"ޑޮން" ގައި ޝާހްރުކް ޚާނާއެކު ޕްރިޔަންކާ ޗޯޕްޅާ މަސައްކަތް ކުރި ފަހުން މި ދެ ތަރިންގެ ގުޅުން ވަރަށް ބަދަހި ވެގެން ދިޔަ އެވެ. އަދި ޝާހްރުކްގެ ގެ މަންނަތު އަށް އާދަކޮށް ގޮސް އުޅޭ މީހުންގެ ތެރޭގައި ޕްރިޔަންކާ ހިމެނުނެވެ. އެ ގޭގައި ޕާޓީއެއް، އިވެންޓެއް، ބާތުޑޭ ފާހަގަ ކުރުމެއް ބޭއްވިޔަސް ޝާހްރުކް އާއި އަންހެނުން ގޯރީ ޚާން ދައުވަތު ދޭ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮންނަނީ ޕްރިޔަންކާގެ ނަމެވެ. ނަމަވެސް މި ގުޅުން ވަކި ހިސާބަކުން ކެނޑުނީ އެ ގުޅުން ހުދޫދުން ބޭރުވާން ފެށީމަ އެވެ. ޝާހްރުކް އާއި ޕްރިޔަންކާގެ މެދުގައި އޮތް "ހަމައެކަނި އެކުވެރިކަން" އެއަށްވުރެ ތަންކޮޅެއް މައްޗަށް ދިޔައިމަ އެވެ.
ގޯރީ އާއި ރިތިކް ރޯޝަންގެ އޭރުގެ އަންހެނުން ސުޒާން ރޯޝަން އަކީ އެ ދުވަސްވަރު ވަރަށް ގާތް ދެ އެކުވެރިންނެވެ. މި ގްރޫޕްގައި އެހެން އިތުރު އެކްޓަރުންގެ އަނބިން ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އަރްޖުން ރާމްޕާލްގެ އޭޜުގެ އަނބިމީހާ މެހެރް ޖާސިއާ އާއި ސަންޖޭ ކަޕޫރުގެ އަންހެނުން މަހީޕް ކަޕޫރު އަދި ޗަންކީ ޕާންޑޭގެ އަންހެނުން ބާވްނާ ޕާންޑޭ ހިމެނެ އެވެ.
ޕްރިޔަންކާ އާއި ޝާހްރުކް އާއިލާގެ ގުޅުން ބަދަހިވީ ވަރުން މި "ގާލް ގޭންގް" ގައި ޕްރިޔަންކާ ބައިވެރިކުރީ ގޯރީ އެވެ. ނަމަވެސް ޝާހްރުކް އާއި ޕްރިޔަންކާގެ ސިއްރު ލޯބީގެ ގުޅުމެއްގެ ވާހަކަ މީޑިއާއަށް ފެންމަތިވެ މި އަޑުފައްގަނޑު މާ ގަދަވުމުން ގޯރީ ވަނީ އޭނާގެ އެކުވެރިންގެ ގްރޫޕުން ޕްރިޔަންކާ ބޭރުކޮށްފަ އެވެ.
ގޯރީ މަޑުމަޑުން ޕްރިޔަންކާ އާ ވާޙަކަ ދެއްކުން މަދުކޮށް އޭނާ އާ ދުރުހެލިވާން ފެށުމުން އޭނާގެ އެކުވެރިންތައް ވެސް އެގޮތަށް އަމަލު ކުރަން ފެށި އެވެ. އަދި ގޯރީގެ ގޭގައި އޮންނަ އިވެންޓްތަކަށް ދައުވަތު ދިނުން ހުއްޓާލައި އެ އާއިލާއާ ދުރުވާން ޕްރިޔަންކާ އަށް މަޖްބޫރު ކުރުވި އެވެ.
