ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިތުުރު 36 މީހަކު ޕޮޒިޓިވް، އަދަދު 177 އަށް

Apr 26, 2020

މާލެއިން އިތުރު 36 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، މުޅި ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު 177 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ޕޮޒިޓިވްވި 36 މީހުންނަކީ ބަންގްލަދޭޝްގެ 29 މީހަކާއި، އިންޑިއާ މީހެެއްގެ އިތުރުން ހަ ދިވެހިންނެވެ. އޭގެ ތެރެއިން 30 މީހަކު އުޅުނީ މީހުން އުޅެން އެކަށީގެންވާ ތަނެއްގައި ނޫން ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި މަހުގެ 15 ދުވަހު މާލެއިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުން ފަހުން ގިނަ އަދަދެއްގެ ކޭސްތައް މާލެއިން ދަނީ ފެންނަމުންނެވެ.

އެ ގޮތުން މިއީ މިހާތަނަށް އެއްފަހަރާ މިހާ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެޗްޕީއޭ އިން އާންމުކުރި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން މިދިޔަ ބުރާސްފަތި ދުވަހަކީ ކޮވިޑް-19 އަށް ރާއްޖެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެ ދުވަހު ވަނީ 23 މީހުން ޕޮޒިޓިވްވެފައެވެ.

ކޮވިޑްއިން ރައްކާތެރިވުމަށް މާލެ އޮތީ 14 ދުވަހަށް ލޮކްޑައުން ކޮށްފައެވެ. އެ މުއްދަތު ދިގު ކުރަަން ޖެހިދާނެ ކަމުގެ އިޝާރާތެއް ކަމާބެހޭ އިދާރާތަކުން ވަނީ ރޭ ބުނެފަ އެވެ.

ރާއްޖޭން މިހާތަނަށް ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ 75 ދިވެހިންނާއި، ބަންގްލަދޭޝްގެ 75 މީހަކާއި، އިޓަލީގެ 11 މީހަކާއި، އިންޑިއާ 10 މީހަކާއި، ލަންކާ ދެ މީހެއްގެ އިތުރުން އެހެން ގައުމުތަކެއްގެ ފަސް މީހެކެވެ.