސައްކަތްކުރާ މަހެއް ކަމުގައި ހެދިދާނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރޯދަމަހަކީ ކާމިޔާބު ކަމާއެކު ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ މަހެއް ވެސް މެއެވެ.
ފާހަގަ ކުރެވުނު ގިނަ ސިއްހީ ފައިދާތައް ލިބިގަތުން ބަރޯސާ ވަނީ ކެއުުމުގައި އެކުލެވޭ ތަކެއްޗާއި މިންވަރުގެ މައްޗަށެވެ. ކޮވިޑް-19 ގެ ދަތި އުނދަގޫތައް ތަހައްމަލު ކުރަން ޖެހިފައިވާ މިވަގުތުގައި އަހަރުމެން އެންމެ ހިތް އެދޭ އެންމެ ބޭނުން ނުންވާ އާންމުކޮށް ކެއުން ބުއިމުގައި ބޭނުންކުރާ ތަކެތި މި ދުވަސްވަރު ނުލިބި ދާނެ އެވެ. މި ކަމާމެދު މާޔޫސްވެ ޝަކުވާ ކުރުމުގެ ބަދަލުގައި މިއީ ވެސް ގިނައިން އިސްރާފުވާ ވަރަށް ކާއެއްޗިހި ތައްޔާރު ކުރުމާ މީހާއަށް އުނދަގޫވާ ވަރަށް ކެއުމުން ދުރުހެލިވުމަށް ހިތްވަރުދޭ ކަމަކަށަ ހަދަމާތޯ އެވެ. ކެއުން ބުއިމުގެ ކަންތައް ވީހާވެސް ލުއިކޮށް ސިއްހަތަށް ފައިދާހުރި ގޮތަކަށް ގެންގުޅުމަށް މަސައްކަތް ކުރަމާތޯ އެވެ.