ގޯރީ މިގޮތަށް ކަންތައް ކުރަން ފެށުމުން ސުޒާން ވެސް ޕްރިޔަންކާ އާ ގުޅުން ކަނޑާލި އެވެ. "އަގްނީޕަތު" ގެ ކާމިޔާބު ފާހަގަކުރަން ރިތިކް ރޯޝަންގެ ގޭގައި ބޭއްވި ޕާޓީއަށް ފިލްމާ އެއްވެސް ގުޅުން ނެތް ގިނަ އެކްޓަރުންތަކަކަށް ދައުވަތު ދީގެން ގެންދިޔަ ނަމަވެސް އެ ފިލްމުގެ ބަތަލާ ޕްރިޔަންކާ އަކަށް ދައުވަތެއް ނުދެ އެވެ. ސުޒާން ގަސްތުގައި ޕްރިޔަންކާ ޕާޓީގައި ބައިވެރި ނުކުރީ އެވެ.
އޭގެ ފަހުން މަޝްހޫރު ވިޔަފާރިވެރިޔާ ޕަރްމޭޝްވަރް ގޯޑްރާޖް ބޭއްވި ޕާޓީއެއްގައި ގޯރީ އާއި އޭނާގެ ގްރޫޕުގެ މީހުން ބައިވެރިވެ އެ ޕާޓީއަށް ގޮސް ހުރި ޕްރިޔަންކާ އެއްގޮތަކަށް ވެސް ފެންނަކަމަށް ވެސް ނަހަދާ އުޅުނެވެ. އެންމެފަހުން ޕްރިޔަންކާ ލަދުން ޕާޓީން ނުކުމެގެން ދިޔައީ އެވެ.
ޕްރިޔަންކާ އާ ދުރުހެލިވެ އޭނާއާއެކު ފިލްމު ނުކުޅެން ޝާހްރުކަށް ވެސް ގޯރީ އިންޒާރު ދިނެވެ. އެ ދެ މީހުން އެއްގޮތަކަށް ވެސް ބައްދަލު ކޮށްގެން ވެސް ނުވާނެކަމަށް ގޯރީ އޮތީ ޝާހްރުކް އަށް އަންގާފަ އެވެ.
ގޯރީގެ މޮޅު ރޭވުމުން ޝާހްރުކް އާއި ޕްރިޔަންކާ ދުރާލާ ދުރު ނުކުރިނަމަ އެ މީހުން ވަކި ނުކުރެވުނީސް ކަމަށް އިންޑަސްޓްރީގެ ގިނަ ބަޔަކު އެއްބަސްވެ އެވެ. އެހާ ވަރަށް ޝާހްރުކް އޭރު ހުރީ ޕްރޔަންކާ އާ ހެދި މޮޔަވެފަ އެވެ.
ޕްރިޔަންކާ އާ އޮތް ލޯބީގެ ކުޅިގަނޑު ނުހުއްޓައިފިނަމަ ޝާހްރުކް ދޫކޮށްލާފައި ގޮސް އެމީހަކު ހޯދާނެ ކަމަށް ވެސް ގޯރީ އިންޒާރު ދިނެވެ. އެންމެ ފަހުން ޕްރިޔަންކާ ދޫކޮށްލަން ޝާހްރުކް އަށް މަޖްބޫރު ވީއެވެ. ދަރިންގެ ހައްގުގަ އެވެ.
އަދި މި ވަރަކުން ވެސް ގޯރީ ހިތްހަމައެއް ނުޖެހުނެވެ. ސަރަގޭޓް މަންމައެއްގެ ޒަރިއްޔާއިން ނަމަވެސް އަލުން ދަރިއަކު ހޯދަން ގޯރީ ނިންމީ ވެސް ޕްރިޔަންކާގެ ހަނދާންތައް ޝާހްރުކްގެ ހިތުން ފުހެލައި ދަރިންގެ ކަންކަމުގައި އޭނާ ބޮޑަށް ޝާމިލު ކުރުވުމަށެވެ. އަބްރާމް އަކީ އެމީހުން އެގޮތުން ހޯދި ދަރިއެކެވެ.
ޝާހްރުކް އަކީ ދަރިން ދެކެ އިންތިހާއަށް ލޯބިވާ މީހަކަށް ވާތީ އެހެން ކުއްޖެއް އަނެއްކާވެސް ލިބިއްޖެނަމަ ޕްރިޔަންކާ މަތިން މުޅިން ހަނދާން ނެތިދާނެކަން ގޯރީ އަށް ޔަގީންވި އެވެ.